މަޝްހޫރު ޓީވީ އެކްޓްރަސް ހީނާ ހާން ރާއްޖެ އައިސްފިއެވެ.
ބަތަލާ ހީނާ އަކީ ރާއްޖެ ދެކެ އިންތިހާއަށް ލޯބިވާ ތަރިއެކެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވާ ހީނާ ބުނީ ރާއްޖެ އަކީ އޭނާ އަށް އެންމެ ކަމުދާ މަންޒިލްކަމަށެވެ. މިފަހަރު ބަތަލާ ހީނާ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ހެރިޓަންސްް އާރަށުގެ ހިތްގައިމު މާހައުލުގައެވެ.
ރާއްޖެ އައުމުގެ މަގުމަތީގައި ޕްލޭނަށް އެރުމަށްފަހު އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ހީނާ ބުނީ މިހާރު މިދަނީ އެންމެ ބެސްޓު މަންޒިލަށް ކަމަށެވެ. އިންސްޓަގްރާމްގައި ހީނާ އަންނަނީ އޭނާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރާ ގޮތުގެ ފޮޓޯތަކާއި ވީޑިއޯތައް އަޕްލޯޑު ކުރަމުންނެވެ. ބަތަލާ ހީނާ އެންމެ ފަހުން ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ.
ސްޓާޕްލަސް އިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގެ އަކްޝަރާގެ ރޯލުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ހީނާ ވަނީ އެ ޑްރާމާގައި ހަ އަހަރު ދުވަސްވަންދެން މަސައްކަތްކޮށްފައެވެ. 2015 ވަނަ އަހަރު އޭނާ އެ ރޯލު ދޫކޮށް ދިޔުމުން އެ ޑްރާމާގެ މެއިން ކެރެކްޓާއަކަށްވީ އޭނާގެ ދަރި ނައިރާ (ޝިވާންގީ) އެވެ. އަދި ޝިވާންގީ ވަނީ މިދިޔަ އަހަރު އެ ޑްރާމާ ދޫކޮށްލާފައެވެ. އޭނާ އެ ޑްރާމާ ދޫކޮށްލުމުން މިހާރު އެ ޑްރާމާގެ ލީޑު ތަރިއަކީ އަކްޝަރާއެވެ.
މި ޑްރާމާ މިހާރުވެސް ސްޓާޕްލަސް އިން ދައްކަމުން އަންނައިރު މިއީ ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާއެވެ. މި ޑްރާމާގެ އިތުރުން ހީނާ ވަނީ "ކަސޯޓީ ޒިންދަގީ ކޭ" ގެ ދެވަނަ ބައިގައިވެސް ހަރަކާތްތެރިވެފައެވެ. އޭނާ އެ ޑްރާމާގައި ކުޅުނީ ކޮމޮލިކާގެ ރޯލެވެ. އޭގެ ފަހުން އޭނާ ވަނީ 2020 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވެފައެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ "ހެކްޑް" އެވެ.