އޮރިޔާން ކާޑު މައްސަލައިގައި އަލަމްގީރް އަށް ކުރާ 40 ދައުވާގެ ހުކުމަކީ ކޮންމެ ދައުވާ އަކަށް 27 ދުވަސް ކަމަށް ޕީޖީން ބުނެފިއެވެ.

އޮރިޔާން ކާޑު ހެދި ކަމަށް އަލަމްގީރުގެ މައްޗަށް ކުރި ހުރިހާ ދައުވާއަކަށް އޭނާ ވަނީ އިއްޔެ އިއުތިރާފް ވެފައެވެ.

ޕީޖީ އޮފީހުން ބުނީ، ދެން އޮންނާނީ އަވަސް ނިޔާގެ ދަށުން ހުކުމްކުރުން ކަމަށާއި، އަލަމްގީރްގެ މައްޗަށް ހުކުމް ކުރުން އޮންނާނީ އަންނަ ބުދަ ދުވަހުގައި ކަމަށެވެ. އަދި އަދަބަކީ ކޮންމެ ދައުވާ އަކަށް ވެސް 27 ދުވަހުގެ ޖަލު ހުކުމެއް ކަމަށް، އެ އިދާރާ އިން ބުންޏެވެ.

އެހެންކަމުން، އޮރިޔާން ކާޑު ހެދި ކަމުގެ ކުށުގައި އަލަމްގީރަށް ދެ އަހަރާއި 9 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭގެ އިތުރުން ވެސް އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވުމުން، އަލަމްގީރް އަންނަނީ ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

އަލަމްގީރް ހައްޔަރުކުރީ ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކަކާ ގުޅިގެންނެވެ. އެ ވީޑިއޯތަކުގެ ތެރޭގައި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއުގެ ވީޑިއޯ ހިމެނެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކުރި ދައުވާތަކަށް އިއުތިރާފް ވުމުން، ނާޒިމް ވަނީ ތިން މަސްދުވަހަށް ގޭބަންދު ކޮށްފައެވެ. އަދި އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.