އިންޑިއާގެ ކަރްނާޓަކާގައި ބުރުގާ އަޅައިގެން ދާ ކުދިން ސްކޫލަށް ނުވެއްދި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް، ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އަޑުއެހުންތައް ނިންމާލައިފިއެވެ.
ދިހަ ދުވަހަށް ދެމިގެން ދިޔަ އަޑުއެހުންތައް ނިމިފައި ވާ އިރު ދެން އޮންނާނީ ހުކުމް ކުރުމެވެ.
64 މިލިއަން މީހުން ދިރިއުޅޭ އިންޑިއާގެ 6 ވަނަ އަށް އެންމެ އާބާދީ ބޮޑު ޝަހަރު، ކަރުނާޓަކާގައި ދިރިއުޅޭ 79 ލައްކަ މުސްލިމުންގެ ތެރެއިން، 17 ލައްކަ އަކީ ކިޔަވާ ކުދިންނެވެ. އެ ކުދިން ކިޔަވަމުން ދަނީ އެ ސްޓޭޓްގައި ހުންނަ ސަރުކާރުގެ ސްކޫލުތަކުގައާއި އަމިއްލަ ސްކޫލްތަކުގައެވެ.
ކަރްނާޓަކައިގެ އުޅޫއްޕީ ގައި ހުންނަ ސަރުކާރު ކޮލެޖަށް، ބުރުގާ އަޅައިގެން މުސްލިމް ދަރިވަރުން ވަނުން މަނާކުރުމާއެކު، އުފެދުނު ހަމަނުޖެހުމުގައި އެ ކޮލެޖްގައި އުޅޭ ހިންދޫ ދަރިވަރުންނާއި އޮފިޝަލުން، މުސްލިމް ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް އިހާނެތިކޮށް ހިތާ، ލާއިންސާނީ ކަންކަން ކޮށްފައި ވެއެވެ. އެގޮތުން، ކޮލެޖް ދޮރުމަތިން ހިފަހައްޓާ، ބުރުގާ ބޭލުވުމާއި، ފަހާ ދުވެ ކުދި އަނިޔާ ކުރުން ފަދަ ކަންކަން މަހެއްހާ ދުވަހަށް ހިނގާފައި ވެއެވެ.
އެއާއެކު، ބުރުގާ އެޅުން މަނާ ކުރި މައްސަލަ، ބައެއް ދަރިވަރުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތައް ގުޅިގެން، އެ ސްޓޭޓްގެ ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ނެރުނު 129 ސޮފްހާގެ ހުކުމްގައި އޮތީ، ބުރުގާ އަކީ، އިސްލާމްދީނުގައި މަޖުބޫރު އެއްޗެއް ނޫން ކަމަށާއި، ބުރުގާ އަޅައިގެން ސްކޫލަށް ވަނުން، އުޅޫއްޕީ ކޮލެޖަށް މަނާ ކުރެވިދާނެ ކަމަށެވެ. އަދި ބުރުގާ އަކީ ޔުނިފޯމްގެ ބައެއްވެސް ނޫން ކަމަށާއި ކަރްނާޓަކައިގެ ހުރިހާ ސްކޫލްތަކަށް ވެސް އެކަން ކުރެވިދާނެ ކަމަށެވެ.
އެ ހުކުމް، ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އަޑުއެހުންތައް ކުރިއަށް ގެންގޮސް ނިންމާލީ އިއްޔެއެވެ. ސްޕްރީމް ކޯޓުގައި ކަރްނާޓަކައިގެ މަސްއޫލު ފަރާތްތަކުން ދިފާއު ކޮށްދެމުން ގެންދިޔައީ، ކޮލެޖުން ނިންމި ގޮތެވެ. އަދި ހައިކޯޓުގެ އަމުރުގައި ބުނާ އަސާސްތައް ދިފާއު ކުރަމުން ގެންދިޔަ އިރު، އެ މައްސަލަ ސްޕްރީމް ކޯޓުގައި ޗެލެންޖް ކުރި، ފަރާތްތަކުން ބުނީ، ބުރުގާ އަކީ މުސްލިމުންގެ ހެދުމުގެ އަސާސީ ބަޔަކަށް ނުވަންޏާ، އިންޑިއާގެ ސިކުން ބޮލުގައި އަޅާ ފަގުޑިއާއި، އަދި ބައެއް ހިންދޫން ބޯމައްޗަށް އެއްލައި ދޯޕައްޓާ ފޮތިގަނޑާއި، އެކިއެކި ގައުމީ، ހާއްސަ މުނާސަބަތުތަކުގައި އެކިއެކި ފަރާތްތަކުން އަޅާ ސަގާފީ ހެދުމާއެކު އޮންނަ ފަގުޑިއާއި ނިއްކުރިމަތީގައި ޖަހާ ޓީއްކާ އާއި، ނިއްކުރިމަތީގައި 3 އިނގިލިން ކުރަހާ ކުރެހުމަކީވެސް އެއީ އެބައެއްގެ ގަބޫލު ކުރުމާއި އަގީދާގެ ބައެއް ކަމުގައި ވާނެގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެއީ އެއީ އެއްބަޔަކަށް ހުއްދަވެފައި އަނެއް ބަޔަކަށް މަނާވާ ކަމެއް ނޫން ކަމަށާއި، ބުރުގާ އަކީވެސް މުސްލިމުންގެ އިންސާނީ ހައްގެއް ކަމަށާއި، އިންޑިއާގެ ގާނޫނު އަސާސީއާއި ގާނޫނުތަކުން ލިބިދީފައި އޮތް ހައްގެއް ކަރްނާޓަކާ ކޮލެޖަށް ނިގުޅައި ނުގަނެވޭނެ ކަމަށެވެ.
ކަރްނާޓަކާގައި ބުރުގާގެ މައްސަލަ ބޮޑުވެގެން ދިޔަ ވަގުތު، މީޑިއާތަކުގެ ސަމާލުކަން ހުއްޓުނު ދެވަނަ ހާދިސާއެއްވެސް ހިނގިއެވެ. އެއީ އެ ސްޓޭޓްގެ މަންދަޔާގައި މުސްކާން ހާން ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ އަންހެނަކު އޭނާ ކިޔަވަމުން ދިޔަ ކޮލެޖަށް ބުރުގާ އަޅައިގެން ވަދެ ﷲ އަކުބަރު ގޮވާ އަޑުއުފުލި ހާދިސާއެވެ. އެހާދިސާއާ ގުޅިގެން މުސްކާންގެ ކެރުމާއި ހިތްވަރަށް ސޯޝަލްމީޑިއާގައި ތައުރީފް އޮހެމުން ދިޔަ އިރު، އެ ހާދިސާ އިތުރަށް ފާހަގަވެގެން ދިޔައީ، މުސްކާން އަށް ހުރަސް އެޅުމަށް އެ ކޮލެޖްގައި ކިޔަވާ ހިންދޫ ދަރިވަރުން، އުނަގަނޑާއި ބޮލުގައި ރަތް ޝޯލް އައްސައިގެން، ޖެއި ޝްރީ ރާމް ގޮވަމުން މުސްކާން އަށް ހަމަލާދޭން މަސައްކަތް ކުރުމުންނެވެ.
ބުރުގާ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާ ގޮތެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބި އިރު، ކަރްނާޓަކާ ސަރުކާރުވެސް އޮތީ އެކަމަށް ބަލާށެވެ.