ދިވެހި ފިލްމު އިންޑަސްޓްރީގެ ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން ފިލްމު "ހިނދުކޮޅެއް" ގައި ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ލަވައެއް ކަމަށްވާ "ލޮލަކަށް ނިންޖެއް ނާދޭ" ހުއްދަ ނެތި ބޭނުންކުރެވުމުގެ ސަބަބުން އެ ކުންފުނިން އަލީ ރަމީޒަށް މައާފަށް އެދިއްޖެއެވެ.

އިއްޔެ ފޭސްބުކް ގައި އަލީ ރަމީޒް ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފިލްމު ހަދަން އުޅޭ ކުންފުންޏަކުން އަޅުގަނޑުގެ (އައްޔަ) އަމިއްލަ އުފެއްދުމެއް އަހާލުމެއްނެތި އެ ލަވަ އެހެން މީހަކު ލައްވައި ކިޔުމައި އެ ލަވައިގެ ރިމިކްސް ހަދައި އެ ލަވައިގެ ވީޑިއޯ ހަދައި ފިލްމަކަށް ލުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އޭނާ އަށް ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ އެފަދައިން އޭނާގެ އަމިއްލަ ޕްރޮޑަކްޝަންތައް ބޭނުންކުރާ ފަރާތްތަކާއި މެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ.

"ވީމާ މީހުންގެ ހައްގުތަކަށް އިހްތިރާމްކޮށް މިފަދައިން ކަންތައް ނުކުރުމަށް އެންމެހާ ފަރާތްތަކަށް ދަންނަވަން. އަދި ފިލްމުކުޅުމުގެ ނަމުގައި ބިންފަސާދަ ކުރުން ހުއްޓާލައި ﷲ އަށް ބިރުވެރިވުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވަން،"

އަލީ ރަމީޒު އެ ޕޯސްޓްކުރިތާ ގާތްގަނޑަކަށް ހަތަރުގަޑިއިރެއްހާ ތެރޭ ޑާކްރެއުނުން ވަނީ ޕޯސްޓެއްކޮށްފައެވެ. އެ ޕޯސްޓުގައި ޑާކްރެއިނުން ބުނީ އެމީހުން އަލީ ރަމީޒުގެ ކިބައިން މައާފަށް އެދިއްޖެ ކަމަށާއި އަދި މައާފް ގަބޫލުކުރީތީ އޭނާއަށް ޝުކުރު އަދާކުރާކަމަށެވެ.

އެއާއެކު ޑާކްރެއިނުން ބުނީ "ލޮލަކަށް ނިންޖެއް ނާދޭ" މި ލަވަ ޑާކްރެއިނުން ހަދާ އެއްވެސް ޕްރޮޑަކްޓަކުން ދެން ނުފެންނާނެކަމަށެވެ.

ޑާކްރެއިނުން މި ލަވަ ނެރުނީ "ހިނދުކޮޅެއް"ގެ ބަތަލާ އާމިނަތު ރަޝްފާ (އާޝާ) ގެ އުފަންދުވަހާ ގުޅުވައިގެންނެވެ. އެ ލަވައިގެ ރިމިކްސް ކިޔާފައި ވަނީ މަރިޔަމް އަޝްފާއެވެ.