ޝެންގްހައި ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަޑައިގަންނަވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

މިއަދާއި މާދަމާ، އުޒުބަކިސްތާނުގައި ބާއްވާ މި ސަމިޓަށް މޯދީ ވަޑައިގަންނަވާ އިރު، މިއީ 2020 ވަނަ އަހަރު ހިމާލަޔާ ބޯޑަރުގައި ޗައިނާ އާއި އިންޑިއާގެ ސިފައިންގެ މެދުގައި ހިނގި ހަނގުރާމައަށް ފަހު އެ 2 ލީޑަރުން ބައްދަލުވާ ފުރަތަމަ ފަހަރެވެ.

ސެންގްހާއި ކޯޕަރޭޝަން ސަމިޓަކީ ޗައިނާއާއި ކަޒަގިސްތާނާއި ކިރިގިސްތާނުގެ އިތުރުން ރަޝިއާ އާއި ތަޖިކިސްތާނު އަދި ޗައިނާއާއި ޕާކިސްތާނާއި އިންޑިއާ ބައިވެރިވާ އެ ސަރަހައްދުގެ ސަލާމަތާއި އިގުތިސޯދާއި އަދި ސިޔާސީ މަސްލަހަތުތަކުގެ މައްޗަށް އެ ގައުމުން އެއްބަސްވެ ހަދާފައި އޮންނަ ކޯޕަރޭޝަނެކެވެ. މި ކޯޕަރޭޝަންގައި އީރާނުންވެސް މިއަހަރުގެ ތެރޭގައި ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މިި ސަމިޓުގައި ޗައިނާގެ ރައިށް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ވްލެޑިމިއާ ޕުޓިން އާއެކު އިންޑިއާގެ ރައީސް ބައިވެރިވަޑައިގަންނަވާ މަޝްވަރާތަކުގައި މިހާރު ކުރިއަށް ދާ ޔޫކްރައިން ހަނގުރާމަ އާއި، ޓައިވާން މައްސަލައިގެ އިތުރުން، ހުޅަނގަ ގުޅޭ ގޮތުންނާއި އިގުތިސޯދީ ދާއިރާއިން މަޝްވަރާ ކުރައްވާނެ ކަމަށް މުރާސިލުން ބުނެއެވެ.

ރަޝިއާ އާއި ޗައިނާ އަކީ "އިމެއް ނެތް ރަހުމަތްތެރިކަން" ގާއިމުކޮށްގެން ތިބި ދެ ގައުމެވެ. މިވަގުރު ޗައިނާގެ އިގްތިސޯދީ ދުވެލި މަޑުޖެހެމުން ދިޔުމާއި، ރޫކްރައިން ހަނގުރާމައިގައި ހުޅަނގާއި އެމެރިކާއިން ރޫކްރައިން އަށް އިންތިހާއަށް މަދަދު ދިނުމާއި، އެ ހަނގުރާމަ އާ ގުޅުވާ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވުމުން، އެ ބޭފުޅުންގެ މަޝްވަރާތަކުގައި އެ ނަޒަރިއްޔާއިންވެސް ވާހަކަ ދައްކަވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ރަޝިއާ އާއި ޗައިނާ އާ ދެމެދު އޮތް ގާތް ގުޅުމުގެ ދަށުން ރަޝިއާއިން ޗައިނާ އަށް ފޯރުކޮށްދޭ ނެޗުރަލް ގޭހުގެ ފައިސާގެ މުއާމަލާތް އެމެރިކާގެ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ ކަމުގައި ވާ ޔުއާން އާއި ރަޝިއާގެ ފައިސާ ކަމުގައި ވާ ރުބެލް އިން ހަމަޖެއްސޭ ގޮތަށް ހުސްވި ހަފްތާގެ އަންގާރަ ދުވަހު ވަނީ އެއްބަސް ވެފައެވެ.

ހަބަރުތައް ބުނާ ގޮތުން، ޝީ އާއި ޕުޓިން އަދި މޯދީގެ ބައްދަލުވުމަށް ފަހު، މެދުތެރޭ އޭޝިއާގައި އިގުތިސޯދީ މަޝްރޫއުތަކެއް ހިންގަން އިއުލާން ކުރައްވާނެއެވެ. އޭގެ ތެރޭގައު އާ ގޭސް ހޮޅިއެއް އެޅުންވެސް ހިމެނޭ ކަމަށް ބުނެއެވެ.

މި ބައްދަލުވުމުގައި އިންޑިއާ ބައިވެރިވާ އިރު އިންޑިއާ އަކީ އެމެރިކާ އާއި ޖަޕާނާއި އޮސްޓްރޭލިއާ ހިމެނެ ގޮތުން އުފައްދާފައި އޮންނަ ކްއަޑްގެ ވެސް މެންބަރެކެވެ. މިއީ ޗައިނާއާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރާ ޖަމާއަތެކެވެ. މި ޖަމާއަތަށް ރަޝިއާ އާއި ޗައިނާވެސް ފާޑުކިޔާފައި ވާއިރު ޗައިނާ ބުނެފައި ވަނީ އެއީ "އޭޝިއަން ނޭޓޯ" ކަމަށެވެ. މި ފާޑުކިޔުންތަކާ އެކުވެސް އިންޑިއާގެ ސިޔާސަތަކީ، ދެކޮޅަށް ހަމަހަމަ ވާނެ ސިޔާސަތެއް ގެންގުޅުމެވެ.

އިންޑިއާއަކީ ހުޅަނގުގެ ޕާޓުނަރަކަށް ވެސް ވުމާއެކު، ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނަގުރާމަ ކުށްވެރި ކުރަން ހުޅަނގުން ޕްރެޝާ ކުރިނަމަވެސް އިންޑިއާއިން އެކަން ކޮށްފައެއް ނުވެއެވެ. އެއާ ހިލާފަށް ހަނގުރާމަ ތެރޭގައިވެސް އިންޑިއާއިން ވަނީ ރަޝިއާގެ ތެޔޮގަތުން އިތުރު ކޮށް ގުޅުން ބަދަހިކޮށްފައެވެ.

މި ބައްދަލުވުމުގެ ހަވާސާގައި މޯދީ ޕުޓިން އާ ބައްދަލުކުރައްވާ އިރު، މިހާރު ގަންނަ ތެލުގެ މިންވަރު އިތުރު ކުރުމާއި، އދ ގެ ސެކިއުރިޓީ ކައުންސިލަށް ވަނުމަށް އިންޑިއާއިން ކުރާ މަސައްކަތަށް ތާއީދު ހޯދުމާ ގުޅެ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާއިން ސެކިއުރިޓީ ކައުންސިލަށް ވަންނަން ބޭނުންވާއިރު އަންނަ އަހަރު އޮންނަ ޖީ 20 ގައުމުތަކުގެ ބައްދަލުވުންވެސް އޮންނަނީ އިންޑިއާގައެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ހަތުރު ޕާކިސްތާނުން ބައިވެރިވި ނަމަވެސް، ބައްދަލުވުމުގެ ހަވާސާގައި ޕާކިސްތާނާ އެކު އިންޑިއާއިން މަޝްވަރާ ކުރާނެ ކަމަށް ނުބެލޭ ކަމަށް މުރާސިލުން ބުނެއެވެ. މީގެ ކުރިން އެސްސީއޯގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުމެއްގައި ޕާކިސްތާނުން ދެގައުމު އިންވާ ބޯޑަރުގެ ހިޔާލީ ޗާޓެއް ގެންގުޅުނު ކަމަށް ބުނެ އިންޑިއާ އިން ބައްދަލުވުން ދޫކޮށް ގޮސްފައިވެސް ވެއެވެ. މިފަހަރު އެހާލަތަށް ނުދިޔަނަމަވެސް ދެގައުމުގެ ދެމެދުގައި އޮން ރުޅިވެރިކަމާއި ވާދަވެރިކަމާ ހުރެ ދެގައުމުގެ ވެރިން ބައްދަލު ކުރުން ދުރު ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އާބާދީގެ 44 ޕަސެންޓް ހިއްސާވާ ގައުމުތައް އެސްސީއޯ ގައި ހިމެނޭ އިރު، މި އެލަޔަންސް ނުވަތަ ބާރަކީ، ހުޅަނގަށް ބިރެއް ކަމަށްވެސް މުރާސިލުން ސިފަކުރެއެވެ. އަދި މި ޖަމާއަތަކީ މުޅި ދުނިޔޭގެ ޖީޑީޕީގެ 30 ޕަސެންތް ހިއްސާ ކުރާ ގައުމުތައް ހިމެނޭ ޖަމާއަތްވެސް މެއެވެ. މި ޖަމާއަތް ވަރުގަދަވެ ހުޅަނގާ ވާދަކުރުމުގެ ބިރު އޮތް އިރު ދުނިޔެގެ ކަޅި މިވަގުތު ހުއްޓިފައި ވަނީ މި ބައްދަލުވުންތަކުގެ ނަތީޖާއަށެވެ.