ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ތާރީހު އޮތް އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު އަވަހާރަވުމުން، އެކަމަނާގެ މިލްކިއްޔާތުގެ ވެރިއަކަށް ވެވަޑައިގަންނަވާނީ ކިންގް ޗާލްސްއެވެ.

ރާނީ އަވަހާރަވި އިރު އެމަނަކާގެ މިލްކިއްޔާތުގައި 500 މިލިއަން ޑޮލަރުގެ އެސެޓް (ހަރުމުދާ) އެބަހުއްޓެވެ. ރަސްކަމުގެ އުސޫލުތައް އޮންނަ ގޮތަކުން، ރަސްކަމުގައި ވާރުތަވާ މުދަލާއި ފައިސާގެ މިލްކުވެރިއަކަށް ވަނީ އެވަގުތަކު ހުންނަވާ ރަސްކަލެއް ނުވަތަ ރާނީ އަކު އަވަހާރަ ވުމުން ދެން އެ މަގާމަށް އިސްކުރެވޭ ފަރާތެކެވެ.

ރަސްކަމަކީ ވާރުވަވާ ގޮތަށް ހިނގަމުން ދާ ނިޒާމެއް ކަމުން ރާނީ އަވަހާރަ ވުމާއެކު، އޮޓޮމެޓިކުން ރަސްކަލަކީ ރާނީގެ ދަރިކަލުން ޗާލްސް އެވެ. އެއާއެކު ރާނީގެ މިލްކިއްޔާތުގައި ހުރި 500 މިލިއަން ޑޮލަރުގެ އެސެޓްވެސް ޓެކްސް (ވާރުތަ މުދަލުގެ ޓެކްސް) އެއް ދައްކަވަން ޖެހިވަޑައިނުގެން ޗާލްސް އަށް ވަނީ ވާތުރަވެފައެވެ.

ސަންޑޭ ޓައިމްސް އިން ހާމަ ކުރި 2022 ވަނަ އަހަރުގެ މުއްސަނދިންގެ ލިސްޓުގައި ރާނީގެ މިލްކިއްޔާތުގައި 426 މިލިއަން ޑޮލަރު ހުރިކަމަށް ބުނެފައި ވެއެވެ. ޗާލްސް އަށް ވާރުތަވާ މުދަލުގެ ތެރޭގައި މަންމާފުޅު އެލިޒަަބަތުގެ ނަންފުޅުގައި ހުރި ބިން ބިމާއި، ކުރެހުންތަކާއި ގަހަނާއާއި، ރަސްމީ ގެކޮޅުތަކާއި ޝާހީ އާކައިވް ހިމެނެއެވެ. މީގެ އިތުރުން ޝާހީ ތާޖުކޮޅުގައި ހުރި 3 ބިލިއަން ޕައުންޑްގެ ޖަވާހިރު ކަލެކެޝަންގެ ރަމްޒީ ވެރިއަކީވެސް ދެން ޗާލްސްއެވެ. މި ތާޖުކޮޅަކީ، ރާނީގެ މިލްކިއްޔާތުގައި ހިމެނޭ އެއްޗެއް ނޫނެވެ. އަދި ތާޖުކޮޅަކީ އެއް ރަސްކަމުން އަނެއް ރަސްކަމަށް ވާރުތަވާ ގޮތަށް އޮތް ހާންދާނީ އެއްޗެކެވެ.

ސެލެބްރިޓީނެތްވޯތުން ހާމަ ކޮށްފައިވާ ގޮތުން، މިހާރުވެސް ޗާލްސްގެ މިލްކިއްޔާތުގައި 100 މިލިއަން ޑޮލަރު އެބަހުއްޓެވެ.

ޗާލްސްގެ މިލްކިއްޔާތުގައި ހުރި ތަންތަނުގެ ތެރެއިން ހުޅަނގު ދެކުނު އިންގްލޭންޑްގައި އޮންނަ ބިން، ޑަޗީ އޮފް ކޯންވެލް، ޗާލްސް ރަސްކަލަށް ބަދަލުވުމާއެކު އޭނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް އަށް ލިބޭނެއެވެ. ޗާލްސް ނެތް ދުނިޔެއެއްގައި ދެން ރަސްކަލަށް ވާނީ ވިލިއަމްއެވެ.

ޝާހީ ހާންދާނުގެ އިންތިޒާމްތައް ހުންނަ ގޮތުން، ރަނިކަމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ރަސްކަލަކަށް ހުންނަވާ ބޭފުޅަކު ރަސްމީ ހަރަދުތައް ކުރައްވަން ޖެހިވަޑައިގަންނަވަނީ ރަސްކަމުގެ ދަށުގައި ހުންނަ މިލްކިއްޔާތުން ލިބޭ އާމްދަނީއިންނެވެ. ފޯބްސް މެގަޒިންއިން ހާމަ ކޮށްފައި ވާ ގޮތުން، 2021 ވަނަ އަހަރު ނިމުނު އިރު މުޅި ޝާހީ ހާންދާނުގެ މިލްކިއްޔާތުގެ އަގު 28 ބިލިއަން ޕައުންޑަށް އަރައެވެ. އިނގިރޭސިވިލާތުގެ ރަސްކަމަކީ، ގިނަ އަދަކަށް އާމްދަނީ ލިބޭ ރަސްކަމެކެވެ. އެގޮތުން، ރަސްކަމުގެ ދަށުގައި ހުންނަ ބިންތަކުން ލިބޭ އާމްދަނީގެ ފައިދާގެ 15 ޕަސެންޓް ކޮންމެ އަހަރަކު ލިބޭނެއެވެ. އެފައިސާއިން ޝާހީ ހާންދާަނުގެ މެންބަރުންގެ ހަރަދުތައް ހަމަޖެއްސުމާއި ގަނޑުވަރުތައް ބަލަހައްޓާ، މުވައްޒަފުންގެ މުސާރަ އާއި، ގަނޑުވަރުތަކުގެ މަރާމާތުގެ މަސައްކަތް ކުރަން ޖެހެއެވެ. އެގޮތުން 2021-2022 ވަނަ އަހަރު ފައިދާގެ 15 ޕަސެންޓްގެ ގޮތުގައި 86 މިލިއަން ޕައުންޑް ލިބިފައި ވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.