ސޮނީ ޓީވީ އިން ގެނެސްދެމުން އަންނަ ލަވަ ޕްރޮގްރާމް "ސުޕަސްޓާ ސިންގާ 2" ގެ ފިނާލޭ މިރޭ އޮންނާނެއެވެ.

މިދިޔަ އޭޕްރިލް މަހުން ފެށިގެން ސޮނީ ޓީވީ ގެނެސްދެމުން އަންނަ ސުޕަސްޓާ ސިންގާ އަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ލަވަ ޕްރޮގްރާމެކެވެ. ހަތަރު މަސްދުވަސް ވަންދެން ދިގުދެމިގެން ދިޔަ ޝޯގެ ފައިނަލިސްޓުންނަކީ މަނީ 11، ސައިޝާ ގުޕްތާ 7، މުހައްމަދު ފައިޒް 14، އާރްޔަނަންދާ ބާބޫ 14، ޕްރާންޖަލް ބިސްވާސް 12 އަދި ރިތުރާޖް 10، އެވެ. ސައިޝާ އާއި ޕްރާންޖަލް އަކީ ޕަވަންދީޕް ގެ ޓީމުގެ ދެ ބައިވެރިންނެވެ. އަދި ރިތުރާޖް އާއި މަނީ އަކީ ސަލްމާން ޓީމުގެ ދެ ބައިވެރިންނެވެ. ދާނިޝް ޓީމުގެ ބައިވެރިޔާ އަކީ އާރްޔަނަންދާއެވެ. އަރުނިތާ ޓީމްގެ ބައިވެރިޔާ އަކީ ފައިޒްއެވެ.

މަނީ

އުމުރުން އެންމެ 11 އަހަރުގެ މަނީ އަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ކުއްޖެކެވެ. ފަގީރު އާއިލާއަކަށް އުފަން މަނީ އަކީ ގިނަ ބައެއްގެ ފޭވަރިޓެވެ. ސްޓޭޖް މަތިން މަނީ އަބަދުވެސް ފެނިގެންދަނީ އޭނާގެ މަންމަ އޭނާއަށް ފަހައިދޭ ގަމީސްތައް ލައިގެންނެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ މަނީ ބުނީ ފައިނަލިސްޓުންގެ ނަންތައް ތެރޭ އޭނާ ހިމެނުމުން ވަރަށް ބޮޑަށް އުފާވި ކަމަށެވެ. މަންމަގެ މޫނުމަތިން ހިނިތުންވުން ފެނި ބައްޕަ އޭނާއާ މެދު ފަހުރުވެރިވާ މަންޒަރު ބެލުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުކަމަށް މަނީ ބުންޏެވެ.

"އެ ވަގުތުކޮޅު އަހަރެންނަށް ބަލާލެވުނީ ދެމީހުންގެ މޫނަށް. އަހަރެންނަށް އިހުސާސްވީ އަހަރެންނަށް ޓްރޮފީ ލިބުނީއޭ،"

މަނީގެ ކޯޗަކީ އިންޑިއަން އައިޑަލް 10 ގެ ވިނާ ސަލްމާން އަލީއެވެ.

ސައިޝާ

މަލްޓި ޓެލެންޓެއްގެ ގޮތުގައި ސައިޝާ ފާހަގަ ކުރެވޭ އިރު އޭނާ އަންނަނީ އާންމުން ހައިރާން ކުރުވާފަދަ ހުށައެޅުންތައް ހުށައަޅަމުންނެވެ. ކޮންމެ ހުށައެޅުމަކަށް ބޮޑު މަސައްކަތެއް ކުރާކަން ފާހަގަވެފައިވާ ސައިޝާ ވަނީ ޑްރަމް ޖަހަން ދަސްކޮށް ޑްރަމް ސެޓާ އެއްކޮށް މި ޝޯގައި ލަވަ ހުށައަޅައިދީފައެވެ. ޕަންޖާބުގެ މޯހަލީ އަށް އުފަން ސައިޝާ ބުނީ ފައިނަލިސްޓުންގެ ނަންތައް އިއުލާންކުރި އިރު އޭނާ ހުރީ ވަރަށް ބިރުން ކަމަށެވެ.

"އަހަރެންގެ ނަން އެންމެ ފަހުން ގޮވީވެސް. ވަރަށް ހިތްތެޅުނު. ނަން ގޮވުމާއެކު އުފަލުން ނެތް ގޮތެއް. މި ޝޯގެ ސަބަބުން އަހަރެންނަށް ބައިވަރު ކަންތައްތައް ދަސްވޭ،"

ސައިޝާގެ ކޯޗަކީ އިންޑިއަން އައިޑަލް 13 ގެ ވިނާ ޕަވަންދީޕް ރާޖަން އެވެ.

ފައިޒް

އުމުރުން 14 އަހަރުގެ މުހައްމަދު ފައިޒް އަކީ ސުޕަސްޓާ ސިންގާ 2ގެ އެންމެ ކާމިޔާބު އެއްބައިވެރިޔާއެވެ. އޭނާ ވަނީ މި ޕްލެޓްފޯމަށް އެރުމަށްފަހު ޖަޖު ހިމޭޝް ރޭޝަމިޔާ އާއެކު މަސައްކަތްކޮށް އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ރެކޯޑްވެސް ކޮށްފައެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒް އަލީ ވަނީ އެ ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ވެސް ފައިޒަށް ދީފައެވެ. އޭގެ އިތުރުން މަޝްހޫރު އެކްޓަރު/ޕްރޮޑިއުސަރު ސަތީޝް ކޯޝިކް ވެސް ވަނީ އޭނާގެ ފިލްމު ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު އޭނާ އަށް ދީފައެވެ. އަދި އެ އެއްބަސްވުމުގައި ސޮއިވެސް ކުރުވާފައެވެ. ޝޯގައި ބައިވެރިވާ ހުރިހާ ގެސްޓުންވެސް ބުނަނީ ފައިޒް ގެ އަޑަކީ "ވޮއިސް އޮފް ރޮމޭންސް" ކަމަށެވެ. އިންޑިއާގެ ރާޖަސްތާނަށް އުފަން ފައިޒް ބުނީ މި ޝޯގެ ކުރިން އޭނާ އަކީ ކާކު ކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށާއި ޝޯއަށް އައިފަހުން އޭނާ އަށް ގިނަ ބައެއްގެ ތަރުހީބާއި ލޯބި ލިބޭ ކަމަށެވެ.

"ހުރިހާ ބައިވެރިން ވެސް އެ މީހަކަށް ކުރެވޭ އެންމެ ބޮޑުވަރު ކުރާނެ. އެންމެ ރަނގަޅަށް ހުށައަޅާ ކުއްޖަކު މޮޅުވާނެ،"

ފައިޒްގެ ކޯޗަކީ އިންޑިއަން އައިޑަލް 12 ގެ ރަނަރަޕް ވަރުނީތާ ކާންޖިލާލްއެވެ.

އާރްޔަނަންދާ

އަޑުއަހައިލަން ހިތްގައިމު ގޮތެއް ހުންނަ އާރްޔަނަންދާގެ ލަވަތަކަކީ ޖަޖުންގެ މެދުގައި މަގްބޫލު ލަވަތަކެކެވެ. ފެށުނީއްސުރެ ޖަޖުންގެ ފޭވަރިޓަކީ އާރްޔަނަންދާ ކަމަށް ޖަޖުން ބުނެއެވެ. ހިތްގައިމު މަޑުމައިތިރި ލަވަތަކެއް ކިޔާ އާރްޔަނަންދާ އަކީ އިންޑިއާގެ ކެރެލާ އަށް އުފަން ކުއްޖެކެވެ. އޭނާ ބުނީ ފައިނަލިސްޓުންގެ ތެރޭގައި އޭނާ ހިމެނުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ޓްރޮފީ އުފުލާލަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"ވަރަށް އުފާވި ދުވަހެއް އެއީ. ފިނާލޭ އަށް ހަމަ އިންތިޒާރުކުރެވެނީ،

އާރްޔަނަންދާގެ ކޯޗަކީ އިންޑިއަން އައިޑަލް 12 ގެ ގަދަ ހައެއްގައި ހިމެނުނު މުހައްމަދު ދާނިޝްއެވެ.

ޕްރާންޖަލް

އިންޑިއާގެ ވެސްޓް ބަންގާޅަށް އުފަން ޕްރާންޖަލް 12، އަކީ އިންޑިއާގެ ސަގާފަތަށާއި އާދަކާދައަށް ވަރަށް ބޮޑަށް ލޯބިކުރާ ބައިވެރިއެކެވެ. ގިނައިން ފޯކް މިއުޒިކްގެ ލަވަތައް ކިޔާ މި ބައިވެރިޔާގެ އަޑަކީ ގިނަ ބަޔަކަށް ކަމުދާ އަޑެކެވެ. ޕްރާންޖަލް ބުނީ މި ޝޯގެ ކޮންމެ ވަގުތުކޮޅެއްވެސް އޭނާގެ ހިތުގައި ރައްކާކުރެވިފައިވާކަމަށާއި ދުވަހަކުވެސް މި ޝޯ ހަނދާނުން ނުފިލާނެ ކަމަށެވެ.

"އަހަރެންގެ ނަން ގޮވުމުން ފުރަތަމަ ގަބޫލުވެސް ނުކުރެވެނު. އަހަރެންނަށް ހީވީ އަހަރެން ހުރީ ހަތް އުޑު މަތީގައޭ. އެހާވެސް އުފާވި. ބޭނުންވަނީ މައިންބަފައިން ފަހުރުވެރިކޮށްދޭން،"

ޕްރާންޖަލް ގެ ކޯޗަކީ ޕަވަންދީޕް ރާޖަން އެވެ.

ރިތުރާޖް

ކެރެލާ އަށް އުފަން ރިތުރާޖް 10، އަކީ ޝޯ ފަޅުފިލުވައިދޭ ބައިވެރިއެކެވެ. ޖަޖު ހިމޭޝަށް ލަނޑުދޭން މަސައްކަތް ކުރާ ރިތުރާޖަށް ޝޯގެ ފިނާލޭ އާ ހަމައަށް އާދެވުނު އިރުވެސް ޖަޖަށް ލަނޑުދެވޭ ގޮތެއް ނުވެއެވެ. އޯޑިއަންސްގެ ފޭވަރިޓް ރިތުރާޖަކީ މީހުން ހެއްވާލުމަށް އަރާ ހުރި ކުއްޖެކެވެ. އޭނާ ބުނީ ސުޕަސްޓާ ސިންގާގެ ހިއްސާ އަކަށްވުމަކީ މައިލްސްޓޯނެއް ކަމަށެވެ. ގެއަށްދާއިރު ދާނީ ހުސްއަތާ ނޫންކަމަށާއި ގެއަށްދާނީ ވަރަށް ބައިވަރު އުފާވެރި ހަނދާންތަކެއް ހިފައިގެން ކަމަށް ރިތުރާޖް ބުންޏެވެ.

"އަސްލު ވަރަށް ހަނދާންވާނެ. މި ޝޯގެ ބައިވެރިންނަކީ އަހަރެންގެ އާއިލާ. ބަލަމާ ވާގޮތެއް. ފިނާލޭގައި އަހަރެންގެ ބެސްޓް ދެއްކޭތޯ މަސައްކަތް ކުރާނަން،"

އޭނާގެ ކޯޗަކީ ސަލްމާނެވެ.

ސުޕަސްޓާ ސިންގާ 2 ގެ ފިނާލޭ ދައްކާނީ މިރޭ ރާއްޖެ ގަޑިން 19:30 ގައެވެ. ރީތި އެތައް ހުށައެޅުންތަކެއް ފެނިގެންދާނެ ފިނާލޭގައި ބައިވެރިވާ ބައެއް ތަރިންނަކީ ވެޓެރަން އެކްޓަރުން ކަމަށްވާ ޕަޑްމީ، ޕޫނަމް ދިލޯން، އާނަންދް، ސޯނޫ ކައްކަރު އަދި ޝައްބީރު ކުމާރެވެ.

މި ޝޯގެ ޓްރޮފީ އުފުލާލާނީ ކޮންބައިވެރިއެއްތޯ ބެލުމަށް ގިނަ ބަޔަކު އަންނަނީ ފިނާލޭ އަށް އިންތިޒާރުކުރަމުންނެވެ.