ހުޅަނގު އިންޑިއާގެ ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ގޭންގު ރޭޕްކޮށް ހިންދޫ ޖަމާއަތަކުން އާއިލާއެއްގެ 14 މީހަކު މަރާލި މައްސަލައިގައި ކުށްވެރި ވި މީހުން ދޫކޮށްލުމުން އަނބުރާ ޖަލަށް ލާން ގޮވާލައި އިންޑިއާގައި ބޮޑެތި މުޒާހަރާތަކެއް ކުރަމުން އެބަދެއެވެ.
އިންޑިއާގެ އަޔޯދިޔާގައި އޮތް ހިންދޫންގެ ދީނީ އެއްވުމަށް ފަހު ގުރުރާތަށް ދަތުރުކުރި ރޭލެއްގައި ރޯކޮށްލައި 59 މީހަކު މަރުވި ހާދިސާގެ ބަދަލު ހިފުމުގެ ގޮތުން، ހިންދޫން ނުކުމެ މުސްލިމުންނަށް ހަމަލާދީ، ރޭޕް ކޮށް މަރާ ހެދި މައްސަލަ އަކީ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް މިހާރުގެ ބޯޑުވަޒީރު ނަރެންދްރަ މޯދީ ހުންނެވި އިރު ހިނގާފައި އޮތް ގަތުލުއާންމެކެވެ. އެ މައްސަލައިގައި ހިންދޫން މުސްލިމުންނަށް ހަމަލާ ދިނީ، އެ ރޭލުގައި ރޯކޮށްލީ މުސްލިމުން ކަމަށް ބުނެއެވެ.
2 މީހަކު ގޭންގް ރޭޕްކޮށް 14 މީހަކު މަރާލި ހާދިސާގައި ސަލާމަތް ވި، ބިލްގިސް ބާނޯ ގުރުތާރު ކޯޓުގައި އުފުލި ދައުވާ އޭނާއަށް ކާމިޔާބުވެ، އެ މައްސަލައިގައި ތުހުމަތުވި 11 މީހަކު 14 އަހަރަށް ޖަލަށް ލީ ނަމަވެސް، އެމީހުންގެ އަހުލާގު ރަނގަޅު ކަމާއި އުމުރަށް ބަލައި އެމީހުން ވަނީ މިމަހުގެ 15 ވަނަ ދުވަހު ދޫކޮށްލާފައެވެ.
މިހާރު މިމައްސަލައިގައި މިނިވަން ބަޔަކު، ދިއްލީ ސްޕްރޯމް ކޯޓަށް އެކަން ބަލައިދޭން ހުށަހަޅާފައި ވާއިރު، އެމީހުން ދޫކޮށްލި މައްސަލައާ ދެކޮޅަށް އިންޑިއާގެ އެގި ސްޓޭޓް ތަކުގައި ބޮޑެތި މުޒާހަރާތައް ދަނީ ކުރަމުންނެވެ. މުޒާހަރާގައި ބައެއް ހިންދޫންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ސިވިލް ސާވިސްގައި ކުރިން މަސައްކަތް ކުރި ގިނަ އަދަދެއްގެ މީހުންނާއި އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް ނިސްބަތްވާ މީހުންގެ އިތުރުން ގިނަ އަދަދެއްގެ މުސްލިމުން ބައިވެރިވަމުން ދާ އިރު، އެމީހުން ގޮވާލަނީ، އެ 11 މީހުން ދޫކޮށްލި މައްސަލަ އަލުން އަނބުރާ ގެންގޮސް އެމީހުން ޖަލަށް ލުމަށެވެ.
މުޒާހަރާގެ ބައިވެރިން މައިތިރި ކުރަން ފުލުހުން އެމީހުންނާ ކުރިމަތިލީ ނަމަވެސް މުޒާހަރާގެ ބައިވެރިންގެ އަޑު ކަނޑުވައެއް ނުލެވެއެވެ.
އެހާދިސާ ބާނޯގެ ދުލުން
އެއީ 2017 ވަނަ އަހަރުގެ ދުވަހެކެވެ. ރޭލުގައި އަލިފާން ރޯވި އިރު އޭރު އުމުރުން 19 އަހަރުގެ ބިލްގިސް ބާނޯ ދިޔައީ ދެވަނަ ދަރިފުޅަކަށް އުންމީދު ކުރަމުންނެވެ. ބަލިވެއިން ދަރިފުޅާއި އޭރު އޭނާގެ ހުންނަ އުމުރުން ތިން އަހަރުގެ އަންހެން ދަރިފުޅާއެކު ގޯދްރާ ކައިރީގައި އޮންނަ ރަންދީކްޕޫރު އަށް ބާނޯ ދިޔައީ އޭނާގެ މައިންބަފައިންނަށް ޒިޔާރަތް ކުރާށެވެ.
ބާނޯ ނުކުމެގެން ދިޔައީ 17 މުސްލިމުން ހިމެނޭ ގްރޫޕެއްގައި ކަމަށާއި އޭގެ ތެރޭގައި އޭނާގެ އަންހެން ދަރިފުޅާއި މަންމަ އާއި މާބަނޑު އަންހެން ކޮއްކޮއަކާއި އޭނާގެ ހަގު ކޮއްކޮމެނާއި އެމީހުންގެ ދަރިންގެ އިތުރުން ބޮޑު ދެ ފިރިހެނުން ހިމެނެއެވެ. ޖެހިގެންއާއި ދެތިން ދުވަހު އެމީހުން އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް، މިސްކިތްތަކުގައި ހިޔާވަހިކަން ހޯދައިގެން ނުވަތަ ހިންދޫ އަވަށްޓެރިންގެ އޯގާތެރިކަމުން ދިރިއުޅެމުން ދިޔައެވެ.
އެއަހަރުގެ މާޗު 3 ވަނަ ދުވަހުގެ ހެނދުނު، އެމީހުން ރައްކާތެރިވާނެ ކަމަށް, ގަބޫލުކުރެވޭ ކައިރީގައި އޮންނަ ރަށަކަށް ދިއުމަށް ފުރިކަމަށާއި، ނަމަވެސް ކުއްލިއަކަށް ފިރިހެނުންގެ ގްރޫޕަކުން އެމީހުން ހުއްޓުވައި, ކަނޑިއާއި ދަނޑިން ހަމަލާ ދިންކަމަށް ބަނޯ ކިޔައިދީފައި ވެއެވެ. އަދި އޭގެ ތެރެއިން އެކަކު އޭނާގެ އަންހެން ދަރިފުޅު އޭނާގެ އުރުން ފޭރިގަނެ ބިންމައްޗަށް އެއްލާލައި އެކުއްޖާގެ ބޯ ހިލަގަނޑެއްގައި ޖެއްސި ކަމަށް ބުންޏެވެ. އޭނާއަށް ހަމަލާދިން މީހުންނަކީ ރަށުގައި ތިބި އޭނާގެ އަވަށްޓެރިން ކަމަށާއި، އެއީ ބޮޑުވަމުން އައިއިރު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އޭނާއަށް ފެނުނު ބައެއް ކަމަށްވެސް ބުނެފައި ވެއެވެ. އެމީހުން އޭނާގެ އުނުގައި އޮތް ހެދުން ދަމައިގަނެ، އޭގެ ތެރެއިން ބައެއް މީހުން އޭނާ ރޭޕްކޮށްފައި ވަނީ، ރަޙުމް ކުރުމަށް އެދި އާދޭސް ކޮށްކޮށް އޮއްވައި ކަމަށް ބާނޯ ވަނީ ކިޔައިދީފައެވެ.
އޭގެ ދެދުވަސް ކުރިން ކުއްޖަކު ވިހެއި، އޭނާގެ ދެބެންގެ ދެދަރި ކޮއްކޮވެސް ރޭޕްކޮށް މަރާލާފައި ވާއިރު, އޭނާގެ އުފަން ދަރިވެސް ވަނީ މަރާލާފައެވެ. ބިލްގިސް ބަނޯ ސަލާމަތްވީ އޭނާ ހޭނެތުމުން, ހަމަލާދިން މީހުން އޭނާ މަރުވެފައިވާ ކަމަށް ގަބޫލުކޮށް އޭނާ ދޫކޮށް ދިއުމުންނެވެ. މި ގަތުލުއާންމުން ސަލާމަތްވީ އޭނާއާއި ހަމައެކަނި ދެ ފިރިހެން ކުދިން ކަމަށާއި އެއީ ހަތަރު އަހަރާއި 7 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށް ބާނޯ ވަނީ ކިޔައިދީފައެވެ.
އިންސާފަށްޓަކައި ބާނޯ ކުރި ހަނގުރާމައަކީ ދިގު އަދި ބިރުވެރި ހުވަފެނެއް ފަދަ މަސައްކަތަކެވެ. ފުލުހުންނާއި ދައުލަތުގެ ބައެއް އޮފިޝަލުން އޭނާއަށް ބިރުދައްކަން މަސައްކަތްކޮށް، ހެކި ނައްތާލައި، މަރުވެފައިވާ މީހުންގެ ޕޯސްޓްމޯޓަމް ނަހަދާ ވަޅުލާފައި ވާކަން ލިޔެކުންތަކުން ފެންނަން އެބައޮތެވެ. ބާނޯ ބެލި ޑޮކްޓަރުން ވެސް އެކަމުގައި ބައިވެރިވެ ބުނީ އޭނާ ރޭޕްކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަށް މަރުގެ އިންޒާރު ވެސް ލިބިފައިވާ ކަމަށް ބަނޯ ބުނެއެވެ.
މިމައްސަލައިގައި އެންމެ ފުރަތަމަ މީހަކު ހައްޔަރުކޮށްފައި ވަނީ 2 އަހަރު ފަހުން، 2004 ވަނަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓުން އެ މައްސަލަ ފެޑެރަލް އިންވެސްޓިގޭޓަރުންނާ ހަވާލުކުރުމުންނެވެ. އަދި ގުޖުރާތުގެ ކޯޓުތަކަށް ބާނޯއަށް އިންސާފު ނުދެވޭނެ ކަމަށް މަތީ ކޯޓުން އެއްބަސްވެ، އޭނާގެ މައްސަލަ މުމްބާއީއަށް ބަދަލުކުރިއެވެ.
އިންސާފަށްޓަކައި އޭނާ ކުރި ހަނގުރާމަ ވަނީ އޭނާގެ އާއިލާގެ ހަމަޖެހުމަށްވެސް އަސަރުކޮށްފައި ކަމަށާއި އެކަމުގެ ސަބަބުން އެތަކެއް ފަހަރު އެމީހުން ދިރިއުޅޭ ގެ ވެސް ބަދަލުކުރަން ޖެހުނު ކަމަށް ބާނޯ ބުންޏެވެ.
''އަހަރެމެންނަށް އަދިވެސް ބިރުން ގެއަށް ނުދެވޭ. ފުލުހުންނާއި ސްޓޭޓް އެޑްމިނިސްޓްރޭޝަނުން އަބަދުވެސް އަހަރެމެންނަށް ހަމަލާދޭ މީހުންނަށް ދަނީ އެހީތެރިވަމުން. ގުޖުރާތުގައި ތިބޭއިރު އަދިވެސް އަހަރެމެން ތިބެނީ މޫނު ނިވާކޮށްގެން، ދުވަހަކުވެސް އެޑްރެސް ނުދެން އެއްވެސް ބަޔަކަށް'' ބާނޯގެ ފިރިމީހާ ބުނެފައި ވެއެވެ.
ކޯޓުގައި މައްސަލަ ހިނގަމުން ދިޔަ އިރު ބާނޯއަށް ހަމަލާދިން މީހުންނަށް މަރުގެ އަދަބު ދިނުމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ފިރިމީހާއާއި ބާނޯ އާދޭސް ކުރަމުން ދިޔައެވެ. ނަސީބު ކަންދިމާކުރި ގޮތުން މުމްބާއީގެ ހައިކޯޓުން އޭރު އެމީހުންގެ މައްޗަށް އުމުރަށް ޖަލަށްލުމަށް ހުކުމް ކުރުމުން ބާނޯ ބުނެފައި ވަނީ "ބަދަލު ހިފުމަށް ޝައުގުވެރި ނުވާ" ކަމަށާއި "ހަމައެކަނި ބޭނުންވަނީ އެމީހުން ކޮށްފައިވާ ކަންތައް އެމީހުންނަށް ވިސްނޭތޯ" ބެލުން ކަމަށެވެ.
"އަހަރެން އުންމީދު ކުރަން ކޮންމެސް ދުވަހަކުން އެމީހުންނަށް އެމީހުން ކުރި ކުށުގެ ބޮޑުކަން ވިސްނޭނެ ކަމަށް" ކުޑަކުދިން މަރާލި ގޮތާއި އަންހެނުން ރޭޕްކުރި ގޮތާ މެދު ނިސްބަތް ކުރަމުން އޭނާ ބުނެފައި ވެއެވެ. ބާނޯ, އިތުރަށް ބުނެފައި ވަނީ އެމީހުން މުޅި އުމުރު ޖަލުގައި ހޭދަކުރުމަށް އޭނާ ބޭނުންވާ ކަމަށެވެ.
ކުއްވެރިން މިނިވަން ކުރުމުން, މިދިޔަ އަންގާރަދުވަހު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބާނޯގެ ފިރިމީހާ ބުނެފައި ވަނީ އޭނާގެ އަންހެނުން ބާނޯ ހުރީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށާއި އެތައް އަހަރެއް ވަންދެން އެމީހުން ކުރި ހަނގުރާމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިމި ދިޔައީ ކަމަށެވެ. އަދި އެމީހުން އިންސާފަށްޓަކާއި ކުރިހާ މަސައްތަކެއް ފެނަށް ދިޔައީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.