ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބް ބައްޗަން 79އ، ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އަމީތާބަށް ކޮވިޑް ޖެހުނުކަން ހާމަކުރަމުން އޭނާ ކުރި ޓްވީޓެއްގައި ބުނީ އޭނާ އަށް އަނެއްކާވެސް ކޮވިޑް ޖެހިއްޖެ ކަމަށާއި ފާއިތުވި ދުވަސްތަކުގައި އޭނާއާ ކައިރީގައި އުޅުން މީހުންވެސް ކޮވިޑަށް ޓެސްޓްކުރުމަށެވެ. އެއީ އެންމެންގެ ރައްކަލަކަށް ކަމަށްވެސް އަމީތާބު ވަނީ އެ ޓްވީޓުގައި ބުނެފައެވެ. އެއާއެކު އަމީތާބުގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ލޯބި ހާމަކޮށް މެސެޖުތައް ހިއްސާކުރަމުންނެވެ.
އެކްޓަރު އަމީތާބަށް އެންމެ ފުރަތަމަ ކޮވިޑް ޖެހުނީ މީގެ ދެ އަހަރު ދުވަސް ކުރިންނެވެ. 2020 ވަނަ އަހަރު އަމީތާބަށް ކޮވިޑް ޖެހުނުއިރު އޭނާގެ އާއިލާގެ ގިނަ މެންބަރުންނަށް ވެސް ވަނީ ކޮވިޑް ޖެހިފައެވެ. އެ ދުވަސްވަރަކީ ކޮވިޑްގެ ރޯޅި އެންމެ ގަދައަށް ފެތުރުނު ދުވަސްވަރެވެ. އޭރު އަމީތާބަށް ކޮވިޑް ޖެހިގެން އޭނާގެ ހާލަތު ވަރަށް ބޮޑަށް ދަށްވެގެން ދިޔައިރު އޭނާ އަށް ފަރުވާ ކުރީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެއެވެ. އަދި އަމީތާބުގެ ދަރިފުޅު އަބީޝޭކް ބައްޗަން އަށް ވެސް ފަރުވާކުރީ ހޮސްޕިޓަލްގައި އެޑްކިޓްކޮށްގެންނެވެ.
އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އަމީތާބަށް ކޮވިޑް ޖެހުނުއިރު އަމީތާބް އަންނަނީ ސޮނީ ޓީވީ އިން ގެނެސްދޭ ކުއިޒް ޝޯ ކޭބީސީގެ ހޯސްޓްކަން ކުރަމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބަތަލާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރާއެކު ފިލްމު "ބުރައްމަސްތުރާ" އިންނެވެ. އެ ފިލްމު ތިއޭޓާތަކުގައި އަޅުވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.