މީ ވަރަށް މަޖާ ވާހަކައެކެވެ. ދިވެހިރާއްޖޭގެ އަޑުން ކުރިން ގެނެސްދޭ "އެބައުޅޭ މިބައުޅޭ" ވާހަކަ ޕްރޮގްރާމުގައި ފޮނުވި ވާހަކައެކެވެ. އުޅެނީ އަނބޮއްފުޅަކާއި ދަނބޮއްފުޅެކެވެ. ދެވެރިން ކުޅެން އުޅެމުން ފެނުނު ދޮންމަދުގަހަކަށް އަނބޮއްފުޅު އަރާ އޮއްވާ އައި ގަދަ ވިއްސާރަވިލާގަނޑެއްގައި ވައިގަދެވެ، އޮތް އޮފިގަނޑުން ކަހާލައިގެން ވެއްޅި ގަހުގެ ތޮފަޅުގައި އަނބޮއްފުޅު ތާށިވީއެވެ. ވިލާގަނޑުގެ ބިރަށް ދަނބޮއްފުޅު ވަނީ ފޫނާއްޓެއްގެ ދަށަށެވެ. ވިލާގަނޑު ދިޔަހެން ހީވީމައި ދަނބޮއްފުޅު ނުކުމެ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އަނބޮއްފުޅު އޮތީ ތާށިވެފައެވެ. ކުކުރަ ކުކުރައެވެ. ދެން ވިސްނާން ހުރެފައި ދަނބޮއްފުޅު ދުއްވައިގަތީ އެހީއެއް ހޯދާށެވެ.

މި ވާހަކައާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މިޖެހުނު ހާލު އަޅުގަނޑު ގުލުވާލާ ހިތް ވަނީ މިގޮތަށެވެ. ރާއްޖޭގެ އެންމެ ބައިބޯ ސިޔާސީ ޕާޓީގެ ރައީސް އަދި ހިތްތަކުގެ ރައީސްގެ ލަގަބު އޮތް، ނަޝީދު، މިފަހަކުން ކުރައްވަމުން ގެންދެވި ކަންތައްތަކާއި، ދައްކަވަމުން ގެންދެވި ވާހަކަތަކާ ހުރެ، މަގުބޫލުކަން ކުޑަވެ، ސިޔާސީ މައިދާނުގައި އެކަހެރިވާތަން ދިޔައީ ފެންނަމުންނެވެ. އެމްޑީޕީ ބައިބައިވެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ ފެކްޝަނަށް ލިބުނު ނާކާމިޔާބީއާއެކު ނަޝީދު ވަޑައިގަތީ އިނގިރޭސިވިލާތަށެވެ. އެނބުރި ވަޑައިގެންނެވި އިރު އިހުނަށް ވުރެ ހާލަތު ގޯސްވެ، އޮތް ނިޒާމުގެ ތެރެއިން ކުރިއަށް ވަޑައިގެންނެވޭނެ މަގެއް ނެތްކަން އެނގިވަޑައިގެން، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު މަސައްކަތް ފެއްޓެވިއެވެ.

ބަރުލަމާނީ ގަރާރާއެކު ނަޝީދު މީޑިއާގެ ކުރިމައްޗަށް ވަޑައިގެން، އެދިވަޑައިގަންނަވާ ގޮތް ވިދާޅުވަމުން ގެންދެވި ނަމަވެސް ނޫސްވެރިންގެ ޝައުގުވެރިކަން ހުރީ 4 ގަނޑު ފޮޓޯއަށެވެ. އެއީ، ރައީސް ސޯލިހު ތިމާގެ އަންހެނަކާއެކު "ހެވިން ސެކްސް" އޭ ވިދާޅުވާ 4 ގަނޑު ފޮޓޯއެވެ. ފޮޓޯގެ ވާހަކަ ޖޯކަކަށް ހައްދަވައި ބަރުލަމާނީ ގަރާރާއެކު ނަޝީދު ދެން ވަޑައިގަތީ ކޮންގްރެސް އަށެވެ. އެޖެންޑާގައި އެ އައިޓަމް ބާއްވާފައި ނަޝީދު ކެމްޕެއިން ފެއްޓެވިއެވެ. އެމްޑީޕީ ހަރުގޭގައި މައުލޫމާތު ދެއްވަމުން ގެންދެވިތާ 3 ވަނަ ރޭ ނަޝީދު ވަޑައިގެންނެވި އިރު އެތަން އޮތީ ފަޅަށެވެ.

ކޮންގްރެސް ފެށުމުން ހަވާސާގައި އާންމު މެންބަރުންނަށް ލޮބީ ކުރައްވާ، ބަރުލަމާނީއަށް ތާއީދު ހޯއްދެމުގެ މަސައްކަތުގައި އެއް މޭޒުން އަނެއް މޭޒަށް ވަޑައިގެންނެވިއެވެ. އަޑެއް އަހާނެ މީހަކު ނުވެގެން، ކޮންގްރެސްގެ ބްރޭކް ގަޑިތަކުގައި މެންބަރުން ކޮފީ މޭޒުތަކާއި ކެއުމުގައި ތިއްބާ އެތަނަށްވެސް ވަޑައިގެން ތާއީދެއް ލިބޭތޯ ބެއްލެވިއެވެ. އަޑެއް އަހާނެ މީހަކު ނުވިއެވެ.

ރައީސް ނަޝީދުގެ ގާތް ބައެއް މެންބަރުންނާ މަޝްވަރާ ކުރައްވަނީ

ކޮންގްރެސްގެ އެ ދުވަހުގެ ދަންފަޅިތައް ނިމިގެން ދިޔަ ފަހުން، ނަޝީދުގެ ފެކްޝަނުން ރައީސް ސޯލިހްގެ ފެކްޝަނާ ސީދާ މަޝްވަރާތައް ބޭއްވިއެވެ. ކޮންގްރެސްގެ އެންމެ ފަހު ދުވަހަށް އަލިވިލުނީ އެ މަޝްވަރާތަކުންވެސް ކޮޅެއް ނުފެނި މޮޅެއް ނުލިބިއެވެ.

ދެން ނަޝީދު ވަޑައިގަތީ ކޮންގްރެސް ސްޓޭޖަށެވެ. ބަރުލަމާނީ ކާމިޔާބު ކުރައްވަން ނަޝީދު ދެން ފެއްޓެވި ވާހަކަ އަމުދުން މެންބަރުންނަކަށް ކަމަކު ނުދިޔައެވެ. މެންބަރުން ހޯބޯ ލަވައި އަޑުގަދަ ކުރަމުން ދިޔައެވެ. އޭރު ނަޝީދު ވިދާޅުވަމުން ގެންދެވީ، ކޮންގްރެސްގައި ތިބީ ގަވައިދާ ހިލާފަށް ގޮފި ހަދައިގެން އައިސް ތިބި މެންބަރުން ކަމަށާއި އެގޮތަށް ގޮފިތައް ހަދައިގެން އައިސް ތިބިކަން ހުރިހާ އެންމެނަށް ވެސް އެނގޭނެ ކަމަށެވެ. ނަޝީދުގެ ވާހަކަފުޅު އެހިސާބަށް ދިޔަ އިރު ކޮންގްރެސްގައި ތިބި މެންބަރުންގެ އަޑާހެދި ވާހަކަފުޅު ކުރިއަށް ނުގެންދެވިގެން ކުރުކޮށްލަވައި އިށީނދެވަޑައިގެންފިއެވެ.

ދެން ފެންނަމުން ދިޔަ މަންޒަރުތައް އަދި މުޅިން ގޯހެވެ. ކޮންގްރެސްގެ އެންމެ ފަހު ދަންފަޅީގައި ވޯޓު ނަގަމުން ދިޔަ އިރު، ހުށަހެޅި ހުރިހާ އިސްލާހެއް 99 ޕަސެންޓުން ދިޔައީ ފާސްކުރަމުންނެވެ. ކޮންގްރެސްގެ ތެރޭގައި އޮތް ރޫހާއި، މެންބަރުންގެ ހާމަކަން ބޮޑު ހިޔާލުތައް ހުރި ގޮތުން، ވޯޓަށް އަހައިފިނަމަ ސައްޕު ޖަހާ ބަރުލަމާނީ ބޭރުކޮށްލާނެކަން ނަޝީދަށް ވިސްނިވަޑައިގަތެވެ.

ދެން ހައްދަވާނެ ގޮތަކާ މެދު ނަޝީދުގެ ގާތް (ފެކްޝަންގެ) ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، ކޮންގްރެސް ހޯލުގެ ހަވާސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވިއެވެ. އެ މަޝްވަރާތަކުގައި ސޯލިހުގެ ފެކްޝަންގެ އިސް އާރުކާޓީވެސް ބައިވެރިވިއެވެ. އެޖެންޑާ ކުރި ހުރިހާ ވޯޓެއް ނަގައި ނިމުމަށް ދިޔަ އިރު، ތާށިވެފައި އޮތް ބަރުލަމާނީއަށް ހަދާނެ ގޮތެއް ނަޝީދު ހޯއްދެވިއެވެ. ގަހުގެ ތޮފަޅުގައި ތާށިވެފައި އޮތް އަނބޮއްފުޅު ސަލާމަތް ވާނެ ކަމުގެ އުންމީދުގައި ދަނބޮއްފުޅު އެކަކު ގާތުން އަނެކަކުގެ ގާތުން އާދޭސް ކުރަމުން ގޮސް، މީދާ ހިފާ ކައިމަދުކޮށްދޭން ކެރޭނެތޯ ބުޅާ ގާތުގައި ބުނީމައި ހޭވައްލާ ތައްޔާރޭ ކިޔާ މީދާ ހިފާ ކައިމަދުކޮށްދޭން ބުޅާ ދުއްވައިގަތް ގޮތަށެވެ. ބުޅާ އަންނާތީ މީދާ ދުއްވައިގަތީ ފޭރުގެ އުއިގަނޑު ކޮށާލާށެވެ. ފޭރު ދުއްވައިގަތީ އިރުވާހުދުގެ ފަހަތުންނެވެ. އިރުވާހުދު ދިޔައީ މާބުރު ކާށެވެ. މާބުރު އެތުގެ ކަންފަތަށް ރީއަޅަން އަންނާނީ އެތް ދިޔައީ ވާރޭފެން ބޮއެ ހުސްކުރާށެވެ. ވާރޭ ދިޔައީ ކަނބުރުގެ އުނދުނުގެ ގިނި ނިވާށެވެ. ކަނބުރު ދުއްވައިގަތީ މާވަޑިކަލޭގެ ފުރޯގެ ފަންވަރު ބާލާށެވެ. މިކަން އެނގިގެން މާވަޑިކަލޭގެ ދުވެގޮސް ރަށް ބޭރުގައި އަނބޮއްފުޅު ތާށިވެފައި އޮތް ބޮޑު މިދިލިގަސް ކަނޑާ ވައްޓާލީއެވެ. އެކަމަކު އަނބޮއްފުޅު އޮތީ މަރުވެފައެވެ.

"އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މި ގަރާރު މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވާ އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސްނުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ތި ހުރިހާ ބޭފުޅުންނާ އެކުގައި މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް، އެންމެންނަށް ގަބޫލުކުރެވޭ ގޮތަށް މިކަމުގައި ފެނިގެންދާނެ،"
ރައީސް ނަޝީދު

ކޮންގްރެސްގެ ފަހު ވަގުތުކޮޅު ޕާޓީގެ އިސްލީޑަރާއި ޕާޓީގެ ރައީސް ސްޓޭޖަށް ވަޑައިގަތެވެ. ނަޝީދަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވިދާޅުވީ، އެހެންވީމައި ގަރާރައިގެން ކުރިއަށް ނުގޮސް އިހަށް ބާއްވާނީ ކަމަށެވެ. އަދި އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ހުރިހާ މެންބަރުންނާ އިތުރަށް މަޝްވަރާ ކުރައްވާނީ ކަމަށެވެ.

ރައީސް ސޯލިހު ކޮންގްރެސްގެ ކްލޯސިން ނޯޓް ނުވަތަ ކޮންގްރެސް ނިންމަވާލެއްވީ މާނަފުން ސިޔާސީ ޅެންބައިތަކުންނެވެ.

"ކޮންމެ ފަދަ ހޫނެއް ވިޔަސް، މެންދުރުގެ އަވިގަދަ ވަގުތުގައި، ކޮންމެ މެންދުރަކަށް ފަހު، ފިނިކަން ހަވީރުގެ އަންނަނީ،"
ރައީސް ސޯލިހު

އެ ޅެން ބައިތުގައި ރައީސް އިޝާރާތް ކުރެއްވީ، އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް ނުތަނަވަސް ކަމާއި، ހާއްސަކޮށް ކޮންގްރެސް ތެރޭގައި ވެސް އެ ނުތަނަވަސްކަން ބޮޑުވެގެން ދިޔަ ނަމަވެސް، ކޮންގްރެސް ނިމިގެން ދިޔައީ ޕާޓީގެ އެންމެހާ މެންބަރުންގެ ހިތަށް ފިނިކަން ގެނެސްދީފައި ކަމަށެވެ. ރައީސް އިޝާރާތް ކުރެއްވި ނުތަނަވަސް ކަމަކީ، ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދި ފުޅާވަމުން ދިޔަ ހިޔާލުތަފާތުވުމުގައި ޕާޓީގެ މެންބަރުން ދެބައިވެ އެއްބަޔަކު ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ކުރަމުން ދިޔަ އިރު އަނެއް ބަޔަކު އެކަމަށް ދޫނުދީ ތިބި ތިބުމާއެކު އޮތް ނުތަނަވަސް ކަމެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ގެންނަން ބޭނުންފުޅުވީ ރައީސް ނަޝީދެކެވެ.

ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރާ ގުޅިގެން އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި ބަރުލަމާނީއަށް މާ ބޮޑު ތާއީދެއް ނުލިބި ކާމިޔާބީ އިއުލާން ކުރައްވައި ކޮންގްރެސް ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، މެންދުރުގެ އަވިގަދަ ވަގުތުގައި ކޮންމެ ފަދަ ހޫނެއް ވިޔަސް، ކޮންމެ މެންދުރުފަހެއްގައި ހަވީރުގެ ފިނިކަން އަންނަ ކަމަށެވެ.