އިންޑިއާގައި ދިރިއުޅެމުންދާ ޔާސްމީން ޝެއިހަށް އޭނާގެ މަންމަ ގެއްލުނީ މީގެ 20 އަހަރު ކުރިންނެވެ. މަންމަ ވަޒީފާއަށް ދުބާއީ އަށް ދިޔަ ގޮތަށް އިންޑިއާ އަށް އެނބުރި އައިސްފައެއް ނުވެއެވެ.
ނަމަވެސް އޭގެ 20 އަހަރު ފަހުން ޔާސްމީނަށް އޭނާގެ މަންމަ މި ވަނީ ފެނިފައެވެ. އަޖައިބު ކުރަނިވި ގޮތަކަށެވެ. ޔާސްމީން ގެ މަންމަ ހާމިދާ ބާނޫ ފެނުނީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގެ ތެރެއިންނެވެ. ޕާކިސްތާނުގެ ޔޫޓިއުބާއެއް ކަމަށްވާ މައުރޫޕްގެ ޔޫޓިއުބް ވީޑިއޯ އަކުން ޔާސްމީންގެ މަންމަ ފެނިގެން ދިޔަ އިރު ޔާސްމީންގެ މަންމަ ހާމިދާ ހުރީ ޕާކިސްތާނުގައެވެ. ދުބާއީއަށް ދިޔަ މީހާ ޕާކިސްތާނާ ހިސާބަޔަށް ދިޔަ ގޮތެއް އަދި ސާފެއް ނުވެއެވެ.
ޔާސްމީން ބުނީ އޭނާގެ މަންމަ އަކީ ދެ އަހަރުން އެއް އަހަރު ކަހަލަ ގޮތަކަށް ދުބާއީ އަށް ދާ މީހެއް ކަމަށާއި ނަމަވެސް 2002 ވަނަ އަހަރު ކައްކާއެއްގެ ވަޒީފާ އެއް ލިބިގެން ދުބާއީ އަށް މަންމަ ދިޔައީ އެޖެންޓެއްގެ އެހީގައި ކަމަށެވެ. އޭގެ ފަހުން މަންމަ އެނބުރި އިންޑިއާ އަށް އައިސްފައި ނުވާކަމަށާއި އެއްވެސް ކަހަލަ ހަބަރެއް ވެސް ނުވާ ކަމަށް އޭނާ ބުންޏެވެ. އެކަމާ ގުޅިގެން ޔާސްމީން ވަނީ އެތައް ފަހަރަކު މަންމަ ދުބާއީ އަށް ފޮނުވި އެޖެންޓާ ބައްދަލުކޮށް ވާހަކަ ދައްކާފައެވެ.
"އެޖެންޓް ބުނީ އާއިލާއާ އެއްވެސް ގުޅުމެއް ބޭނުންނުވާ ކަމަށް މަންމަ ބުނި ކަމަށް. މަންމަގެ ހާލު ރަނގަޅު ކަމަށާއި މަންމަ ހޯދަން މަސައްކަތް ނުކުރުމަށް އެޖެންޓް ބުނިި،" އޭނާ ކިޔައިދިނެވެ.
ޔާސްމީން ބުނީ 20 އަހަރު ފަހުން މަންމަ ފެނުމަށް ކުރި އުންމީދު ފުރިހަމަ ވެއްޖެ ކަމަށާއި މިހާރު މަސައްކަތް ކުރަމުން ދަނީ މަންމަ އެނބުރާ އިންޑިއާ އަށް ގެނައުމުގެ މަސައްކަތް ކަމަށެވެ.