އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ސްރިވަސްތަވާ އަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
އަށްޑިހައިގެ އަހަރުތަކުން ފެށިގެން މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ރާޖޫ އަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނީ އޭނާއަށް ހާޓްއެޓޭކެއް ޖެހުމުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެއެވެ. ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) ހޮސްޕިޓަލުގައި ރާޖޫއަށް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލަތު ކްރިޓިކަލް ކަމަށް އޭނާގެ މެނޭޖަރާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
ރާޖޫގެ ސިކުނޑި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށާއި ރަނގަޅުވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށްވެސް މެނޭޖަރާ ހަވާލާދީ ހަބަރުތައް ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އޭނާގެ އާއިލާއިން ބުނަމުން ދަނީ ރާޖޫގެ ހާލަތު މިހާރު ކުރިއަށް ވުރެ ރަނގަޅުކަމަށެވެ. ރާޖޫއަށް ހާޓްއެޓޭކެއް ޖެހުނު އިރު އޭނާ ހުރީ ޖިމްގައެވެ. ޓްރެޑްމިލްގައި އޭނާ ހުއްޓާ ރާޖޫ ކުއްލިއަކަށް ވެއްޓުނީ ކަމަށާއި ވެއްޓުމާއެކު ލަސްނުކޮށް ހޮސްޕިޓަލަށް ގެންދިޔުމުން އޭނާއަށް ހާޓްއެޓޭކެއް ޖެހިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
މަޝްހޫރު ކޮމީޑިއަން ރާޖޫ އާންމުންގެ މެދުގައި ބޮޑަށް މަގްބޫލުވެގެން ދިޔައީ 2005 ވަނަ އަހަރު ގެނެސްދިން "ދަ ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖް" ގައި ބައިވެރިވިފަހުންނެވެ. ރާޖޫ އަކީ ކޮމީޑިއަންއެއްގެ އިތުރުން އެކްޓަރެކެވެ. އޭނާވެސް އުޅޭ ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި "މޭނޭ ޕިޔާރް ކިޔާ"، "ބާޒީގަރް" އަދި "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ހިމެނެއެވެ. ރާޖޫ އަކީ އުއްތަރަ ޕްރަދޭޝްގެ ފިލްމު ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއާމަންވެސްމެއެވެ.