ހަމަޖެހޭ ސަރުކާރެއް ގާއިމު ކުރެވިއްޖެ ކަމުގައި ވަނީ ނަމަ، 5 މަހެއްހާ ދުވަހުގެ ތެރޭގައި އިގުތިސޯދީ އިންތިހާ ހީނަރުކަމުން އަރައިގަނެވިދާނެ ކަމަށް ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު، ޑރ ނަންދަލާލް ވީރަސިންހަ ވިދާޅުވެއްޖެއެވެ.

ސީއެންއެންއެއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ވީރަސިންހަ ވިދާޅުވީ، ކަން އެހެން އޮތް ނަމަވެސް، އެހާތަނާ ޖެހެންދެން ސްރީލަންކާއަށް ދަތި އުނދަގޫތައް ތަޖުރިބާ ކުރަން ޖެހޭނެ ކަމަށެވެ.

ކާރިސީ އަނދަވަޅުން ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ރައްޔިތުންވެސް ކެތްތެރިކަން އިސް ކުރާނެ ކަމަށް އުއްމީދު ކުރައްވާނެ ކަމަށް ޑރ ވީރަސިންހަ ވަނީ ވިދާޅުވެފައެވެ.

މިއަދު ސްރީލަންކާ އޮތް ހާލަތަށް އެ ގައުމު ވެއްޓުނީ ކުރީގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކަމަށް، ރައީސް ކަމުގެ މަގާމަށް އިއްޔެގެ ވަގުތެއްގައި އައްޔަން ކުރި ރަނީލް ވިކްރަމަސިންހަ ވިދާޅުވި ވިދާޅުވުމަށް އެއްބަސްވެވަޑައިގަންނަވަންތޯ ސީއެންއެންއިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ ވީރަސިންހަ ވިދާޅުވީ، ގަވަރުނަރުގެ ހައިސިއްޔަތުން ސިޔާސީ ވާހަކަ ދެއްކެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ސްރީލަންކާގެ އަދުގެ އިގުތިސޯދީ ހާލަތުގެ ތަފްސީލު ދެއްވަމުން ޑރ ވީރަސިންހަ އިތުރަށް ވިދާޅުވީ، އެ ގައުމުގެ މަރުކަޒީ ބޭންކުގައި ހުރި ވަސީލަތްތައް މުޅިންހެން ހުސްވެފައި ވާ ކަމަށާ، އެކަން އެހެން ދިމާވީ، ޒަރޫރީ އުފެއްދުންތަކުގެ އިމްޕޯޓަށް އެ ފައިސާ ހަރަދު ކުރަން ޖެހުމުން ކަމަށެވެ.

ސްރީލަންކާ ކޮޅަށް ޖެހުމަށް ބޭނުންވާ މާލީ އެހީ ހޯދުމުގެ މަޝްވަރާތައް ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އާއެކު ކުރިއަށް ދާއިރު، އެ އެހީ ހަމަޖެހެންދެންވެސް އެ ގައުމަށް ފައިސާގެ އެހީ ބޭނުންވެއެވެ. ކުރު ރާސްތާގެ މާލީ އެހީގެ ކަންކަން ހަމަޖެއްސުމަށް، އެކުވެރި ގައުމުތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށާ، އަންނަ މަހު އެ މަޝްވަރާތައް ފަށާނެ ކަމަށްވެސް ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވަނީ އިޝާރާތް ކުރައްވާފައެވެ. އެ ގައުމުތަކަކީ އިންޑިއާއާއި ޗައިނާ ފަދަ ގައުމުތައް ކަމަށް ވާ އިރު، އެ ގައުމުތަކަށް ސްރީލަންކާއިން މިހާރުވެސް ދަރާފައި ވާ ދަރަނި ބޮޑެވެ.