މަސްދަރު ހިމާޔަތް ކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހުރިހާ ގައުމަކުންވެސް އިހުތިރާމް ކުރަން ޖެހޭ ހައްގެއް ކަމަށް އިއްތިފާގުވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި، ގާނޫނުތަކާއި ގަރާރުތައް ބައިވަރެވެ. މަސްދަރު ހިމާޔަތް ކުރުމުގެ މޭރުމުން ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އެންމެ ކުރީގައި އުޅެނީ ވިލާތުގެ ގައުމުތަކެވެ. އެކަމަށް ހިތްވަރު ދޭ ތަފްސީލީ ގަވައިދުތައް އެކުލަވާލާފައި ވާ އިރު، އދގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާތާކައި، އެފްރިކަން ޔޫނިއަންގެ އިތުރުން އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސްއިންވެސް އެކަމަށް ހިތްވަރު ދީ، އުސޫލުތައް އެކުލަވާލާފައި ވެއެވެ.
މަސްދަރު ހިމާޔަތް ކުރުމަކީ މިނިވަން ނޫސްވެރިކަމުގެ އަސާސް ކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ވަނީ ބަލައިގެންފައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެ، ގައުމުތަކުން ތަސްދީގު ކުރަމުންދާ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކުންވެސް އެކަން ކަށަވަރު ކޮށްދެއެވެ. މައުލޫމާތު ކޯރު ދެމިގެންދާނެ ފަދައިންނެވެ. އެކަން އެހެން ވާން ނެތް ނަމަ، ބިނާ ކުރަނިވި ރޫހެއްގައި މީޑިއާއަށް ކުރިއަރާ ދެވޭނެ މަގެއް ނެތެވެ. ފާރަވެރިއެއްގެ ގޮތުގައި މައުލޫމާތު އެއްކޮށް، އާންމުންނަށް އެނގުން ހައްގު މައުލޫމާތު ހިއްސާ ކުރެވޭނެ ރައްކާތެރި ވެއްޓެއް ނޯންނާނެއެވެ.
ވަކިން ހައްސާކޮށް ސިއްރު މަސްދަރެއްގެ ވަނަވަރު ހާމަ ކުރުމަކީ "ވަކި ހާއްސަ ހާލަތްތަކެއް" މެދުވެރިވެގެން ނޫނީ އާންމު ކުރަންޖެހޭ މައުލޫމާތު ނޫން ކަމަށް ބައިނަލްއަގުވާމީ މުޖުތަމައު އިއްތިފާގުވެއެވެ. ޒަރޫރީ މަސްލަހަތެއް އޮވެގެން މެނުވީ މަސްދަރު ހާމަ ކުރަންޖެހިގެން ނުވާނެއެވެ.
ޔުނައިޓަޑް ނޭޝަންސް (އދ)
މަސައްކަތުގެ މާހައުލުގެ ތެރެއިން ނޫސްވެރިންގެ މަސްދަރުތައް ހިމާޔަތް ކުރުމަށް އދއިން ހިތްވަރުދެއެވެ. އެކަން އެގޮތަށް ކުރަމުން ދާތާ އެތައް އަހަރެއްވެއްޖެއެވެ.
1952 ވަނަ އަހަރު ސަބްކޮމިޝަން އޮން ފްރީޑަމް އޮފް އިންފޮމޭޝަން އެންޑް އޮފް ދަ ޕްރެސް އިން އެކުލަވާލި ޑްރާފްޓް ކޯޑް އޮފް އެތިކްސްއިންވެސް އެކަމަށް ބާރުދެއެވެ. މައުލޫމާތު އާންމު ކުރާ މަސްދަރުތަކުގެ ސިއްރު ހިފަހައްޓަން ލާޒިމު ކުރެއެވެ. ސިއްރުން ދިން މައުލޫމާތެއްގެ ސިއްރިއްޔާތު ހިފަހައްޓަން ހައްގު އޮވެއެވެ.
އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ޔޫޑީއެޗްއާރް)ގެ 19 ވަނަ މާއްދާއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މާއްދާއެވެ. މަސްދަރު ހިމާޔަތް ކުރުމަކީ އެ މާއްދާގެ މުހިންމު އަސާސެއް ކަމަށް ހިޔާލުފާޅު ކުރުމާ އދގެ ސްޕެޝަލް ރެޕަޓުއާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މަސްދަރު ހާމަ ކުރުމަށް މަޖުބޫރު ކުރެވޭނީ އާންމުންގެ ނުވަތަ ވަކި ފަރުދެއްގެ މަސްލަހަތު ނުރައްކަލަށް ވެއްޓޭ ހާއްސަ ހާލަތެއްގައި ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
ކަން މިހެން އޮތުމުން ބައެއް ގައުމުތަކުން އެ ނުކުތާގެ ނަޖާއިޒު ފައިދާ ނަގައެވެ. އަދި ނިއުސްރޫމްތަކާއި ނޫސްވެރިންނާ ގުޅޭ އިތުރު ތަންތަން ބަލާ ފާސް ކުރުމުގެ ވަރުގަދަ އޮޕަރޭޝަންތައް ހިންގާ، ނޫސްވެރިން ނުވަތަ މަސްދަރު "ހިމޭންކުރުމުގެ" ޖަރީމާތައް އިތުރުވާން ފެށިއެވެ. އެއާއެކު، 2005 ވަނަ އަހަރު، އިންސާނީ ހައްގުތަކާ ބެހޭ އދގެ ކޮމިޝަނުން ވަނީ މަސްދަރު ހިމާޔަތް ކުރުމަށް ނޫސްވެރިންނަށް ލިބިދީފައި އޮތް ހައްގަށް އިހުތިރާމް ކުރުމަށް ގޮވާލާފައެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް
ޔޫގޯސްލާވިއާ ހަނގުރާމައާ ގުޅޭ ވާހަކަތައް ކަވަރު ކުރި ނޫސްވެރިންގެ މަސްދަރުތައް ހިމާޔަތް ކުރުމަށާ، ބަޔާންތައް ނުދިނުމަށް، އދގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް ފޮ ޔޫގޯސްލާވިއާއިން 2004 ވަނަ އަހަރު ކަނޑައެޅި މަންޒަރު ފެނިގެންދިޔައެވެ. އެ ހައްސާސީ ހާލަތުގައިވެސް ވަކި ބަޔަކަށް އެ އިމްތިޔާޒު ދިނެވެ.
ފުރާނައަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ރިއާޔަތްކޮށް، އެކަން ވަޒަން ކުރުމަށް ފަހުގައެވެ. އިސްތިއުނާފީ ޗޭމްބަރުންވެސް އެކަމަށް ތާއީދު ކުރިއެވެ. މަސްދަރު ހާމަ ކުރުމުގެ ފައިދާއާ، ސިއްރު ކުރުމުގެ ފަރަގު އަޅާ ކިއުމަށް ފަހުގައެވެ. އަދި ކާމިޔާބަށް ވާސިލުވުމަށްޓަކާ މަސްދަރު ހިމާޔަތް ކުރުން މުހިންމު ކަމަށް އެ ޗޭމްބަރުންވެސް ނިންމިއެވެ.
މަސްދަރު ހިމާޔަތް ކުރުމުގެ ގާނޫނީ ހައްގު
ދުނިޔޭގެ އެކި ކަންކޮޅުތަކުން 20 އަކަށް ގައުމުން ވަނީ މަސްދަރު ހިމާޔަތް ކުރުމުގެ ހައްގު، ގާނޫނުން ކަށަވަރު ކޮށްދީފައެވެ. އެންމެ އާންމުކޮށް އެ ވާހަކަ ބަޔާން ކޮށްފައި ވަނީ ލެޓިކް އެމެރިކާއާއި ވިލާތު ސަރަހައްދުގައި ކަމަށް ވާ އިރު، އެފްރިކާއާއި އޭޝިއާ ސަރަހައްދުގައި މަދުކަން ފާހަގަ ކުރަން ޖެހެއެވެ.
އެންމެ ތަފްސީލީ ގޮތެއްގައި މަސްދަރު ހިމާޔަތް ކުރުމުގެ ވާހަކަތައް ހިމަނާފައި ވާ އެއް ގާނޫނު އޮންނަނީ ސްވީޑަންގައެވެ. މަސްދަރު ހާމަ ކުރުމުގެ ރޫހާ ހިލާފު ވުމަކީ އެ ގައުމުގައި ޖިނާއީ ކުށެކެވެ. ސިއްރު ހިފެހެއްޓުމަކީ ކޮންމެ މީހަކަށްވެސް ލިބިދީފައި އޮންނަ ހައްގެއްކަން އެ ގާނޫނުތަކުގައި ހަނދާން ނެތިކޮށްފައެއް ނުވެއެވެ.
މަސްދަރު ހިމާޔަތް ކުރުމުގެ ފުރިހަމަ ހައްގު ނޫސްވެރިންނަށް އޮންނަ ގައުމުތަކުގެ އަދަދުވެސް 20 އަށް އަރައެވެ. އެ ގައުމުތަކުގެ ގާނޫނު އެކުލަވާލާފައި ވަނީ މަސްދަރު ހިމާޔަތް ކުރުމުގެ ހައްގުގެ މައްޗަށް އެހެން ގާނޫނެއް ނުހިނގާ ގޮތަށެވެ. އެފަދަ ބައެއް ގައުމުތަކުގެ ތެރޭގައި ޖޯޖިއާ، މެކްސިކޯ، ފަރަންސޭސިވިލާތް، ތުރުކީވިލާތް އަދި އިންޑޮނޭޝިއާވެސް ހިމެނެއެވެ.
ގައުމީ ސަލާމަތާއި މަސްދަރު
ނޫސްވެރިންނަށް ލިބިދީފައި ވާ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ބާރާއެކު މީގެ ކުރިން ފަސް އަޅާ ފޮރުވާފައިވާ އެތައް ސިއްރެއް އާންމުންގެ ލޯ ކުރިމައްޗަށް ދަނީ ތިލަކުރަމުންނެވެ. ބައެއް ވާހަކަތަކަކީ ދައުލަތްތަކުން ބޮޑު ސިއްރުގެ ގޮތުގައި ރައްކާ ކޮށްފައި އޮންނަ ވާހަކަތަކެކެވެ. މިފަދަ ބައެއް ވާހަކަތައް ގެނެސްދީގެން ނޫސްވެރިންނާ ދެކޮޅަށް ކުރާ ދައުވާތައްވެސް މި ފަހަކަށް އައިސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރު ވަމުންނެވެ.
މަސްދަރު ހިމާޔަތް ކޮށްފައި އޮންނަ އޮތުމާ ދެކޮޅަށް ބަހައްޓާ އެންމެ ވަރުގަދަ ހަތިޔާރުތަކެއް ކަމުގައި ވެފައި އޮންނަނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ގާނޫނުތަކާ ގައުމީ ސަލާމަތުގެ ވާހަކައެވެ. ސާވޭލަންސްގެ ނަމުގައި ހިންގާ ބައެއް ހަރަކާތްތަކަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހުދޫދުގެ ތެރެއަށް ވަދެ، ހުރަސް އަޅާ އެއްޗަކަށްވެސް ވަނީ ވެފައެވެ.
ދައުލަތުގެ ސިއްރު ހިފެހެއްޓުން ނުވަތަ ހާމަ ކުރުމަކީ ބައެއް ހާލަތްތަކުގައި، ބައެއް ގައުމުތަކުގައި ޖިނާއީ އަދަބު އިއްވޭ ކަންކަމެވެ. ކަން މިހެން އޮތް އިރު، ދައުލަތުގެ ސިއްރަކީ ކޮބައިކަން ބަޔާން ކުރަނިވި ވަކި މާނައެއް ކަނޑައަޅާ، ބައިނަލްއަގުވާމީ ފެންވަރުގައި އިއްތިފާގުވެވިފައެއްވެސް ނެތެވެ. ގިނައީ އާންމު މާނަތަކެވެ.
ގާނޫނުތައް ގިނަ ފަހަރު ބޭނުން ކުރެވިފައި އޮންނަނީ ކޮރަޕްޝަން ހިމާޔަތް ކުރެވި، ނޫސްވެރިޔާއަށް އަދަބު ލިބޭފަދަ ގޮތަކަށެވެ. ދައުލަތުގެ ސިއްރުތަކާއި ޖިނާއީ އިޖުރާއަތާ ތައާރަޒުވާ މައުލޫމާތު އާންމު ކުރާ ކަމުގައި ވަނީ ނަމަ، އެ ކަމަށް ނޫސްވެރިޔާ ޒިންމާވާންޖެހޭ ގައުމުތައްވެސް މަދެއް ނޫނެވެ. ހަގީގަތުގައި ކުށްކުރި މީހުންނަކީ ނޫސްވެރިން ކަމުގައި ނުވި ނަމަވެސް، ޝަރިއަތުގައި ނޫސްވެރިޔާ 'ގާނާ" ފަހަރުވެސް މަދެއް ނޫނެވެ.
މަަސްދަރު ސިއްރުކުރަން ޖެހޭނި މިނިވަން ނޫސްވެރިކަން ކުރާ ތަންތާ! ނޫސްވެރިކަމުގެ ނަމުގަ ފިތުނަ އުފައްދާ މީހުންގެ އަބުރު ކަތިލާ ތަންތަނުގައެއް ނޫން!