ރޭ ދަންވަރު އަސްކަރީ ފްލައިޓެއްގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވި އިރު އޭނާއާއެކު ދަތުރު ކުރި 4 މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.
ލަންކާގެ މަސްދަރުތަކުން ބުނެފައި ވާގޮތުން، ގޮތަބަޔާ އާއެކު ދެން ދަތުރު ކުރެއްވީ، އަނބިކަނބަލުން ލޮމާ އުދޭނީ ރާޖަޕަކްސައާއި، ބޮޑީގާޑުންގެ ދެމީހުން ކަމަށް ވާ ރަނަސިންގްހަ މުދިޔަންސިލަގެ އާއި ވިކްރަމަރަތްނަ ކޮޑަގޮޑާއެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން، ގޮތަބަޔާ އަދިވެސް ހުންނެވީ، ވެލާނާ އެއާޕޯޓުގެ ވީއައިޕީގައެވެ. ނަމަވެސް މިކަން ދިވެހި ސަރުކާގެ އެއްވެސް އިދާރާއަކުން ޔަގީންކޮށެއް ނުދިނެވެ. އަދި ގޮތަބަޔާ ރާއްޖެ ވަޑައިގތުމަށް އެހީތެރިވެ ދެއްވި ގޮތުގެ ތަފްސީލެއްވެސް ސަރުކާރަކުން ނުދިނެވެ.
ގޮތަބަޔާގެ ދެކަނބަލުން ރޭ ރާއްޖެ ވަޑައިގެންނެވި އިރު، އެ ދެކަނބަލުން ލައްޕަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއާޕޯޓަށް ވަޑައިގެންނެވުމާ ގުޅޭ ގޮތުންނާއި އެކަމުގައި ނަޝީދު އަދާކުރެއްވި ދައުރާ ގުޅޭ ގޮތުން މަޖިލީހާ ސުވާލުކުރުމުން ބުނީ، ރައްޔިތުންގެ މަޖިލީހަށް އެއިން ކަމެއް އެނގިފައި ނެތް ކަމަށެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވިކަން ލަންކާގެ މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވާއިރު، މިއަދަކީ ގޮތަބަޔާ އިސްތިއުފާ ދެއްވަން އޮތް ދުވަހެވެ. މިއަދު އިސްތިއުފާ ދެއްވާނެކަން މީގެ 3 ދުވަސް ކުރިން ގޮތަބަޔާ އިއުލާން ކުރައްވާފައި ވާއިރު، އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވި ކަމަށްވެސް ހާމަކޮށްފައި ވެއެވެ. އަދި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްވެސް ވަނީ އެކަން ހާމަ ކުރައްވާ، އަންނަ ހުކުރުދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާ، މިމަހުގެ 20 ވާ ބުދަ ދުވަހު އާ ރައީސަކު ހޮވާ ވޯޓުލުން ބާއްވަން ފާސްކުރައްވާނެކަން އިއުލާންވެސް ކުރައްވާފައެވެ.
ނަމަވެސް މިއަދު ނިއުޅެމުން އަންނަ އާ ހަބަރަކީ، އިސްތިއުފާގެ ސިޓީ ހުށަނާޅުއްވާ ކަމަށާއި، ގޮތަބަޔާގެ އާއިލާގެ ހުރިހާ ބޭފުޅުންނަށް ލަންކާއިން ބޭރު ނުވެވެނީސް އެކަން ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވާ ކަމަށެވެ. މިކަމުގައި ލަންކާގެ އޮފިޝަލެއްގެ ރަސްމީ ބަހެއް އަދި ނެތެވެ.
ގޮތަބަޔާގެ ދެކަނބަލުން ރާއްޖެއަށް ވަޑައިގަތީ އެންޓަނޯވް-32 މަރުކާގެ މިލިޓަރީ އެއާކްރާފްޓެއްގައި ރޭ ދަންވަރެވެ.
މެންދަމުން އަލިވެ 3 ޖަހަނިކޮށް ރާއްޖެ އައި އެ ފްލައިޓް އެއާޕޯޓަށް ޖެއްސި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސެކިއުރިޓީ އެއާޕޯޓުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ވީޑިއޯތައް ވަނީ އާންމުވެފައެވެ. ނަމަވެސް އެއިން ވީޑިއޯއަކުން ގޮތަބަޔާ ނުފެނުނު ނަމަވެސް ބައެއް މަސްދަރުތަކުން ބުނާގޮތުން، އޭނާ ރާއްޖޭގައި ހުންނަވާނީ ރިސޯޓެއްގައި ކަމަށާއި އެއަށްފަހު ވަޑައިގަންނަވާނީ ޔޫއޭއީއަށެވެ.