ރައީސް ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންފި ކަމަށް ރިޕޯޓުކޮށްފިއެވެ.

އޭނާ ރާއްޖެއަށް ވަޑައިގެންނެވި ވާހަކަ ރިޕޯޓުކޮށްފައި ވަނީ އިއްޔެވެސް ފިއްލަވަން އުޅުއްވާ، ލަންކާގެ އެއާޕޯޓުން އެމަނިކުފާނުގެ ޕާސްޕޯޓުގައި ތައްގަނޑު ޖަހައި ނުދިނުމުން ފިއްލެވޭނެ ގޮތެއްް ނުވެ ހުންނަވާފައެވެ.

ބައެއް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އާއި ބައެއް މަސްދަރުތަކުން ރިޕޯޓު ކޮށްފައި ވާ ގޮތުން އޭނާ ރާއްޖެ ވަޑައިގަތީ، ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ. އެ ފްލައިޓުގައި އޭނާގެ އަނބިކަނބަލުންވެސް ވަޑައިގެންނެވި ކަމަށް ހަބަރުތައް ބުނެއެވެ. އަދި އިތުރު 2 ބޮޑީގާޑުންވެސް އައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަބަރު ފަތުރާ ބޭރުގެ އިދާރާތަކުން ބުނެފައި ވާ ގޮތުން ގޮތަބަޔާގެ ދެކަނބަލުން ރާއްޖެއަށް ވަޑައިގަތީ އެންޓަނޯވް-32 މަރުކާގެ މިލިޓަރީ އެއާކްރާފްޓެއްގައެވެ.

ރޭ މެންދަމުން އަލިވެ 3 ޖަހަނިކޮށް ރާއްޖެ އައި އެ ފްލައިޓް އެއާޕޯޓަށް ޖެއްސި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސެކިއުރިޓީ އެއާޕޯޓުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ވީޑިއޯތައް ވަނީ އާންމުވެފައެވެ. ނަމަވެސް އެއިން ވީޑިއޯއަކުން ގޮތަބަޔާ ނުފެންނަ އިރު، އޭނާ ރާއްޖޭގައި ހުންނެވީ ކޮންތަނެއްގައިކަން އަދި ސާފުވާގޮތެއް ވެސް ނުވެއެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނާގޮތުން، އޭނާ ރާއްޖޭގައި ހުންނަވާނީ ރިސޯޓެއްގައި ކަމަށާއި އެއަށްފަހު ވަޑައިގަންނަވާނީ ޔޫއޭއީއަށެވެ.

މި ކަމަކާ ގުޅިގެން ދިވެހި ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާ އިރު ގޮތަބަޔާ ރާއްޖެއަށް މި ވަޑައިގަތީ، ގޮތަބަޔާއާއި އާއިލާގެ 14 މެނެްބަރަކު ލަންކާއިން ބޭރުވުން ހުއްޓުވާފައި ވަނިކޮށެވެ.

ލަންކާގެ އިގްތިސޯދީ ހާލަތު ދަށަށް ގޮސް ރައްޔިތުން ނިކުމެ ރިޔާސީ ގަނޑުވަރު ހިފާ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ ދިރިއުޅުއްވަ ގެކޮޅުގައި ހުޅުޖަހާ ރޯކޮށް، ގެއްލުން ދީފައި ވާ އިރު، އެ ދެބޭފުޅުންވެސް އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އަދި ގޮތަބަޔާ އިސްތިއުފާގެ ސިޓީގައި ސޮއި ކުރައްވާ، މިއަދުގެ ތާރީހު ޖައްސަވާފައި ވާއިރު، އޭނާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންނެވި އިރު، ދިވެހި ސަރުކާރަށް ނޭނގި އޮވެދާނެ ކަަމާމެދު ސުވާލު އުފެދެއެވެ.