ބޯކޮށް ވާރޭ ވެހެމުން ދާ އިންޑިއާގެ ވިޔަފާރި މަރުކަޒީ ހަބްގެ ގޮތުގައި ސިފަ ކުރަމުން އަންނަ މުމްބާއީއާއި އެ ސިޓީ ވަށައިގެންވާ އަވަށްޓެރި ސަރަހައްދުތަކަށް، އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ރަތް ސަމާލު އިއުލާން ކޮށްފިއެވެ.

އިންޑިއަން މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނީ މިއަދުވެސް މުމްބާއީއަށް ބޯކޮށް ވާރޭވެހޭނެ ކަމަށާ، އެކަމުގެ ސަބަބުން ފެންބޮޑުވުމުގެ އިތުރު ހާދިސާތަކަށް ފުރުސަތު އެބަ އޮތް ކަމަށެވެ.

ހޯމަ ދުވަހުން ފަށައިގެން މުމްބާއީއަށް ކުރަމުން ދާ ގަދަ ވިއްސާރައާއެކު އެ ސީޓީގެ އެކި ހިސާބުތަކުގައި މިހާރު ވަނީ އުނަގަނޑާ ހިސާބަށް ފެން ބޮޑުވެފައެވެ. އަދި ސިޓީގެ އާންމު ހަރަކާތްތައް މުޅިންހެން ހުއްޓުމަކަށް އައިސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މޫސުމީ ވިއްސާރައަކީ އަހަރުގެ މިހާ ހިސާބުގައި އިންޑިއާއަށް އާންމު ވިއްސާރައެކެވެ. ނަމަވެސް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، ފާއިތުވީ އަހަރުތަކުގެ މޫސުމީ ވިއްސާރައިގެ ބާރު އިތުރަށް ގަދަވެފައިވާ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

ވަޒީފާ ހޯދުމަށްޓަކާ ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު މުމްބާއީއަށް ހިޖުރަ ކުރެއެވެ. ނަތީޖާއެއްގެ ގޮތުން އުމްރާނީ ބިނާވެށީގެ ސިނާއަތް ބާރު ދުވެލީގައި ހިނގައެވެ. ނަމަވެސް އެކަށީގެން ވާ ގޮތެއްގައި އެ ސިނާއަތް ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ނުދާ ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ.

ގިނަ ހިސާބުތަކުގައި ހުރި ފެން ހިންދާ ނިޒާމްތަކަކަކީ ގިނަ ދުވަސްތަކެއް ވެފައި ވާ ނިޒާމްތަކެކެވެ. ނަތީޖާއެއްގެ ގޮތުން ފެންބޮޑުވުމުގެ ހާދިސާތަކާ ކުރިމަތިވެއެވެ. ފެންބޮޑުވުމުގެ ހަދިސާތަކާ ކުރިމަތިލާން ޖެހޭ ހިނދު، ގުދުރަތީ ގޮތުން އެ އަސަރު ކުޑަ ކުރުމަށް އޮންނަނީ ޗަކަ ބިން ކަމުގައި ވީ ނަމަވެސް، މުމްބާއީގެ ޗަކަ ބިންތަކުގައި އިމާރާތް ކުރުމުގެ މަސައްކަތ ްކުރިއަށް ގެންގޮސްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.