އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައި ވާ އަވަށްޓެރި ސްރީލަންކާއިން ޕެޓްރޯލް މުޅިން ހުސްވެދާނެ ކަމުގެ އިންޒާރު، އެ ގައުމުގެ އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖޭސޭކަރަ ދެއްވައިފިއެވެ.

ފާއިތުވީ 70 އެތައް އަހަރެއްގެ ތެރޭގައިވެސް އެ ގައުމު ނުދެކޭ ފަދަ ހީނަރުކަމުގެ ފުން އަނދަވަޅަކަށް ވެއްޓިފައިވާ ސްރީލަންކާގައި ޕެޓްރޯލަށް އޮންނަ އާންމު ޑިމާންޑަށް ބަލާނަމަ އެ ގައުމުގައި މިވަގުތު، އެންމެ ދުވަހަކަށް ފުދޭ މިންވަރަށްވެސް ޕެޓްރޯލް ނެތް ކަމަށް ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.

އެންމެ އަވަހަށްވެސް ސްރީލަންކާއަށް ޕެޓްރޯލް ޝިޕްމަންޓެއް ލިބޭނީ 2 ހަފުތާއަށްވުރެވެސް ގިނަ ދުވަސް ފަހުން ކަމަށް ވިޖޭސޭކަރަ ވަނީ ވިދާޅުވެފައެވެ.

ސަޕްލައި ދަތިކުވުމުގެ ސަބަބުން ސްރީލަންކާއިން ހުސްވި ހަފުތާގައި ވަނީ، ޕެޓްރޯލާއި ޑީސަލް ވިއްކާ މިންވަރު، އިންތިހާއަށް ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ޕެޓްރޯލާއި ޑީސަލް ވިއްކަމުން ދަނީ ހަމައެކަނި ޒަރޫރީ ހިދުމަތާ ގުޅިފައިވާ އުޅަނދުތަކަށް އެކަންޏެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިޖޭސޭކަރަ ވިދާޅުވީ ސްރީލަންކާގެ ރިޒާވްގައި ހުރީ 12744 ޓަނުގެ ޑީސަލާއި 4061 ޓަނުގެ ޕެޓްރޯލް ކަމަށެވެ. ދެން އެންމެ އަވަހަށް ލިބެން އޮތް ޕެޓްރޯލް ޝިޕްމަންޓްވެސް ލިބޭނީ ޖުލައި 22 ނުވަތަ 23 ގައި ކަމަށްވެސް ވަޒީރު ވަނީ އިޝާރާތް ކުރައްވާފައެވެ.

ކުރިއަށް އޮތް ހަފުތާ ބަންދުގައި ޑީސަލް ޝިޕްމަންޓެއް ލަންކާއަށް ވަންނާނެ ކަމަށާ، ނަމަވެސް، އެ ގައުމަށް މިހާރު އެތެރެ ކުރަމުންދާ ތެލާއި ހަކަތައިގެ ސަޕްލައިއަށް ދައްކާނެ ފައިސާވެސް ސްރީލަންކާގައި ނެތް ކަން ވިޖޭސޭކަރަ ވަނީ ފާހަގަ ކުރައްވާފައެވެ.

ހަކަތަ ގަތުމަށްޓަކާ މަރުކަޒީ ބޭންކަށް ފޯރުކޮށްދެވެން އޮތީ އެންމެ 125 މިލިއަން ޑޮލަރު ކަމަށާ، އެއީ ތާވަލުކޮށްފައިވާ ޝިޕްމަންޓްތަކަށް ވާ 587 މިލިއަން ޑޮލަރާ އަޅާ ބަލާއިރު އިންތިހާއަށް މަދު މިންވަރެއް ކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަހަރުގެ ކުރީކޮޅު އެ ގައުމުން ގަނެފައިވާ ޝިޕްމަންޓްތަކަށް ދައްކަން ޖެހި، އެހެން ނަމަވެސް ނުދެއްކި ހުރި ފައިސާގެ އަދަދު އެކަނިވެސް 800 މިލިއަން ޑޮލަރަށް އަރާ ކަމަށް، ސްރީލަންކާގެ ހަކަތައާ ބެހޭ ވަޒީރު ވިޖޭސޭކަރަ ވަނީ ވިދާޅުވެފައެވެ.

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ސްރީލަންކާއަކީ، 1970ގެ އަހަރުތަކުގައި ދުނިޔެއަށް ކުރިމަތިވި ތެލުގެ ދަތިކަމުގެ ކާރިސާއަށް ފަހު، އާންމުންނަށް ޕެޓްރޯލް ވިއްކުން ހުއްޓާލުމުގެ ހަރުކަށި ފިޔަވަޅު އެޅި ފުރަތަމަ ގައުމެވެ. 1970ގެ އަހަރުތަކުގައި ކުރިމަތިވި ތެލުގެ ހީނަރުކަމާއެކު ވިލާތާއި އެމެރިކާގައި ހަކަތަ ވިއްކާފައި ވަނީ ވަކި މިންވަރެއްގެ ކޮންޓްރޯލަކާއެކުގައެވެ.

އިންތިހާ މާލީ ހީނަރުކަމާ ކުރިމަތިލާންޖެހިފައިވާ ސްރީލަންކާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަރުވާ ފަދަ ޒަރޫރީ ތަކެތި ގަތުމަށްވެސް އެ ގައުމަށް ވާނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

މި ހައްސާސީ ދަނޑިވަޅުގައި ބައިނަލްއަގުވާމީ އެހީއަށް އެދި ސްރީލަންކާއިން ސަލާން ޖަހަމުން ދާއިރު، ސަރަހައްދީ ފެންވަރުގައި އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ފައި ވިއްދައިގެން އޮތް އިންޑިއާ، ޗައިނާ އަދި ޖަޕާން ފަދަ ގައުމުތަކުން މިހާރުވެސް ދަނީ އެކި ގޮތް ގޮތުން ސްރީލަންކާއަށް އެހީ ފޯރުކޮށްދެމުންނެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިންވެސް ދަނީ ސްރީލަންކާއަށް އެހީ ހަމަޖައްސާ ދިނުމުގެ މަޝްވަރާތައް ކޮށް، ޕްލޭންތައް އެކުލަވާލަމުން ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާއަކީ އެކި ބޭނުންތަކުގައި ގައުމުން ބޭރުގައި އެންމެ ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެގެން އުޅޭ އެއް ގައުމެވެ. ނަމަވެސް ސްރީލަންކާއަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ލުޔެއް ހޯދާ ދިނުމަށް ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި އެހީގެ އަތެއް ދިއްކޮށްލާފައި ނުވެއެވެ. އެއީ ކީއްވެތޯ ދަ ޕްރެސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދިވެހި ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުޙައްމަދު ވިދާޅުވީ، މި ވަގުތު އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.