އިގުތިސޯދީ އަދި މާލީ ގޮތުން އިނދަ ޖެހިފައި ވާ އަވަށްޓެރި ސްރީލަންކާ ދޫކޮށް، ގަވައިދާ ހިލާފަށް އެހެން ގައުމަކަށް ހިޖުރަ ކުރަން ދަތުރު ފެށި ބަޔަކު، ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން މިއަދު ހެނދުނުގެ ވަގުތެއްގައި އަތުލައިގެންފިއެވެ.

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން މިއަދު ހެނދުނު 51 މީހަކު އަތުލައިގެންފައި ވަނީ ދިގު ރާސްތާ މަސްދަތުރުތަކުގައި ބޭނުން ކުރާ ފާޑުގެ މަސްބޯޓަކުންނެވެ. އެމީހުން މަސައްކަތް ކުރަމުން ދިޔައީ، ކަނޑު މަގުން އެހެން ގައުމަކަށް ހިޖުރަ ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް މިސްރާބު ޖެހި ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ގަވައިދާ ހިލާފަށް ހިޖުރަ ކުރާ މީހުންނާއި އެނޫންވެސް ޣައިރު ގާނޫނީ ހަރަކާތްތައް ހިންގާތޯ ބެލުމަށް، ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ގަވައިދުން އޮޕަރޭޝަންތައް ހިންގައެވެ. އެފަދަ އޮޕަރޭޝަނެއްގައި މިއަދު އަތުލައިގަތް 51 މީހުންގެ ތެރޭގައި 41 ފިރިހެނުންނާއި، 5 އަންހެނުންނާއި 5 ކުޑަކުދިން ހިމެނެއެވެ.

މި މައްސަލާގައި ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 05 އަހަރާއި 56 އަހަރާ ދެމެދު އުމުރުފުރާގެ މީހުން ކަމަށް ހަބަރު ލިބެއެވެ. އަދި ޝަރުއީ އިޖުރާތުގެ ކަންކަން ފުރިހަމަ ކުރުމަށް، ޓްރިންކޮމަލީ ހާބާ ޕޮލިހާ އެމީހުން ހަވާލު ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއައި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުލައި 2 ވަނަ ދުވަހުވެސް 24 މީހަކު ވަނީ އަތުލައިގެންފައެވެ. އެމީހުން އަތުލައިގެންފައި ވަނީ ގަވައިދާ ހިލާފަށް ހިޖުރަ ކުރަން ފުރުމުގެ ކުރިން، ތަނެއްގައި މަޑުކޮށްގެން ތިއްބައެވެ. އެ ގުރޫޕުގައި 10 ކުޑަކުދިން ހިމެނޭއިރު އެންމެ ހަގު ކުއްޖާގެ އުމުރަކީ އެންމެ 3 މަސް ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ޣައިރު ގާނޫނީ ގޮތުގައި އެއްތަނުން އަނެއް ތަނަށް މީހުން އުފުލުމުގެ ވަގުފާރި ކުރާ ފަރާތްތަކަށް ސަމާލު ވުމަށް ގޮވާލާފައެވެ.