އިގުތިސޯދީ އަދި މާލީ ހީނަރުކަމާ ކުރިމަތިވެ، އިނދަޖެހިފައިވާ ސްރީލަންކާ ކޮޅަށް ޖެހުމަށް ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އިން އެއްވެސް ކަހަލަ އެއްބަސްވުމެއް އެކުލަވާލަންޖެހޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވެގެން އެކަނި ކަމަށް އެމެރިކާގެ ގާނޫނު ހާދާ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓްގެ، ހާރިހީ ގުޅުންތަކާ ބެހޭ ކޮމިޓީ (އެފްއާރްސީ) އިން އިންޒާރު ކޮށްފިއެވެ.

އައިއެމްއެފްއިން އެއްބަސްވުން އެކުލަވާލަން ޖެހޭނީ ސްރީލަންކާގެ މަރުކަޒީ ބޭންކުގެ މިނިވަންކަން ކަށަވަރުކޮށް، ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކޮށް، އަދި ގާނުން ވެރިކަން ހިންގުމުގެ ނިޒާމު ޕްރޮމޯޓް ކުރުމުގެ ތެރެއިން ކަމަށް އެމެރިކާގެ ސެނެޓްގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއިން ވަނީ ގޮވާލާފައެވެ.

އެފަދަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ސްރީލަންކާގެ އިގުތިސޯދަށް އިތުރު ތަކުލީފުތަކެއް ކުރިމަތިވެ، ދަރަނި ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރު، އެފްއާރްސީއިން ކުރި ޓްވީޓެއްގައި ވަނީ ދީފައެވެ.

ސްރީލަންކާގެ ހާލަތު ދިރާސާ ކުރުމަށް އެގައުމަށް ދަތުރު ކުރި އައިއެމްއެފްގެ ވަފުދުގެ މަސައްކަތްތައް ޖޫން 30 ވަނަ ދުވަހު ނިންމާލާފައި ވާ އިރު، އެ އިދާރާގެ ސިޔާސަތުތަކުގެ ތެރެއިން ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް ވަނީ ދީފައެވެ.

އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސްރީލަންކާއަށް ދަތުރު ކުރި އައިއެމްއެފްގެ ވަފުދުން ކުރިއަށް ގެންދިޔަ ބައްދަލުވުންތައް ނިންމާލާފައި ކަނޑައެޅިގެން ވަކި ކޮޅެއްގައި ނުޖެހިއެވެ.

މަސަހީރޯ ނޮޒާކީއާއި ޕީޓާ ބްރޫއާ އިސްކޮށް ހުންވައިގެން ޖޫން 20 އިން 30 އަށް، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކާއެކު ސްރީލަންކާގައި ހަރަކާތްތެރިވި އައިއެމްއެފްގެ ޓީމުން މަސައްކަތް ކޮށްފައި ވަނީ ހުރިހާ ގޮތަކުން ވަށާ ޖެހޭ އިގުތިސޯދީ އިސްލާހީ މަޝްރޫއެއް އެކުލަވާލުމަށެވެ.

ސްރީލަންކާއަށް ލިބޭ އާމްދަނީ އިންތިހާއަށް ހީނަރުވަމުން ދާ އިރު، ޓެކްސްގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަކީ، މިހާރުން މިހާރަށް ކޮންމެހެންވެސް ގެންނަން ޖެހޭ ބަދަލެއް ކަމަށް އައިއެމްއެފްއިން ވަނީ ފާހަގަ ކޮށްފައެވެ. އިތުރު ގޮންޖެހުންތަކުގެ ތެރޭގައި ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް ކޮންޓްރޯލް ކުރުމާއި، ގަނެވިއްކުމުގެ ބާޒާރު ހަމައަކަށް އެޅުވުމުގެ އިތުރުން، ކޮރަޕްޝަންއަށް އޮތް ހައްސާސީ ފުރުސަތުތަކާ ކުރިމަތިލުން ފަދަ ކަންކަން އައިއެމްއެފްއިން ވަނީ ފާހަގަ ކޮށްފައެވެ.

ކަން މިހެން އޮތް އިރު، އިގުތިސޯދީ އިސްލާހީ ބަދަލު ގެނައުމުގައި ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރުވެސް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކޮށްފައި ވާ ކަމަށްވެސް އައިއެމްއެފްއިން ވަނީ ފާހަގަ ކޮށްފައެވެ.

އައިއެމްއެފްގެ ޓީމުން ސްރީލަންކާއަށް ކުރި ދަތުރުގައި އެ ގައުމުގެ ސަރުކާރުގެ އެންމެ މަތީ ފަންތީގެ އޮފިޝަލުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި، ތަރައްގީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް ހަބަރު ލިބެއެވެ.