ޕާކިސްތާނުގެ މޯލްއެއްގެ ތެރޭގައި ހުރި ސަމްސަންގް ވައިފައި ޑިވައިސްއަކުން، މި އުއްމަތު ނަބީއްޔާ، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރާ މެސެޖެއް އަޑުގަދަކޮށް ޕްލޭ ކުރި މައްސަލާގައި، ސަމްސަންގް ކުންފުނީޣެ 27 މުވައްޒަފަކު ހައްޔަރުކޮށް ތަހުގީގު ފަށައިފިއެވެ.

ކަރާޗީގެ ސްޓާ ސިޓީ މޯލްގައި ހަރުކޮށްފައި ހުރި ވައިފައި ޑިވައިސްއަކުން ލާދީނީ މެސެޖުތަކެއް ފެތުރި މައްސަލާގައި، ގިނަ ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ޕާކިސްތާނުގެ މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި މުޒާހަރާ ފެށުނީ، ސަމްސަންގްގެ މުވައްޒަފަކު، ވައިފައި ޑިވައިސްއަކަށް ލާދީނީ ނަމެއް ދިން ހިސާބުންނެވެ. އަދި ލާދީނީ ކިއުއާރް ކޯޑެއް ސަމްސަންގްއިން ތައާރަފު ކުރި ކަމަށް ބުނާ ރިޕޯޓެއްވެސް ވަނީ ފެންމަތިވެފައެވެ.

މަސްރަހު ހޫނުވާން ފެށުމުން، ކަރާޗީގެ ފުލުހުން އެކަމަށް ހުރަސް އަޅާ، ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ޑިވައިސްވެސް ގެންގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ ތަރުޖަމާނަކު ވަނީ، އެ ޑިވައިސް ހަރުކުރި މުވައްޒަފު ދެނެގަތުމުގެ ތަހުގީގު ކުރިއަށް ދާ ކަމަށް ވިދާޅުވެފައެވެ.

ހާދިސާއާ ގުޅިގެން ސަމްސަންގް ކުންފުނިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ދީނީ ފިކުރުގައި އެކުންފުންޏަކީ ވަކި ފަރާތަކަށް ބުރަވާ ކުންފުންޏެއް ނޫން ކަމަށާ، ޕާކިސްތާނުގައި ހިނގާދިޔަ ހާދިސާގެ ތަހުގީގެއް ކުންފުނީގެ ފެންވަރުގައި ފަށާފައި ވާ ކަމަށެވެ.

މި ދަނޑިވަޅަކީ އިންޑިއާގައި ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީގެ 2 އޮފިޝަލަކުވެސް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރި މައްސަލާގައި އެ ގައުމުގައިވެސް މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެކެވެ. އިންޑިއާގެވެރިކަން ކުރާ ޕާޓީގެ މެންބަރުންގެ އަމަލުތަކާ ގުޅިގެން، ދުނިޔޭގެ އެކި ގައުމުތަކުން ޑިޕްލޮމެޓިކް ފެންވަރުގައިވެސް އިންޑިއާއާ ދެކޮޅަށް އަޑު އުފުލާފައި ވެއެވެ.