ވާދަވެރިކަން އިތުރުވެ، އިޝްތިރާކު ހީނަރުވެ، ކުރިއެރުން މަޑުޖެހުމުގެ ތަކުލީފުތަކާ ކުރިމަތިލާންޖެހިފައިވާ މަޝްހޫރު ވީޑިއޯ ސްޓްރީމިންގް ޕްލެޓްފޯމް، ނެޓްފްލިކްސްއިން އަނެއްކާވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަން ނިންމާ، އެކަން އިއުލާން ކޮށްފިއެވެ.

ނެޓްފްލިކްސް ކުންފުނިން ވަނީ އެ ކުންފުނީގެ މަސައްކަތްތެރިންގެ އާބާދީގެ ގަތްގަޑަނޑަކަށް 4 ޕަސެންޓް ނުވަތަ 300 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ނިންމާފައި ވާ ކަން ހާމަ ކޮށްފައެވެ. މެއި މަހުވެސް އެ ކުންފުނިން ވަނީ 150 މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައެވެ.

ނެޓްފްލިކްސް ކުންފުނިން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ، 10 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް، އެ ކުންފުނީގެ އިޝްތިރާކު ރޭޓު ނުވަތަ ހިދުމަތް ހޯދުމަށް ސަބްސްކްރައިބް ކުރާ މިންވަރު ދަށަށް ދާ ކަމަށް ކުރި ފުރަތަމަ ރިޕޯޓަށް ފަހުގައެވެ.

ނެޓްފްލިކްސްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މުވައްޒަފުން މަދު ކުރަން ނިންމާފައި ވަނީ ކުންފުންޏަށް ކުރިއެރުން ލިބެމުން ދަނީ މަޑު ދުވެއްޔެއްގައި ކަމަށް ވެފައި، ކުންފުނީގެ ހަރަދުތައްވެސް އެ ދުވެޔަށް ދަށް ކުރުމުގެ ގޮތުން ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް، އެހެން ދާއިރާތަކަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ނެޓްފްލިކްސް ކުންފުނިން ވަނީ ހާމަ ކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ނެޓްފްލިކްސްގެ ހިދުމަތް ހޯދަމުންދާ 200 ސްބަސްކްރައިބަރުން ތިބި އިރު، ސްޓްރީމިންގް ވިޔަފާރީގައި އަދިވެސް ލީޑަރުގެ ޝަރަފު އޮތީ އެކުންފުނީގެ އަތުގައެވެ. ނަމަވެސް ޑިޒްނީ ޕްލަސްއާއި އެމެޒޯން ޕްރައިމް ފަދަ ވާދަވެރިންގެ ފަރާތުން ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފައި ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ.

ނެޓްފްލިކްސްއިން ދާދި ފަހުން ވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ އިތުރުން އަދިވެސް ބައެއް އެހެން ސަރަހައްދުތަކުން ނަގަމުން ދިޔަ ފީ ބޮޑު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، ގިނަ އަދަދެއްގެ ބަޔަކު ނެޓްފްލިކްސްގެ އިޝްތިރާކު އާ ކުރުން ހުއްޓާލިއެވެ.