ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފަންތިއާއި އެކި ގިންތީގެ މީހުންގެ ހިތްތައް ފަތަހަ ކުރި ދެކުނު ކޮރެއާގެ މިއުޒިކް ބޭންޑް "ބީޓީއެސް"، ބޭންޑެއްގެ ގޮތުގައި މިއުޒިކީ ދުނިޔެއިން ބްރޭކެއް ނަގަން ނިންމާފައި ވާ ކަން އިއުލާން ކޮށްފިއެވެ.

ބީޓީއެސްގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ރޭގަނޑުގެ ކޭމެއްގައި އެ ބޭންޑުން ވަނީ، ބޭންޑެއްގެ ގޮތުގައި މިއުޒިކީ މަސައްކަތުން ބްރޭކެއް ނަގާ، ވަކިވަކި ފަންނާނުންގެ ގޮތުގައި ސޯލޯ ކެރިއާ ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ބޭންޑް މެމްބަރު ޖިމިންވަނީ، އެ ބޭންޑަށް ދަތި ދުވަސްތަކަކާ ކުރިމަތިވި ކަންވެސް ހާމަކޮށްފައެވެ. އެގޮތުން ބޭންޑް މެންބަރުންގެ ހަގީގީ ޝަހްސަކީ ކޮބައިކަން ދެނެގަތުމަށް މަސައްކަތްތަކެއް ކުރި ކަމަށާ، އެއީ ދަތި، އަދި އުނދަގޫ މަސައްކަތެއް ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އިވެންޓްގައި ވާހަކަދަމުން ބޭންޑްގެ މެންބަރު އާރްއެމް ވަނީ، ބޭންޑެއްގެ ގޮތުގައި ބީޓީއެސްއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ވާ ކަމަށާ، ނަމަވެސް ވަކިވަކި މެންވަރުންވެސް ކުރިއަރާ ދާންޖެހޭ ކަމަށް ބުނެފައެވެ. އަދި ބޭންޑެއްގެ ގޮތުގައި ބީޓީއެސް އަލުން ފެނިދާނެ ކަމާ މެދު ވިސްނަން ވަގުތު ބޭނުން ވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ހުރިހާ މެންބަރުންވެސް ވަނީ ގުރޫޕެއްގެ ގޮތުގައި މިއުޒިކީ ދުނިޔެއާ ވަދާއީ ސަލާން ކުރުމަކީ ދަތިކަމެއް ކަމަށް އިއްތިފާގުވެފައެވެ.

އުމުރުން 24 އަހަރާއި 29 އަހަރާ ދެމެދު މިއުޒިކީ ފަންނާނުންތަކެއްގެ މައްޗަށް އެކުލެވޭ ބީޓީއެސްގެ ލަވައެއް އެންމެ ފުރަތަމަ އާންމުންނަށް އަޑު އިވުނީ 2013 ވަނަ އަހަރުއެވެ. ބޭންޑްގެ ފާހަގަކޮށްލެވޭ ބައެއް ހުށަހެޅުންތަކަށް ބަލާއިރު "ޑައިނަމައިޓް"، "ބަޓާ" އަދި ކޯލްޑްޕްލޭއާއިއެކު ހުށަހަޅާދިން "މައި ޔުނިވާސް" ފާހަގަ ކުރެވެއެވެ.

2021 ވަނަ އަހަރުގެ ބެސްޓް ސެލިންގް އާޓިސްޓްގެ ޓައިޓަލްވެސް ގެންގޮސްފައި ވަނީ ބީޓީއެސްއިންނެވެ.