މި ހަފުތާއިން ފަށައިގެން ކޮންމެ ހުކުރު ދުވަހަކީވެސް ދައުލަތުގެ މުވައްޒަފުންނަށް ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅުމަށް، އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ އަވަށްޓެރި ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ހަފުތާއަކު 5 ދުވަހުގެ ބައްދަލުގައި 4 ދުވަހު މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސި ކަމުގައި ވީ ނަމަވެސް، ސިއްހީ ދާއިރާ، ހަކަތައިގެ ދާއިރާ، ތައުލީމީ ދާއިރާ އަދި ދިފާއީ ސެކްޓަރުގެ މުވައްޒަފުންގެ މައްޗަށް އެކަން ތަންފީޒު ނުވާނެ ކަމަށް ވަޒީރުންގެ މަޖިލީސް މެންބަރު ދިނޭޝް ގުނަވަރުދަނާ ވަނީ ވިދާޅުވެފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޒަރޫރީ އެހެން ހިދުމަތްތަކުގެ ދާއިރާގައި މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ މައްޗަށްވެސް އާ ބަދަލު ތަންފީޒު ނުވާނެ ކަމަށެވެ.

ސްރީލަންކާ ސަރުކާރުން ބުނީ ސަރުކާރު އޮފިޝަލުންނަށް، ރަސްމީ މަސައްކަތުގެ ދުވަހުގެ ތެރެއިން ކޮންމެވެސް 1 ދުވަހެއް، ބަންދު ދުވަހަކަށް ހެދޭނެ ކަމަށާ، ކުރިއަށް އޮތް 3 މަސްދުވަހުގެ މުއްދަތަށް އެކަން ހިނގަމުން ދާނެ ކަމަށެވެ.

މި ފިޔަވަޅަކީ ދަނޑުގޮވާން ކުރުމާއި ދަނޑުބިން ހެއްދުމުގެ މަސައްކަތުގައި އަމަލީ ގޮތުން މަޝްހޫލުވެ އުޅުމަށް ދައުލަތުގެ މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން މި ދަނޑިވަޅަކީ ހަކަތައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ވަގުތެއް ކަމުން، އޮފީސްތަކަށް ހާޒިރުވުމަށް ކުރަންޖެހޭ ދަތުރުތަކަށްވެސް މުވައްޒަފުން ބޮޑު ގުރުބާނީއެއް ވަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރަން ޖެހެއެވެ.

އެހެން ކަމުން، އަމިއްލަ ގޭގައި ނުވަތަ އެހެންވެސް ތަނެއްގައި ދަނޑުގޮވާން ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެކަމަށް ބޭޏުންވާ ކަންކަން ހަމަޖައްސާދޭނެ ކަމަށްވެސް ސްރީލަންކާ ސަރުކާރުން ވަނީ ބުނެފައެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި ސްރީލަންކާއަށް ކުރިމަތިލާން ޖެހޭނެ ކާބޯތަކެތި ނުލިބުމުގެ ކާރިސާއަށް ތައްޔާރުވުމަށްޓަކާ މުހިންމު ފިޔަވަޅެއް ކަމަށްވެސް ސްރީލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.

މަސައްކަތް ކުރާ ދުވަހުގެ އަދަދު މަދު ކުރި ކަމުގައި ވީ ނަމަވެސް، މުސާރަ ނުވަތަ އުޖޫރައަށް ބަދަލު އަންނާނެކަން ނުވަތަ ނޫންކަމެއް، ސްރީލަންކާ ސަރުކާރުން ހާމަ ކުރި ކަމަކަށް އެގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ސީދާ މި ސަބަބުތަކާ ހެދި ނޫން ކަމުގައި ވީ ނަމަވެސް، ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުންވެސް މިހާރު ދަނީ ރަސްމީ މަސައްކަތުގެ ދުވަހުގެ އަދަދު 4 އަށް މަދުކޮށްގެން، މުވައްޒަފުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމާ ބެހޭ ތަޖުރިބާތަކެއް ކުރަމުންނެވެ.