ބަންގްލަދޭޝްގެ ސީތަކުންދާ ސަރަހައްދުގައި މުދާ ރައްކާ ކުރަމުން ދިޔަ ގުދަނެއްގައި ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 49 އަށް އަރައިފިއެވެ.
ކަނޑު ބޯޓުފަހަރުގައި މުދާ އުފުލާ ޒާތުގެ ކޮންޓޭނަރުތަކެއް ގޮވައިގެން ހިނގި އެ ހާދިސާގައި އެތައް ސަތޭކަ ބަޔަކު ޒަހަމްވި ކަމަށްވެސް ހަބަރު ލިބެއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ކުރިޓިކަލް ހާލުގައި ވާ މީހުންގެ އަދަދު ގިނަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން މަރުވި މީހުންގެ އަދަދު، އަދިވެސް އިތުރަށް މައްޗަށް ދިއުން އެކަށީގެން ވާ ކަމަށް ބެލެވެއެވެ.
ސިނާއީ މަސައްކަތު ވެށީގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ ބަންގްލަދޭޝްގައި އާންމު ކަމެކެވެ. އާންމު ގޮތެއްގައި އެފަދަ ހާދިސާތައް ހިނގަން މެދުވެރިވަނީ ރައްކާތެރިކަމުގެ ގަވައިދުތަކަށް ފަރުވާ ކުޑަ ކުރުމުގެ ސަބަބުންނެވެ.
ބެލެވޭ ގޮތުގައި، ކޮންޓޭނަރުތަކުގައި ރައްކާ ކޮށްފައި ހުރީ ކެމިކަލްތަކެކެވެ.
ހޮސްޕިޓަލުތައް ފުރިބާރުވެފައި ވާ އިރު، އަނިޔާވެފައި ވާ މީހުން، ފަރުވާ ހޯދުމަށް ހޯލްވޭތަކުގައި މަޑުކުރަން ޖެހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ވަނީ ލޭ ހަދިޔާ ކުރުމަށް ގޮވާލާފައެވެ. އަނިޔާ ލިބިފައި ވާ ބައެއް މީހުން ވަނީ، ވައިގެ މަގުން، ޑާކާއަށް ބަދަލުވެސް ކޮށްފައެވެ.
އަލިފާނުގެ ހާދިސާ ހިނގީ ހޮނިހިރު ދުވަހު، ޖީއެމްޓީ ގަޑިން 15:00 ހާއިރުއެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެތައް ސަތޭކަ ފަޔާފައިޓަރުންނަކާ، ފުލުހުންގެ އިތުރުން ގިނަ އަދަދެއްގެ ވޮލަންޓިއަރުން، މާ ލަސްތަކެއް ނުވެ، ސީންއަށް ދިޔަކަމަށްވެއެވެ.
އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް، ސައިޓްގައި ބާރުގަދަ ގޮވުމެއް ގޮވާ، މުޅި ހިސާބަށް ލޮޅުން އެރިއެވެ. ރެސްކިއު ޓީމުގެ ގިނަ މެންބަރުންތަކެއްވެސް އަލިފާންގަނޑުގެ ތެރޭގައި ތާށިވިއިރު، ގޮވުމުގެ ބާރު ކަމުން، މީހުންވެސް ވައިގެ ތެރެއަށް ވިއްސައިގެން ދިޔަ ކަމަށް ހަބަރު ލިބެއެވެ.
އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އުޅުނު ފަޔާފައިޓަރުންގެ ތެރެއިން 5 މީހެއްގެ ފުރާނަ ގެއްލި، އިތުރު ބަޔަކު ޒަހަމް ވެފައި ވާ އިރު، ވީނުވީއެއް ނޭނގި، ގެއްލިފައި ވާ މީހުންގެ ތެރޭގައި، ސީން ކަވަރު ކުރަމުން ދިޔަ ނޫސްވެރިންގެ ބަޔަކުވެސް ހިމެނެއެވެ.
ގޮވުމުގެ ބާރު ގަދަ ކަމުން، އެތައް ކިލޯމީޓަރެއްގެ ދުރަށް އަޑުފަށްގަނޑު އިވުނުއިރު، ކައިރި ހިސާބުތަކުގެ އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވެއެވެ. 30-40 ކިލޯމީޓަރު ދުރު ހިސާބުތަކަށްވެސް ގޮވުމުގެ އަޑު އިވުނު ކަމަށް ހަބަރު ލިބެއެވެ. ބަންގްލަދޭޝްގެ ގިނަ ބަޔަކު ދަނީ އެ ގޮވުމަކީ 2020 ވަނަ އަހަރު ބެއިރޫތު ގުޑުވާލި ގޮވުމާ އެއްފަދަ ގޮވުމެއް ކަމަށް ސިފަ ކުރަމުންނެވެ.
ފަޔާފައިޓަރުން މިއަދުވެސް މަސައްކަތް ކުރަމުން ގޮސްފައި ވަނީ އަލިފާންގަނޑު ނިއްވާލެވޭތޯއެވެ. ދޭތެރެދޭތެރެއިން ގޮވުންތައް ގޮވަމުން ދާތީ، އެ މަސައްކަތަށް އުނދަގޫތަކާ ކުރިމަތިވަމުން ދާ ކަމަށް، އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވަނީ، އެ ސަރަހައްދުގައި ހުރި ކެމިކަލްތައް އިންޑިއާ ކަނޑުގެ ސަރަހައްދަށް ފައިބައިގެން ނުދާނެ ގޮތް ހެދުމުގެ ގޮތުން، އެ ސަރަހައްދުގައި ވެލި ބަސްތާތައް ޖައްސާފައެވެ. ހާދިސާ ހިނގި ސަރަހައްދު އޮންނަނީ ބަންގްލަދޭޝްގެ މައި ޕޯޓް ކަމުގައި ވާ ޗިޓަގޮންގްއާ ދާދި ކައިރީގައެވެ.
ސަރަހައްދީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މުދާ ރައްކާ ކުރަމުން ދިޔަ އެ ގުދަނުގައި ހުރީ ހުޅަނގުގެ ރީޓެއިލަރުންނަށް އެކްސްޕޯޓް ކުރަން ތައްޔާރު ކޮށްފައިވާ އަންނައުނު ކަމަށާ، އެތަކެތީގެ އަގު، އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށެވެ. ބަންގްލަދޭޝްއަކީ ހުޅަނގުގެ ބްރޭންޑްތަކަށް އެންމެ ފުޅާ ދާއިރާއެއްގައި އަންނައުނު ސަޕްލައި ކުރަމުންދާ ގައުމެވެ.