އެ ގައުމުގެ މިނިވަންކަމުގެ ތާރީހު ދުށް އެންމެ ފުން އިގުތިސޯދީ އަނދަވަޅަށް ވެއްޓިފައިވާ ސްރީލަންކާގައި ދުވާލެއްގެ މައްޗަށް އެންމެ 3 އިރުގެ ކެއުންވެސް ނުލިބޭ ދަރަޖައަށް މަސްރަހު ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު، އެ ގައުމުގެ އިގުތިސޯދު ނަގަހައްޓަވާނެ ކަމަށް ވައުދުވެވަޑައިގެން 6 ވަނަ ފަހަރަށް ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި ރަނީލް ވިކްރަމަސިންހަ ދެއްވައިފިއެވެ.

ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވީ، ސްރީލަންކާއަށް ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ ހީނަރުކަމުގެ ހާލަތު އިންތިހާއަށް ގޯސްވެގެން ދިއުން އަދި އޮތީ ކުރިއަށް ކަމަށެވެ.

ވިކްރަމަސިންހަ ވިދާޅުވީ ސްރީލަންކާއަށް މިހާރު ކުރިމަތިލާން ޖެހިފައި ވާ ކާރިސާގެ ތެރެއަށް، ޔޫކްރައިންގެ މަސްރަހުން ކުރިމަތިވި ކާރިސާ އެއް ނުކުރައްވާނެ ކަމަށާ، ހަގީގަތަކީ ޔޫކްރައިންގެ ކާރިސާގެ ސަބަބުން ސްރީލަންކާގެ ކާރިސާ ގުނަ ކުރަންޖެހެން ކަމަށެވެ.

ކުރިއަށް އޮތީ ކާބޯތަކެތި ލިބުން ދަތިވުމުގެ ކާރިސާއެއް ކަމުގައި އިންޒާރު ކުރައްވަމުން ވިކްރަމަސިންހަ ވިދާޅުވީ އެ ގައުމުގައި މިވަގުތު ކާބޯތަކެތީގެ ސަޕްލައި ހުރީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ނިޔަލަށް ކަމަށެވެ. އަދި އެކަށީގެންވާ މިންވަރަށް އެ ގައުމުގައި ގަހުކާނާ ނެތް ކަންވެސް ވިކްރަމަސިންހަ ވަނީ ފާހަގަ ކުރައްވާފައެވެ.

އިގުތިސޯދު ފެއިލް ވަމުން ދާ ވަރަކަށް ގެއްލިގެންދާ ވަޒީފާގެ އަދަދުތައްވެސް އިތުރު ވާނެ ކަމަށާ، ބޮޑު އަދި ކުދި ވިޔަފާރިތައްވެސް ހިމެނޭހެން، އަދިވެސް އިތުރު ވިޔަފާރިތަކެއް ބަންދު ކުރަން ޖެހޭނެ ކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ. އަދި ހާލަތު މިހާރު އޮތީ 3 އިރުގެ ކެއުންވެސް ނުލިބޭ ދަރަޖައަކަށް ކަންކަން ގޯސްވާ ހިސާބުގައި ކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމާ 6 ވަނަ ފަހަރަށް ހަވާލުވެވަޑައިގެންނެވި ރަނީލް ވިކްރަމަސިންހަ / ފޮޓޯ: ރޮއިޓާޒް

ބަނޑަށް ޖެހުން އިތުރުވިޔަ ނުދީ ކޮންޓްރޯލް ކުރުމަކީ މި އަހަރަށް ބެލި ކަމުގައި ވީ ނަމަވެސް ސްރީލަންކާއަށް ގިނިކަންޏާ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ. އަދި މީގެ ކުރިން އެ ގައުމުން ފުރަގަސްދިން އެހީތަކާ ދިމާއަށް އަލުން އެނބުރެން ޖެހޭ ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

މަޝްވަރާއެއްވެސް ކޮށްލުމަކާ ނުލާ، 3 ބިލިއަން ޑޮލަރުގެ އެހީއަށް ފުރަގަސް ދޭނީ ކޮން ބައެއްތޯ ސުވާލު ކުރައްވަމުން ވިކްރަމަސިންހަ ވަނީ، ޖަޕާނުގެ އެހީއަށް އެދެންޖެހޭ ކަމަށް ވިދާޅުވެފައެވެ. އިންޑިއާއާއި ޗައިނާ ފަދަ ގައުމުތަކުން މިހާރުވެސް ސްރީލަންކާއަށް އެހީ ފޯރުކޮށްދެމުން ދިއުމަކީ ނަސީބެއް ކަމަށް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ. ޖަޕާނުންވެސް ވަނީ ސްރީލަންކާއަށް ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގައުމު މިއަދު އޮތް ހާލަތަށް ވެއްޓެން ޖެހުނީ ސްރީލަންކާގެ ކުރީގެ ސަރުކާރުގެ ސަބަބުން ކަމަށާ، އެއީ، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އެހީ ހޯދާފައި ނުވުމުން ކަމަށްވެސް ވިކްރަމަސިންހަ ވަނީ ތުހުމަތު ކުރައްވާފައެވެ.