އިގުތިސޯދީ އަދި މާލީ ހީނަރުކަމާއެކު ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމުގައިވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވާ ސްރީލަންކާއިން ބައިނަލްއަގުވާމީ އެހީއަށް އެދި ސަލާން ޖަހަމުން ދާ މި ދަނޑިވަޅުގައި، ޒަރޫރީ ބޭހުގެ ގޮތުގައި ބަންގްލަދޭޝް އިން 2.2 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފިއެވެ.

ބަންގްލަދޭޝްގެ ފަރާތުން އެހީގެ ރަމްޒީ ލިޔުން ހަވާލު ކޮށްދެއްވީ އެ ގައުމުން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ތޯރިގު އެމްޑީ އާރިފުލް އިސްލާމްއެވެ. ސްރީލަންކާގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ކެހޭލިޔާ ރަމްބުކްވެއްލާއެވެ.

ޒަރޫރީ ބޭހުގެ ގޮތުގައި ބަންގްލަދޭޝްއިން ފޯރުކޮށްދިން އެހީގެ ޝިޕްމަންޓްގައި ތަފާތު އެލި ބަލިތަކަށް ބޭނުން ކުރާ 79 ބާވަތެއްގެ ބޭސް ހިމެނެއެވެ. ކެންސަރު ބަލީގެ އިތުރުން ލޭ މައްޗަށް ދިއުމާއި ވައިރަލް އެޕިލެޕްސީ އަދި ނޭވާ ހިއްލުން ފަދަ ބަލިތަކަށް ބޭނުން ކުރާ ބޭހާއި އެންޓިބައޮޓިކްވެސް އެހީގެ ޝިޕްމަންޓްގައި ހިމެނެއެވެ.

އެހީއާ ބެހޭ ގޮތުން ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު ވިދާޅުވީ ސްރީލަންކާއާއި ބަންގްލަދޭޝްއަކީ ޒަމާނުއްސުރެ ގާތް، އެކުވެރި ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާ، ކުރިއަށް އޮތް ތަނުގައިވެސް ސްރީލަންކާއަށް ބޭނުންވެދާނެ އެހީއެއް ފޯރުކޮށްދިނުމަށް ބަންގްލަދޭޝް އޮތީ ތައްޔާރަށް ކަމަށެވެ.

ރަމްބުކްވެއްލާ ވަނީ ސިއްހީ ރޮނގުން ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި ޑޮކްޓަރުންނާއި އެނޫންވެސް މުވައްޒަފުން ޝާމިލުވާނެހެން މުވައްޒަފުން ބަދަލު ކުރުމުގެ ޕްރޮގްރާމެއް، ދޭދޭ ފެންވަރުގައި ހިންގުމާ ބެހޭ ގޮތުންވެސް ރަމްބުކްވެއްލާ ވަނީ ވާހަކަދައްކަވާފައެވެ.

ބޭރު ފައިސާ ލިބުން ދަތިވެ، ގައުމުގެ ރިޒާވް އިންތިހާއަށް ހީނަރުވެފައި އޮތުމުގެ ސަބަބުން އެކި ގައުމުތަކުން ދަނީ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޖަޕާނުންވެސް ދާދި ފަހުން ވަނީ ސްރީލަންކާއަށް ބޭސްވެރިކަމުގެ ރޮނގުން، އެހީ ފޯރުކޮށްދީފައެވެ.