ކުރިއަށް އޮތް ޖޫން މަހުގެ މެދަކާ ހިސާބަށް ދާ އިރު ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) ގެ ލޯނު ކަށަވަރުކޮށް، އިތުރު ފަރާތްތަކުގެ އަތުން މިހާރުން މިހާރަށް ބޭނުންވާ ފަންޑު ހޯދުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން، އައިއެމްއެފްއާއެކު ކުރިއަށް ގެންދާ މަޝްވަރާތަކުގެ ދުވެލި ހަލުވި ކުރެވޭނެ ގޮތްތައް، ސްރީލަންކާއިން ބަލަމުން ދާ ކަމަށް ހަބަރު ލިބިއްޖެއެވެ.
އަލްޖަޒީރާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވަނީ، އެ ގައުމުގެ ބަޖެޓުން ކުރާ ހަރަދު "ކަށިގަނޑާ ޖެހެންދެން ކޮށާ، މަށާ" ކުޑަ ކުރައްވާނެ ކަމަށާ، ނުވަތަ 2025 ވަނަ އަހަރުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް 1 ޕަސެންޓްގެ ކުރިއެރުމެއް ހޯއްދަވާނެ ކަމަށް ވިދާލުވެފައެވެ. ނަމަވެސް އެއީ އައިއެމްއެފްއިން ކަނޑައަޅާފައިވާ ޝަރުތުގައި ބަޔާން ކޮށްފައި ވާ 2 ޕަސެންޓަށް ވުރެ ކުޑަ މިންވަރެއް ކަން ފާހަގަ ކުރަން ޖެހެއެވެ.
ސްރީލަންކާއަށް ޑޮލަރު ބޭނުން ވާ ކަމަށާ، ނަމަވެސް އެ ގައުމަށް ބޭނުންވާ ހުރިހާ ފައިސާއެއް އައިއެމްއެފްއަކުން ނުދޭނެ ކަމާށް ވިކްރަމަސިންހަ ވިދާޅުވިއެވެ. ކަން މިހެން އޮތް އޮތް ނަމަވެސް، އިތުރު ފަރާތްތައް މެދުވެރިކޮށް އެހީ ހޯދުމަށްޓަކާ، އައިއެމްއެފްއާ ހިސާބުން ފެށުން މުހުންމު ކަމަށް ބޮޑުވަޒީރު ވަނީ އިޝާރާތް ކުރައްވާފައެވެ.
އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ ސްރީލަންކާގެ މިނިސްޓާ އޮފް ފައިނޭންސް، އިކޮނޮމިކްސް އަދި ނޭޝަނަލް ޕޮލިސީޒް އަކީވެސް ވިކްރަމަސިންހައެވެ.
ފައިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ، މަހިންދަ ސިރީވަރުދަނާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ސްރީލަންކާއިން މިހާރު މަޑުކޮށްގެން އޮތީ، މާލީ ގޮތުން ހަމައަކަށް އެޅުމަށް ގުޅާލަންޖެހޭ "ފާލަން" އެޅުމަށް ފުރުސަތު ތަނަވަސް ކުރުމުގެ ގޮތުން، އައިއެމްއެފްގެ މުވައްޒަފުންގެ ފެންވަރުގައި އެއްބަސްވާން ޖެހޭ އެއްބަސްވުމަކަށް އަންނަންދެން ކަމަށެވެ.
ޗައިނާއާއި ޖަޕާނުވެސް ހިމެނޭހެން ސްރީލަންކާއިން ދަނީ މި އަހަރު ތެރޭގައި މާލީ އެހީގެ ގޮތުގައި 4 ބިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެއީ އެ ގައުމަށް ކުރިމަތިވެފައިވާ ކާބޯތަކެއްޗާއި ހަކަތައިގެ ދަތިކަމުގެ ހައްލެއްގެ ގޮތުގައެވެ. އެ ހީނަރުކަން ފޫބެއްދުމަކީ މިއަދު އެ ގައުމަށް ކުރިމަތިވެފައިވާ ހައްސާސީ މަސްރަހު ފިނި ކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ނަމަވެސް ވިކްރަމަސިންހަ ވަނީ މިހިނގާ 2022 ވަނަ އަހަރުގެ ތެރޭގައި ސްރީލަންކާގެ އިގުތިސޯދު 4 ޕަސެންޓަށް ދަށަށް ދާނެ ކަމަށް ލަފާ ކުރައްވާފައެވެ. އަދި ފެބުރުއަރީ 2023 ގެ ނިޔަލަށް ރައްޔިތުންނަށް ތަކުލީފުތަކެއް އުފުއްލަން ޖެހޭނެ ކަމަށްވެސް އޭނާ ގަބޫލުކުރައްވައެވެ.
އަދުގެ ހާލަތަށް ސްރީލަންކާ ވެއްޓުނީ ޗައިނާގެ ދަރަނި ދަންތުރައިގެ ސަބަބުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުން ދިޔަ ނަމަވެސް، ވިކްރަމަސިންހަ ވަނީ، ސްރީލަންކާ އޮތީ ދަންތުރައެއްގައި ޖެހިފައި ނޫން ކަމަށް ވިދާޅުވެފައެވެ. ޗައިނާއާއި ޖަޕާނުންވެސް ފައިސާ ނަގާފައި ވަނީ ދާދި އެއް ވަރަކަށް ކަމަށާ، ތަފާތަކީ ޗައިނާގެ އިންޓްރަސްޓް ރޭޓް ބޮޑުވުން ކަމަށްވެސް ވިކްރަމަސިންހަ ވަނީ ފާހަގަ ކުރައްވާފައެވެ.