އެއީ އިންޑިއާގެ އެންމެ ރަމްޒީ އަދި މަގުބޫލު ބިނާތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އިންޑިއާގައި އެންމެ އިހުގައި އޮތް އިސްލާމީ ވެރިކަމުގެ އާސާރުތައްވެސް ގުޅިފައި ވާ ތަނެކެވެ. ނަމަވެސް، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ގުތޫބު މިނާރު ނުވަތަ އިންޑިއާގެ އުސް މުންނާރު ހުރި ސަރަހައްދުގައި، މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ސުންނާފަތި ކުރި ފައްޅިތައް އަލުން އިޔާދަ ކުރުމާ މެދު ގޮތެއް ނިންމުން މިހާރު އޮތީ ކޯޓު މަރުހަލާގައެވެ.

ތާރީހު ޖަހާނަމަ މީލާދީން 12 ވަނަ ގަރުނާ ހިސާބަށް ދާ، 5 ފަންގިފިލާގެ މި މުންނާރަކީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައި އޮތް ތަނެކެވެ. އުސް މިނުގައި 73 މީޓަރު ހުންނަ، ރަތް ގަލުގެ މި މުންނާރުގެ އެތެރޭގައި، 379 ހަރުފަތް ހުރެއެވެ.

އިންޑިއާގެ އެންމެ މުންނާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ގުތޫބު މިނާރުގެ ތަފްސީލީ ފަރުމާ / ފައިލް ފޮޓޯ: ޑެއިލީ ސަބާހް

އަފްގާނިސްތާނުގެ މުންނާރުތައް އަސްލަކަށް ބަލައިގެން ކަމަށް ބެލެވޭ، ނަސްރުގެ ރަމްޒެއްގެ ގޮތުގައި ބަލާ ގުތޫބު މިނާރު ބިނާ ކުރެއްވީ، ދިއްލީގެ ފުރަތަމަ ސުލްތޯން، ގުތުބުއްދީން އައިބަކްއެވެ. އެއީ 1192 ވަނަ އަހަރު، ހިންދޫން ބަލި ކުރެއްވުމަށްފަހުގައެވެ. 3 ވެރިކަމެއްގެ މަތިން، މުންނާރު އުސް ކުރަމުން ދިޔައެވެ. ދިއްލީގެ އަރާވާލީ ހިލްސްއަށް ބަލާ ދުރުމިއެއްގެ ބައްޓަން ސިފަވާ މި މުންނާރަކީ ނަސްރުގެ ވަރުގަދަ ރަމްޒެއް ކަމަށް ތާރީހު އިލްމުވެރިޔާ ވިލިއަމް ޑެލްރީމްޕަލް ފާހަގަ ކުރެއެވެ.

ގުތޫބު މިނާރުގެ ތާރީހަށް ބަލާއިރު، އަދުގެ އިންޑިއާއަށް ހަޖަމް ކުރަން ދަތި ކަންތައްތަކެއް ހިނގާފައި އެބަހުއްޓެވެ. އެ ސަރަހައްދުގައި ހުރި 27 ފައްޅިއެއް ތަޅާލާފައި ވާ އިރު، އެ ސަރަހައްދުގައި ދިއްލީގެ ފުރަތަމަ މިސްކިތް ބިނާ ކުރީ، ތަޅާލި ފައްޅިތަކުގެ ބައިތައް ބޭނުން ކޮށްގެންނެވެ. ތަޅާލި ފައްޅިތަކުގެ ތެރެއިން ފައްޅިއެއްގެ ބިންގާ ބޭނުން ކުރީ މިސްކިތް ބިނާ ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ އެންމެ މުންނާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ގުތޫބު މިނާރު / ފައިލް ފޮޓޯ: ސްނެޕްޝޮޓް ކެނަން އޭޝިއާ

މިއީ ހަމައެކަނި މުންނާރާ ހިސާބުން ނިންމާލެވެން އޮތް ކަމެއް ނޫނެވެ. އެތައް އަހަރެއް ވީ، 20 ފޫޓު އުސް، ދަގަނޑު ތަނބެއް އެ ސަރަހައްދުގައި ހުރެއެވެ. އަދި ސުލްތޯނެއްގެ މަގުބަރާވެސް އެތަނުގައި ވެއެވެ. އިމާރާތްތައް ފަރުމާކޮށްފައި ވަނީ މުސްލިމުންނާއި ހިންދޫންނަށް ހާއްސަ ފަރުމާތަކުންނެވެ.

800 އެތައް އަހަރެއް ފަހުން، އިންޑިއާއިން މިއަދު ދަނީ، އެ ސަރަހައްދުގައި 27 ފައްޅިއެއް އަލުން އިޔާދަ ކުރުމަށް، ކޯޓުގެ ބާރުގެ ބޭނުން ކުރަމުންނެވެ.

ނޮވެމްބަރު މަހު ސިވިލް ކޯޓުން މައްސަލަ ބޭރު ކުރިއެވެ. ސަބަބެއް ކަމުގައި ބުނީ، އިންޑިއާގައި އެތައް ހާންދާނަކުން ވެރިކަން ކޮށްފައި ވާ ކަމަށާ، މާޒީގައި އެތައް ގޯހެއް ހަދާފައި ވާ ކަމަށެވެ. އަދި އިންޑިއާގެ އަދުގެ ދުނިޔެއާއި ކުރިއަށް އޮތް ތަނުގެ ސުލްހަ ނަގާލުމަށް، މާޒީގެ އަސާސެއް ބޭނުން ނުކުރެވޭނެ ކަމަށެވެ.

އިންޑިއާގެ އެންމެ މުންނާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ގުތޫބު މިނާރު / ފައިލް ފޮޓޯ: ޓްރިޕް ސޭވީ

މައްސަލަ މިހާރު އޮތީ، އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ހައިކޯޓުގައެވެ. މީލާދީން 7 ވަނަ ގަރުނުގެ ފަހުން އިންޑިއާގައި ވެރިކަން ކުރި ހިންދޫ ރަސްރަސްކަލުންނާއި، 12 ވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން އިންޑިއާގައި ވެރިކަން ކުރެއްވި މުސްލިމު ރަސްރަސްކަލުން، އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ފައްޅިތައް، ލޫޓުވާ ހަލާކުކޮށް ހެއްދެވިކަމަށް ތާރީހު އިލްމުވެރިން ބުނެއެވެ. ކޮންމެ ވެރިއަކުވެސް ސިޔާސީ ސިއްކަ ޖައްސަވަމުން ގެންދެވީ އެންމެ ވަރުގަދަ ދީނީ ރަމްޒު ސުންނާފަތި ކޮށްލައްވައިގެން ކަމަށް ތާރީހު އިލްމުވެރިޔާ ރަނާ ސަފްވީ ފާހަގަ ކުރިއެވެ.

ގުތޫބު މިނާރު ބިނާ ކުރި ސަބަބަކީ ކޮބާ ހެއްޔެވެ؟ ސަފްވީ ބުނާ ގޮތުގައި އެއް މަގުސަދަކީ ބަންގި ދިނުމަށް މުދިމު އެރުމަށެވެ. ދެވަނަ ސަބަބަކަށް ވުން ގާތީ އަސްކަރީ ފާރަވެރި ޓަވަރެއްގެ ގޮތުގައި އެތަން ބޭނުން ކުރުން ކަމަށް ވާއިރު، 3 ވަނަ ސަބަބަކަށް އަދި އެންމެ ވުން ގާތް ސަބަބެއް ކަމުގައި ބެލެވެނީ ގަޒްނީގެ ނަސްރުގެ ޓަވަރުތައް ފަދަ ޓަވަރެއް ބިނާ ކުރުން ކަމަށް ސަފްވީ ފާހަގަ ކުރިއެވެ.

އިންޑިއާގެ އެންމެ މުންނާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ގުތޫބު މިނާރު / ފައިލް ފޮޓޯ: ވިކިމީޑިއާ

ހޮނު އެޅުމުގެ 2 ހާދިސާއަކާ، ބިންހެލުމުގެ 2 ހާދިސާއެއް ގުތޫބު މިނާރު ތަޖިރިބާ ކުރިއެވެ. ކުދިކުދި ގެއްލުންތައް ލިބުނު ނަމަވެސް، މަރާމާތު ކޮށްފައިވެއެވެ. އަދި ފިތިބާރުވުމުގެ ހާދިސާއެއް ހިނގާ، 45 މީހެއްގެ ފުރާނަ ގެއްލިދިޔަ ހާދިސާއެއްވެސް ހިނގާފައިވެއެވެ.

ގުތޫބު މިނާރު ހުންނަ ސަރަހައްދަކީ ދިއްލީގެ ފަތުރުވެރިކަމުގެ މައި ސަރަހައްދެކެވެ. ގުތޫބު މިނާރު މައްސަލާގައި ކޯޓުން އިއްވާ ބަހެއް، ކުރިއަށް އޮތް މަދު ހަފުތާތަކުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވެއެވެ.