ސްރީލަންކާގެ އިގުތިސޯދު މި ވަގުތު އޮތީ ވަރަށް ނުރައްކާ ފައްތަރެއްގައި ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ކަމާ 6 ވަނަ ފަހަރަށް ހަވާލުވެވަޑައިގެންނެވި ރަނީލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޓީވީ މެދުވެރި ކުރައްވާ ފުރަތަމަ ފަހަރަށް ދެއްވި ހިތޯބުގައި ރަނީލް ވިދާޅުވީ، ސްރީލަންކާގެ ކުރީގެ ސަރުކާރުން މިއަހަރަށް ކަނޑައެޅި ބަޖެޓްގައި އާމްދަނީ ގޮތުގައި 2.3 ޓްރިލިއަން ރުޕީޒް ހިމަނާފައި ވީ ނަމަވެސް، މި އަހަރު ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީގެ ހަގީގީ އަދަދަކީ 1.6 ޓްރިލިއަން ރުޕީޒް ކަމަށެވެ.

ސަރުކާރުގެ ހަރަދަށް 2022 އަށް 3.3 ޓްރިލިއަން ރުޕީޒް ކަނޑައަޅާފައި އޮތް ނަމަވެސް، އިންޓްރެސްޓް ރޭޓްތައް ބޮޑު ކުރުމާއި، ކުރީގެ ސަރުކާރުން ކޮށްފައި ވާ އިތުރު ހަރަދުތަކާއެކު، ސަރުކާރުގެ ހޭދަ، މި އަހަރު 4 ޓްރިލިއަން ރުޕީޒްއަށް އަރާ ކަމަށް ރަނީލް ވިދާޅުވިއެވެ. އަދި ބަޖެޓް ދަރަނި ހުރީ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 13 ޕަސެންޓް ނުވަތަ 2.4 ޓްރިލިއަން ރުޕީޒް ކަމަށްވެސް ބޮޑުވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ކްރެޑިޓްގެ ގޮތުގައި 3.2 ޓްރިލިއަން ރުޕީޒްގެ ލިމިޓެއް ކަނޑައަޅާފައި އޮތް އިރު، ކުރީގެ މެއި މަހުގެ ދެވަނަ ހަފުތާއަށް ފެށުނު އިރު، ކުރީގެ ސަރުކާރުން 1.95 ޓްރިލިއަން ރުޕީޒް ހޭދަކޮށްފައި ވާ ކަމަށާ، އަހަރުގެ ބާކީ ދުވަސްތަކަށް ދެން އޮތީ އެންމެ 1.25 ޓްރިލިއަން ރުޕީޒްގެ ބެލަންސްއެއް ކަމަށްވެސް ބޮޑުވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ނޮވެމްބަރު 2019 ގައި ލަންކާގެ ބޭރު ފައިސާގެ ރިޒާވްގައި 7.5 ބިލިއަން ޑޮލަރު ހުރި ނަމަވެސް، މިއަދު ހަޒާނާއިން މިލިއަން ޑޮލަރުވެސް ނުހޯދޭ ކަމަށް ރަނީލް ވިދާޅުވިއެވެ. އަދި ގޭސް ޝިޕްމަންޓަށް ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ހޯދާނެ ގޮތެއްވެސް މާލީ ވުޒާރާއަށް މިއަދު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރޫރީ ހިދުމަތްތައް ހޯދަން ކިއު ޖައްސަމުންދާ ދިއުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅަށް އެކަނިވެސް މިހާރުން މިހާރަށް 7.5 މިލިއަން ޑޮލަރު ބޭނުން ވާ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ސްރީލަންކާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކާރިސާއިން އަރައިގަތުމަށްޓަކާ ގައުމީ ފެންވަރުގެ ސިޔާސީ ކައުންސިލެއް އެކުލަވާލަންޖެހޭ ކަމަށް ރަނީލް ވިކްރަމަސިންހަ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވަކި ރާސްތާތަކަށް ބަހާލައިގެން ކުރު މުއްދަތާއި ދިގު މުއްދަތަކުގެ ޕްލޭންތަކެއް ތަންފީޒު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.