ފިތުރު އީދު ދުވަހު ހެނދުނު މަޖިދީމަގާއި ޖަނަވަރީމަގު ގުޅޭ ސަރަހައްދުގައި ހިންގި މާރާމާރީ އާ ގުޅިގެން ހޯދަން އިއުލާނު ކޮށްފައިވާ ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މާރާމާރީ އާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު މާލޭން ހައްޔަރު ކޮށްފައި ވަނީ:

  • އަހްމަދު ޝިމްހާޒު، ތ. ތިމަރަފުށި / ސީނުގެ (22އ)
  • ލޫތު އަހްމަދު އާސިފް، މާލެ / މ. ލޮނުމިދިލިގެ

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ ބަންދެއް ވަނީ ޖަހާފައި ކަމަށެވެ.

މީގެ އިތުރުން، އެ މާރާމާރީ އާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުވެސް ދެ މީހަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދާ މެދު ވަނީ ގޮތް ނިންމައިފައެވެ. އެ ދެ މީހުންނަކީ:

  • ހަސަން ޒިޔާން އިބްރާހީމް، އުނިމާގެ / ގދ. ވާދޫ (18އ) (ބަންދަށް 15 ދުވަސް)
  • 15 އަހަރުގެ ކުޑަކުއްޖެއް (ބަންދަށް ހަތް ދުވަސް)

ފުލުހުން ބުނީ އެ މާރާމާރީ އާ ގުޅިގެން އިތުރު ފަސް މީހަކު ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެއާއެކު، އެ މީހުންނާ ބެހޭ މައުލޫމާތު އެނގޭނަމަ، އެ މައުލޫމާތު ފުލުހުންނާ ގުޅައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އަދި އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މާރާމާރީގެ އިތުރުންވެސް މިދިޔަ އީދު ބަންދުގައި މާލެ ސަރަހައްދުގައި ތިން މާރާމާރީއެއް ހިންގާފައިވާއިރު، މިދުޔަ ހޮނިހިރު ދުވަހު މާފުށީގައިވެސް ބަޔަކު މާރާމާރީ ހިންގަން މަސައްކަތްކޮށްފައި ވެއެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައި ވެއެވެ.