ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 އެއްހާ ކުދިންގެ ހަށިގަނޑުން، ސީރިއަސް ދަރަޖައިގެ ހެޕަޓައިޓިސް ބަލި ފެނިފައި ވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހާމަކޮށްފިއެވެ.
މި ފަހަކަށް އައިސް، ވާނުވާއެއް ނޭނގި، ކުއްލި ގޮތަކަށް ހެޕަޓައިޓިސް ބަލީގެ ކޭސްތައް އިތުރުވަމުން ދާ އިރު، ސިއްހީ އޮފިޝަލުން ގެންދަވަނީ މިކަމާ ގުޅޭ ތަހުގީގުތައް ހިންގަވަމުންނެވެ. މިކަން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ އިނގިރޭސިވިލާތުންނެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމަށް ފަހު އަލުން ފެތުރެން ފެތުރެން ފެށި އާންމު، އެޑީނޯވައިރަހަކީ، ހެޕަޓައިޓިސް ކޭސް އިތުރުވުމުގެ ސަބަބެއް ކަމަށް ބެލެވެއެވެ.
ހެޕަޓައިޓިސް ކޭސްތައް އިތުރު ވާން ފެށިފަހުން، މަރުގެ 1 ކޭސް، ޑަބްލިއުއެޗްއޯއިން ވަނީ ރިޕޯޓް ކޮށްފައެވެ.
މެއި 1 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައި ވާ ތަސްފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ހެޕަޓައިޓިސް ކޭސްތައް ފެނިފައި ވަނީ ވިލާތުންނެވެ. އޭގެ އިތުރުން އެމެރިކާ، ހުޅަނގު ޕެސިފިކް އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުންވެސް މަދު މަދުން ކޭސްތައް ފެނިފައި ވެއެވެ.
ލިވާ ނުވަތަ ފުރަމޭ ދުޅަވާ މި ބަލީގެ ސަބަބުން ބައެއް ކުދިންގެ ލިވާ ޓްރާންސްޕްލާންޓް ކުރަން ޖެހުނު ކަމަށް މައުލޫމާތު ލިބެއެވެ.
ހެޕަޓައިޓިސް ބަލީގައި އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުން، އެއަށްފަހު ގައިގެ ހަންގަނޑު ނުވަތަ ލޮލުގެ ހުދުބައި ރީނދޫވުން (ޖޯންޑިސް) ވެއެވެ.
ޑަބްލިއުއެޗްއޯއިން މީގެ ކުރިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ހެޕަޓައިޓީސް ކޭސްތައް އިތުރު ވަނީ ކަމެއް ނުވަތަ ބައްޔާ މެދު މީހުން ހޭލުންތެރި ވާ މިންވަރު އިތުރު ވަނީ ކަމެއް އަދި ސާފު ނުވާ ކަމަށެވެ. އާންމު ވައިރަހެއް ފެތުރުމަކީ އޮތް ފުރުސަތެއް ކަމަށާ، ހާލަތު މެދުވެރި ކުރުވި އަސްލު އޭޖެންޓް ދެނެގަތުމުގެ ތަހުގހީގުތައް ކުރިއަށް ދާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.
ހެޕަޓައިޓިސްއަކީ ފުރަމޭ ދުޅަވުމުގެ ބައްޔެވެ. ފުރަމެއަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ޕްރޮސެސް ކުރުމުގެ އިތުރުން، ލޭ ފިލްޓަރުކޮށްދީ، އިންފެކްޝަންތަކާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރާ ގުނަވަނެކެވެ. އާންމުކޮށް ހެޕަޓައިޓިސް ޖެހެނީ ވައިރަހުގެ ސަބަބުންނެވެ. ހެޕަޓައިޓިސް ޖައްސާ މައިގަނޑު ވައްތަރުގެ ވައިރަހުގެ ތެރޭގައި، ހެޕަޓައިޓިސް ވައިރަހުގެ އޭ، ބީ، ސީ، ޑީ، އީ އަދި ޖީ ހިމެނެއެވެ.