އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައި ވާ ސްރީލަންކާގެ ލިކުއިޑް ރިޒާވް މިވަގުތު ހުރީ 50 މިލިއަން ޑޮލަރަށް ވުރެ ދަށުގައި ކަމަށް، އެ ގައުމުގެ އާ މާލީ ވަޒީރު އަލީ ސޮބްރީ ވިދާޅުވެއްޖެއެވެ.
ލިކުއިޑް ރިޒާވަކީ ފަސޭހަ ކަމާއެކު ނަގުދު ފައިސާއަށް ބަދަލު ކުރެވޭ ހިއްސާ ފަދަ، މާލީ އަގުހުރި ރިޒާވްއެކެވެ. 2019 ވަނަ އަހަރު، ސްރީލަންކާގެ ލިކުއިޑް ރިޒާވްގެ އަގު އުޅުނީ 7 ބިލިއަނެއްހާ ޑޮލަރުގައެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ދެއްވި ހާއްސަ ބަޔާނެއްގައި އެ ގައުމުގައި މިނިސްޓާ އޮފް ފައިނޭންސް އެންޑް ޖަސްޓިސް، ސޮބްރީ ވިދާޅުވީ، މިއަދު ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ އިގުތިސޯދީ ކާރިސާގެ ކަންކަން އެންމެ ރަނގަޅަށް މެނޭޖު ނުކުރެވިއްޖެނަމަ، ސީރިއަސް ނުރައްކަލެއް އެބައޮތް ކަމަށެވެ.
މިއަދު ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކަކީ 2 އަހަރު ދުވަހުންވެސް ހައްލު ވެދާނެ މައްސަލަތަކެއް ކަމަށް ގަބޫލު ނުކުރައް ވާ ކަމަށާ، ނަމަވެސް އެކަން ހައްލު ވެގެން ދާނީ 2 އަހަރުން ތޯ، 10 އަހަރުން ތޯ ނުވަތަ 12 އަހަރުން ތޯ ނިންނަން ތިބި ބަޔަކީވެސް ހަމަ އެއީ ކަމަށް، މަޖިލީހަށް ދެއްވި ހާއްސަ ބަޔާނުގައި ސޮބްރީ ވިދާޅުވިއެވެ.
ސޮބްރީ ވިދާޅުވީ، ޓެކްސްގެ ގޮތުގައި ނަގާ މިންވަރު އިތުރު ކުރަން ޖެހުނު ދަނޑިވަޅުގައި، ޓެކްސް ކުޑަ ކުރުމަކީ ހެދުނު ގޯހެއް ކަމަށެވެ. އެކަމަށް މިސާލު ޖައްސަވަމުން ސޮބްރީ ވިދާޅުވީ، މަސް ބާނަން ގެންގުޅޭ ދޮށި ދޭން ޖެހޭ ހާލަތެއްގައި، ބާނާފައި އޮތް މަހެއް ދެވުމުގެ ނަތީޖާ ފެންނަމުން ދާ ކަމަށެވެ.
ސްރީލަންކާ ދަރާފައި ވާ ދަރަނީގެ ތެރެއިން، ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި 8 ބިލިއަން ޑޮލަރު ހަލާސްކޮށް، ސްރީލަންކާ ފައިސާގެ އަގު، ޑޮލަރަކަށް 203 ރުޕީޒްގެ ރޭޓުގައި ހިފެހެއްޓުމަށްޓަކާ، ބާޒާރަށްވެސް ޑޮލަރު ދޫކޮށްފައި ވާ ކަން ސޮބްރީ ފާހަގަ ކުރެއްވިއެވެ. 2018 ވަނަ އަހަރު، ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް މެކުހަށް ޖެހި، އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ޑޮލަރު ލިބުނު ކަމަށާ، ނަމަވެސް، މިދިޔަ އަހަރު، އެ ސިނާއަތް ހީނަރުވެ، އާމްދަނީވެސް 200 މިލިއަން ޑޮލަރަށް ވެއްޓުނު ކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވި ކަމަށް ސޮބްރީ ވިދާޅުވިއެވެ.
ސްރީލަންކާގެ އާ މާލީ ވަޒީރު ވަނީ، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އެހީއަށް، މީގެ ކުރިންވެސް އެދެން ޖެހޭ ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. އަދި ސްރީލަންކާ ފައިސާގެ އަގު ދަށް ކުރުންވެސް އެކަށީގެން ވާ ގޮތެއްގައި ކުރިއަށް ގެންދެވެން ޖެހޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ހުރިހާ ސަރުކާރަކުންވެސް ގެންގުޅުނީ ބަރޯސާވުމުގެ ފިކުރެއް ކަމަށާ، އެއީ، ގިނަ ދުވަސްތަކެއް ވަންދެން ދަރަނިވެރިވެފައި އޮތުމުގެ ނަތީޖާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަދުގެ ސަރުކާރުން ގެންގުޅުނު ނުރަނގަޅު ސިޔާސަތުތަކަކީވެސް، މިއަދު ކުރިމަތިލާން ޖެހިފައިވާ ހާލަތު މެދުވެރިވުމުގެ ސަބަބެއް ކަމަށް މާލީ ވަޒީރު ވަނީ މަޖިލީހަށް ދެއްވި ބަޔާނުގައި ދަންނަވާފައެވެ.
މަޖިލީހަށް ބަޔާން ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އިންކަމް ޓެކްސް އިތުރު ކުރަންޖެހޭ ކަމަށެވެ. ސްރީލަންކާގައި މިހާރު އޮތް ބަޖެޓަކީ ހަގީގަތުން އެއްކިބާވެފައިވާ ބަޖެޓެއް ކަމަށް ވިދާޅުވެ، ސޮބްރީ ވިދާޅުވީ އާ ބަޖެޓް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށާ، އެއާއެކު އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު އިތުރުވެގެން ދާނެ ކަމަށެވެ.
ފައިސާ ލިބޭ ފަރާތްތަކުން، ކޮންމެވެސް މިންވަރެއް ހިއްސާ ކުރަން ޖެހޭ ކަމަށާ، ނޫން ނަމަ، މުޖުތަމައު އިނދަޖެހިގެންދާނެކަމަށް ސޮބްރީ ވިދާޅުވިއެވެ. އެގޮތުން، ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި، އިންކަމް ޓެކްސް ނުވަތަ އާމްދަނީއިން ޓެކްސް ނަގާ މިންވަރުން 15 ޕަސެންޓް ބޮޑުކުރުން އެކަށީގެންވާ ކަމަށް މާލީ ވަޒީރު ވަނީ އިޝާރާތް ކުރައްވާފައެވެ.
ސޮބްރީ ވިދާޅުވީ ސްރީލަންކާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކާރިސާއަކީ ބިދޭސީ ބަޔަކަށް އެންމެ ފުރިހަމައަށް ފަހުމް ވާނެ ކާރިސާއެއް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. އަދި ޕާޓީތަކަށް ދީލާލުމުގެ ބަދަލުގައި، ގައުމީ ޒިންމާ އުފުލުމަށްވެސް ސޮބްރީ ވަނީ ގޮވާލައްވާފައެވެ.
ސްރީލަންކާއަށް މިއަދު ކުރިމަތިވެފައިވާ ހައްސާސް ކަމުގައި، ސަރުކާރަށް ހެދުނު ގޯސްތަކެއް، ދައުރެއް އަދާ ކުރި ކަމަށް އެ ގައުމުގެ ސަރުކާރުންވެސް ވަނީ އިއުތިރާފުވެފައެވެ.