އަތްތެރި މަސައްކަތުގެ ގިނަ މަސައްކަތްތަކަކީ ކަވި އަދި އެތައް ގިނަ ވަގުތެއް ހޭދަވާ ބުރަ މަސައްކަތްތަކެވެ. މިގޮތުން ކުރެހުންތެރިއަކު ކުލަ ފިހިން ކުރާނެ ހުރިހާ މަސައްކަތެއް ރޮދި ފުރައިގެން ކުރެހުންތައް ކުރެހުމަކީ އަތްތެރި މަސައްކަތްތަކުގެ ތެރެއިން ވަރަށް ބުރަ މަސައްކަތެއް ކަން ގިނަ ބަޔަކު ގަބޫލު ކުރާނެއެވެ.

މި މަސައްކަތް ކުރުމަށް ހާއްސަ ބަރަންޏެއް ބޭނުންވާއިރު މި މަސައްކަތައް ފޮތިގަނޑު ވާންކުރުމަށް ހޫޕް ބޭނުން ކުރާނެއެވެ. މި މަސައްކަތް ވަރަށް ޝައުގުވެރިކަމާއެކު، ރީތިކޮށް ކުރަމުން އަންނަ ނ. މަނަދޫއަށް އުފަން ފާޠިމަތު އިޔާޝާގެ ވާހަކަ އެހިން ހެއްޔެވެ.

އިޔާޝާގެ އެމްބްރޮއިޑަރީގެ މަސައްކަތެއް

އިންސްޓަގުރާމުގައި "ދޯދި.އެމްވީ"ގެ ނަމުން ޕޭޖު ހިންގަމުންދާ އިޔާޝާގެ އެމްބްރޮއިޑަރީގެ މަސައްކަތްތައް ފެނި އެތައް ބައެއްގެ ތައުރީފު އޮހެމުން އަންނައިރު މި މަސައްކަތް އޭނާ ކުރަން ފެށިގޮތައް ބަލާލަމާ ހެއްޔެވެ.

އިޔާޝާ ބުނިގޮތުގައި އޭނާ ފުރަތަމަ މިމަސައްކަތައް ޝައުގުވެރިކަން އުފެދުނީ މާލޭގައި ކިޔަވަން ހުރި ދުވަސްކޮޅުގައެވެ. އެއީ 2018 ވަނަ އަހރެވެ. މިގޮތުން އިޔާޝާ ބޭނުންވީ ގޭގައި ހުރެގެން ކުރެވޭނެ މަސައްކަތެއް ހޯދުމަށެވެ. ޕިންޓްރެސްޓުން އެމްބްރޮއިޑަރީ މަސައްކަތް ކުރާތަން ފެނި މި މަސައްކަތައް ޝައުގުވެރިކަން އުފެދި މިހާރު އިޔާޝާއަކީ މިކަމަށް ފަރިތަ ކުޅަދާނަ ޒުވާނެކެވެ.

އެމްބްރޮއިޑަރީ ހެދުމުގެ މަސައްކަތުގެ އިތުރުން، ވަޒީފާއަކަށް އިޔާޝާ ނުދާއިރު މިމަސައްކަތުގައި އިޔާޝާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ފިރިމީހާއާއި އާއިލާގެ ފަރާތުންނެވެ. މިގޮތުން މި މަސައްކަތުގައި އުޅޭނީ ދަރިފުޅު ބެލުމާއި މަސައްކަތަށް ފާޑު ކިޔުމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް އާއިލާއިން ކިޔައިދޭ ކަމަށް އިޔާޝާ ބުނެއެވެ.

އިޔާޝާ ބުނީ އާންމުގޮތެއްގައި މަހެއްގެ މައްޗަށް 6 - 8 ވަރަކަށް އެތި ހެދޭ ކަމަށެވެ. އަދި ބައެއް ފަހަރު އެއަށްހުރެ ގިނައިން ވެސް ހެދޭ ކަަމަށް އޭނާ ބުނެއެވެ.

އިޔާޝާގެ އެމްބްރޮއިޑަރީގެ މަސައްކަތެއް

އުމުރުން 25 އަހަރުގެ އިޔާޝާ ބުނިގޮތުގައި މިމަސައްކަތް އޭނާ އަލަން ކުރަން ފެށިއިރު ވެސް އޭނާއަށް ލިބެމުން ދިޔައީ ޕޮޒިޓިވް ކޮމެންޓެވެ. މިހާރު ވެސް ކަސްޓަމަރުންގެ ފަރާތުން އޭނާ އެންމެ ބޭނުންވާ ފަދަ ކޮމެންޓުތައް އަންނައިރު މިމަސައްކަތައް ދުވާލަކު ގާތްގަނޑަކަށް 6 ގަޑިއިރު ހޭދަވާ ކަމަށް އިޔާޝާ ބުނެއެވެ.

ނޯމަލްކޮށް ރޯދަމަހު ނޫން މަސްތަކުގައި 6 ގަޑިއިރު ހޭދަވޭ، އެއީ ދުވާލު 3 ގަޑިއިރު ރޭގަނޑު ތިން ގަޑިއިރު، ދެން އޯޑަރެއް ނުނިމެންޏާ ކޮންޓިނިއުއަސް 6 ގަޑިއިރު ހޭދަވޭ، ވަގިތު އަސްލު ޑިޕެންޑުވަނީ ޑިޒައިނަް، އެއްބައި އެއްޗެއްސަށް 3 ގަޑިއިރު، އަނެއްބައި ފަހަރު 20 ގަޑިއިރު ވެސް ހޭދަވޭ
އިޔާޝާ
އިޔާޝާގެ އެމްބްރޮއިޑަރީގެ މަސައްކަތެއް

"މިއީ އާމްދަނީ ހޯދަން ކުރަން ރަނގަޅު މަސައްކަތެއް"

އިޔާޝާ ބުނިގޮތުގައި މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ. ރާއްޖޭގައި މިކަމަށް ބޮޑު ޑިމާންޑެއް އޮންނަކަން ފާހަގަކުރަމުން އިޔާޝާ ބުނީ މިކަމަށް ވަގުތު ދެވޭ ނަމަ މިއީ އާމްދަނީ ހޯދަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. އާމްދަނީ ހޯދަން ކުރަން ރަނގަޅު މަސައްކަތެއް ނަމަވެސް މި މަސައްކަތުން ކުރިއަށްދާން ދަތިތަކެއް ހުރިކަންް އިޔާޝާ ފަހަގަކުރިއެވެ. މިގޮތުން މިމަސައްކަތައް ބޭނުންވާ ކޮލިޓީ އެއްޗެހި ނުލިބުމަކީ ވަރަށް ބޮޑު ދައްޗެއް ކަމަށް އިޔާޝާ ބުނެއެވެ.

މީގެ އިތުރުން މިމަސައްކަތައް ބޭނުންވާ ސާމާނު މާލެއިން ރަަށަށް ގެނައުމަކީ ވެސް އުނދަގޫ ކަމެއް ކަމަށް އޭނާ ބުނެއެވެ.

ހަމަ ފުދޭ ވަރަކަށް ރަނގަޅު އިންކަމްއެއް ލިބޭ، ހަމަ އާދައިގެ ޖޮބްއަކަށް ގޮސްގެން ވެސް ލިބޭ ވަރު ލިބޭނެ، ދެން އޭތި ޑިޕެންޑު ވަނީ މަސައްކަތް ކުރެވެނީ ކިތައް ގަޑިއިރުތޯ، 50 ރުފިޔާ ގަޑިއިރަކަށް ބަލައިގެން މަސައްކަތް ކުރަނީ
އިޔާޝާ

މިމަސައްކަތް އިޔާޝާ ކުރަނީ ކިހިނެތް؟

ފަށައިގަންނަށް ތަންކޮޅެއް ބޯ އަދި ނުދެމޭ ފޮއްޗެއް ބޭނުންވާނެ ކަމަށް އިޔާޝާ ބުނެއެވެ. އަދި އެމްބްރޮއިޑަރީ ފްލޮސް (އެކަމަށް ހާއްސަ ބަރަނި)، ނޫނީ އާދައިގެ ބަރަނި ވެސް މިމަސައްކަތަށް ބޭނުން ކުރެވޭނެ ކަމަށް އިޔާޝާ ބުނެއެވެ. ނަމަވެސް މިމަސައްކަތަށް އާންމުކޮށް ބޭނުންކުރާނީ އެމްބްރޮއިޑަރީ ފްލޮސްއެވެ.

މިމަސައްކަތް ކުރުމަށް އިޔާޝާ ބޭނުންކުރަނީ ހީޑް އިރޭޒަބަލް ގަލަމެކެވެ. ނަމަވެސް އާދައިގެ ގަލަމެއް ނުވަތަ ފަންސޫރެއް ވެސް ބޭނުން ކުރެވޭނެ ކަމަށް އިޔާޝާ ބުނެއެވެ. ހީޑް އިރޭޒަބަލް ގަލަމެއް ބޭނުންކުރުމުން މަސައްކަތް ވަރަށް ސާފު ކޮށް ހުންނަ ކަމަށް އިޔާޝާ ފާހަގަކުރިއެވެ.

ފުރަތަމަ ފަށާއިރު މިއީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވި ނަމަވެސް ކުރަން ފެށުމުން މިއީ ވަރަށް ފަސޭހަ މަސެއްކަތެއް ކަމަށް އިޔާޝާ ބުނެއެވެ. މި މަސައްކަތް ކުރާނެ ގޮތް އިޔާޝާ "ދަ ޕްރެސް"އަށް ކިޔާދީފައިވާއިރު އޭނާ ބުނީ މި މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ކުރާ ކަމަކީ ޑިޒައިންއެއް ހެދުން ކަމަށެވެ. މިއީ އެންމެ ވަގުތު ނަގާ އެއް ކަންތައް ކަން ވެސް އޭނާ ފާހަގަކުރިއެވެ. އެއަށްފަހު ރަނގަޅު ޑިޒައިނެއް ހެދުން ފޮތިގަނޑުގައި އެ ޑިޒައިން ކުރަހާނީ ކަމަށް އިޔާޝާ ބުނެއެވެ. އެއަށްފަހު ހޫޕްއަށް ފޮތިގަނޑު ހެޔޮވަރުކޮށްލުމަށް ފަހު މަސައްކަތް ފަށާނީއެވެ. ހޫޕް ހަދާ ނިމުމުން ފޮތިގަނޑުގެ ކައިރިފަށް ކަނޑާލުމަށް ފަހު ފަހަތުން ފެންނަން ނުހުންނާނެ ގޮތަށް ތެރަސް ލައިން ތަތް ކުރަނީ ކަމަށް އިޔާޝާ ބުނެއެވެ. އަދި އެއަށްފަހު ކަރުދާސް ބޭނުންކޮށްގެން ހޫޕްގެ ފަހަތް ނުފެންނަ ގޮތް ހެދުމުން މި މަސައްކަތް ނިމުނީ ކަމަށް އިޔާޝާ ބުނެއެވެ.

އިޔާޝާގެ އެމްބްރޮއިޑަރީގެ މަސައްކަތެއް

ރަށުގައި މިމަސައްކަތް ކުރަމުން އަންނަ އިޔާޝާ ބުނިގޮތުގައި ރަށުގައި މިމަސައްކަތް ކުރާތީ ޑެލިވަރީގެ ކަންކަމަށް ވެސް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ. މިގޮތުން މި އޯޑަރުތައް މާލެ ފޮނުވަނީ ފެރީގެ ޝެޑިއުލްއަށް ބަލައިގެން ކަމަށް އޭނާ ބުނެއެވެ.

އިޔާޝާ ބުނިގޮތުގައި އޭނާ އޯދަރުތައް ޑެލިވާ ކުރަނީ މާލެ ސަރަހައްދަށް ކަމަށެވެ.

މިމަސައްކަތް ކުރަން ބޭނުންވާ ކުއްޖަކަށް އިޔާޝާ ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. އެއީ މިމަސައްކަތް ފަށާއިރު އެންމެ ފުރިހަމަ ނުވިނަމަވެސް މިމަސައްކަތުގައި އުޅެފިނަމަ މިކަން ވާނެ ކަމަށެވެ. އަދި އަމިއްލައަށް އެސްޕަރަމަންޓްތައް ކުރިވަރަކަށް އެކި ޓެކްނިކްތައް ދަސްވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިޔާޝާގެ އެމްބްރޮއިޑަރީގެ މަސައްކަތެއް

މިމަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އިތުރަށް ފަސޭހަކުރުމަށް އިޔާޝާ އަންނަނީ ހޫޕް ސްޓޭންޓު ވެސް އޭނާގެ އިންސްޓަގުރާމު ޕޭޖުން ވިއްކަމުންނެވެ. މިގޮތުން މި ސްޓޭންޓަކީ ބޭނުންކުރަން ފަސޭހަ، ކޮންމެ ތަނެއްގައި ވެސް އިނދެލައިގެން މިމަސައްކަތް ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވަ ސްޓޭންޑެއް ކަމަށް އޭނާ ބުނެއެވެ.

އިޔާޝާ އަންނަނީ އެމްބްރޮއިޑަރީ ޕެންޑެންޓު، ވޯލް ކްލޮކްސް ވެސް ހަދަމުންނެވެ.

https://www.instagram.com/p/CbiKQVVpwNN/?igshid=YmMyMTA2M2Y=

މިދާއިރާއިން އިޔާޝާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިމަސައްކަތް އިތުރަށް ފުޅާކޮށް އާ ޕްރޮޑަކްޓްތައް އަދި މިމަސައްކަތް ކުރާނެ ތަނެއް ލިބުން ކަމަށް އޭނާ ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކަމާ ގުޅޭ ވޯކްޝޮޕްތައް ހިންގާ ހެދުމަކީ ވެސް އިޔާޝާގެ ޓާގެޓެކެވެ. އިޔާޝާ ގަބޫލުކުރާތުގައި ކޮންމެ މަސައްކަތެއް ނިންމުމަށްފަހު ކަސްޓަމަރުންގެ ފަރާތުން އަންނަ ޕީޑްބެކްއަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެކެވެ.