ދިވެހިރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަން ވެރިވެގެން އުޅޭ އެއް މަންޒިލް ކަމަށް ވާ ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ތަކުލީފުތަކުގެ ވާހަކައަކީ އަދުގެ ދުނިޔެއަށް ކިރިއާވެސް ލޯހުޅުވިފައިވާ މީހަކަށް އާ ވާހަކައަކަށް ނުވާނެއެވެ. މިއަދު ސްރީލަންކާ ތަހައްމަލު ކުރަމުން ދާ އިގުތިސޯދީ އަދި މާލީ ހީނަރު ކަމަކީ، އެ ގައުމުގެ މިނިވަން ކަމުގެ ތަރީހު ދެކެފައި ނުވާ ފަދަ ހީނަރު، ތަދު ދުވަސްތަކެކެވެ.

ގައުމު ވެއްޓިފައި ވާ މާލީ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކާ ސްރީލަންކާއިން ވަނީ 2.5 ބިލިއަން ޑޮލަރުގެ އެހީއަކަށް ޗައިނާ ކިބައިން އެދިފައެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމަށް ވުމަށް ފައިވިއްދައިގެން އޮތް ޗައިނާއިން އެ ފުރުސަތުގެ ބޭނުންވެސް ހިފައިފިއެވެ. އަދި މިހާރުން މިހާރަށް ފޯރުކޮށްދޭ އިންސާނީ އެމާޖެންސީ އެހީގެ ގޮތުގައި، ސްރީލަންކާއަށް 31 މިލިއަން ޑޮލަރު ހަމަޖައްސާދޭނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ (ކ) އަދި ޗައިނާގެ ރައީސް ޝީ ޖީންޕިންގް / ފައިލް ފޮޓޯ: ނިއްކޭ އޭޝިއާ

ސްރީލަންކާއިން މިހާރުވެސް ދަނީ، އެ ގައުމުން ޗައިނާއަށް ދަރާފައި ވާ ދަރަނީގެ ތެރެއިން 11 ބިލިއަން ޑޮލަރު ހަލާސް ކުރުމުގެ ކަންކަން ފަސް ކުރުމަށް، ޖެނުއަރީ 10 ވަނަ ދުވަހު، ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ސްރީލަންކާއަށް ވަޑައިގެންނެވީއްސުރެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މަސައްކަތަށް ޗައިނާއިން އަދި ދީގެން އޮތީ ބީރު ކަންފަތެކެވެ.

ތަރައްގީ ވަމުން އަންނަ ގައުމުތަކުން އެ ގައުމެއްގެ މައްޗަށް ބަރޯސާވެވޭ 'އެކުވެރިޔާ' ގެ ގޮތުގައި ޗައިނާ ސިފަ ކޮށްދިނުމަށް، ބައިނަލްއަގުވާމީ މަސްރަހުގައި ޗައިނާއިން ތަސްވީރު ކުރެހުމަށް މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. ސްރީލަންކާއަކީ އެ ތަސްވީރުގެ އަޖުމަ، އެންމެ ގާތުން ބަލަމުން އަންނަ އެއް ގައުމެވެ. ސްޜީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ސްރީލަންކާގެ ސިޔާސީ ލީޑަރުން ގެންދަވަނީ، ހީނަރުކަމުގެ އަނދަވަޅުން ގައުމު ނަގަހައްޓައި ދިނުމަށް އެދި ޗައިނާގައި ސަލާންޖައްސަވަމުންނެވެ.

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ (ކ) އަދި ޗައިނާގެ ރައީސް ޝީ ޖީންޕިންގް / ފައިލް ފޮޓޯ: ނިއްކޭ އޭޝިއާ

ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަޅާގައި މުޅި ދުނިޔެ ކޮންޓްރޯލް ކުރުމަށް ޗައިނާއިން ހިފާފައި ވާ އަމާޒުގެ ކުލަތަކުން ކުރަމުންދާ ކުރެހުމަކީ ޗައިނާއަށް އިންތިހާއަށް މުހިންމު ތަސްވީރެކެވެ. 2013 ވަނަ އަހަރުން ފެށިގެން، އެ މަޝްރޫއުގެ ދަށުން ޗައިނާއިން ވަނީ 800 ބިލިއަން ޑޮލަރު ބަންޑުން ކޮށްލާފައެވެ. ގައުމުތަކުގެ ސަރުކާރުތައް ރުއްސައިގެން ކޮންޓްރެކްޓްތައް ކަށަވަރު ކުރުމަކީ ޗައިނާއަށް ފެންފަދަ ކަމެކެވެ.

ޗައިނާގެ މި ފަލްސަފާއަށް ހުޅަނގުން ދީފައި ވަނީ "ދަރަނި ދަންތުރަ"އެއްގެ ލަގަބެވެ. ޗައިނާގެ މަސައްކަތުން، އިގުތިސޯދީ ގޮތުން ބަލިކަށި ގައުމުތައް، ކުޑަކަކޫ މައްޗަށް ތިރިކޮށް، ޗައިނާގެ އެހީއަށް ބަރޯސާ ކުރުވާ ކަމުގެ ތުހުމަތު ކުރެއެވެ. އެ ތުހުމަތުތަކަށް ޗައިނާގެ ޑިޕްލޮމެޓުން އިންކާރުވެސް ކުރައްވައެވެ.

ސްރީލަންކާއަށް ދޫކޮށްފައިވާ ދަރަންޏަށް މައާފު ދިނުން ނުވަތަ ރީސްޓްރަޗްކާ ކުރުމަށް ޗައިނާއިން ދެކޮޅު ހަދަމުން ދާ ދިއުމަކީ މިކަމުގެ ހެއްކެއްކަމުގައި ބުނެވިދާނެއެވެ. ނަމަވެސް ޗައިނާއިން ބުނަމުން ދަނީ، އެފަދަ ކަމެއް ކުރުމަކީ، އެ ގައުމުން ހިންގާ ލޯނު މަޝްރޫއުތަކާ މެދު ސީރިއަސްކަން ގެއްލުވާލުން އެކަށީގެން ވާ ކަމެއް ކަމަށެވެ. ބެލްޓް އެންޑް ރޯޑް މަޝްރޫއާއެކު ދަރަނިވެރިވެފައިވާ އެހެން ގައުމުތަކާއުވެސް މިފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ޗައިނާ އުޒުރުވެރިވެއެވެ.

ޗައިނާއިން 70 ޕަސެންޓް ކޮންޓްރޯލް ނަގާފައިވާ ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރު ސަރަހައްދު / ފައިލް ފޮޓޯ: ޗައިނާ ޑައެލޮގް

ބޭރުގެ ފަރާތްތަކަށް ދަރާފައިވާ 51 ބިލިއަން ޑޮލަރުގެ ދަރަންޏާއެކު، ސްރީލަންކާއިން މިހާރު ވަނީ ބައިނަލްއަގުވާމީ އިދާރާ (އައިއެމްއެފް)ގެ އެހީއަށް އެދިފައެވެ. އޭގެ ތެރޭގައި ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއަށް ދަރާފައި ވާ 11 ބިލިއަން ޑޮލަރު ހިމެނެއެވެ.

ސްރީލަންކާގެ ލޯނު ރީސްޓްރަކްޗާ ކުރުމަށް ޗައިނާއިން ބީރުކަންފަތެއް ދީގެން އޮތުމުގެ ފަހަތުގައި އަޑި ނޭނގޭ އެޖެންޑާއެއް ނެތި ދިއުމަކީ ނާދިރު ކަމެކެވެ. ޗައިނާ މަޑުކޮށްލައިގެން އޮތީ ފައިދާ ބޮޑު ބަދަލެއް ލިބެނިވި މަގެއް ކޮށެން ދެން ކަމަށްވެސް ތުހުމަތު ކުރެވެއެވެ. މިފަދަ އުސޫލެއްގެ ތެރެއިން 2017 ވަނަ އަހަރު ޗައިނާއިން ވަނީ ސްރީލަންކާގެ ހަމްބަންޓޯޓާ ޕޯޓްގެ 70 ޕަސެންޓް ކޮންޓްރޯލް ނަގާފައެވެ.

ސްރީލަންކާގެ އިގުތިސޯދު ހީނަރުވެ، މުދާ އިމްޕޯޓް ކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި / ފައިލް ފޮޓޯ: ހިންދުސްތާން ޓައިމްސް

ޗައިނާގެ ފަންޑުން ސްރީލަންކާގައި ހިންގަމުންދާ މަޝްރޫއުތައް މަޑުޖައްސާލެވޭކަށްވެސް ނެތެވެ. އެފަދަ ފިޔަވަޅެއް ސްރީލަންކާއިން އަޅައިފިނަމަ، މަސައްކަތް ހުއްޓާލި ކަމުގެ ބަދަލު ޗައިނާއަށް ދިނުމަށް، ލަންކާއަށް މަޖުބޫރު ވާނެއެވެ. ޗައިނާއިން ސްރީލަންކާގައި ހިންގާ މަޝްރޫއުތަކުގެ ސަބަބުން، ޗައިނާގެ ތަސްވީރު ކިލަނބުވުމަކީ އެކަމަކަށް ޗައިނާއިން މާ ބޮޑު ސަމާލުކަމެއް ދޭ ކަމެއް ނޫނެވެ.

އެކި ގައުމުތަކުން ޗައިނާގެ މަޝްރޫއުތަކާއި ލޯނުތަކަށް ބަރޯސާވަނީ، ޗައިނާގެ ހަގީގީ ތަސްވީރަށް ބެލުމެއް ނެތިއެވެ. މުހިންމު ވަނީ އަމިއްލަ ގައުމު ތަރައްގީވެގެންދާ މަންޒަރު ލޮލަށް ފެނުމެވެ. އިންތިހާބުތައް ބޯމަތިވާ އިރު އެންމެ ގާތުން އަތުގައި ޖެހެން އޮތް އަނދުން ގަނޑަކީވެސް ޗައިނާއެވެ.

ކަން މިހެން އޮތް ނަމަވެސް، ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ތަކުލީފުތަކުގެ 100 ޕަސެންޓް އިލްޒާމް، ޗައިނާއަށް އަމާޒު ކުރުމަކީ އިންސާފެއް ނޫނެވެ. ބޭރު ގައުމުތަކަށް ސްރީލަންކާއިން ދަރާފައި ވާ ދަރަންޏަށް ބަލާއިރު، ޗައިނާ ހިއްސާ ކުރަނީ އެންމެ 15 ޕަސެންޓްއެވެ. ނަމަވެސް ޗައިނާގެ ދަރަނި ދަންތުރާގައި ނޭވާ ހޮޅިއަށް އެޅިފައިވާ ގައުމެއްގެ މޮޑެލްއެއްގެ ގޮތުގައި މުޅި ދުނިޔެވެސް ބޭނުން ކުރަމުން ދަނީ ލަންކާގެ ހީނަރުކަމުގެ ތަސްވީރެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.