މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކުވެސް 4 ގަޑިއިރާއި 30 މިނެޓްގެ ވަގުތަކަށް، ސްރީލަންކާގެ ހުރިހާ ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް، ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އިން ހާމަ ކޮށްފިއެވެ.

އޭޕްރިލް 27 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް 4 ގަޑިއިރާއި 30 މިނެޓްގެ ވަގުތަކަށް ކަރަންޓު ކަނޑާލަން ނިންމީ، ކަރަންޓު އުފައްދަން ބޭނުންވާ މިންވަރަށް ހަކަތައާއި ފެން ނުލިބުމުގެ ސަބަބުން ކަމަށް ސީއީބީއިން ބުނެއެވެ.

ޒޯންތަކަކަށް ބަހާލައިގެން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ނިންމާފައި ވަނީ ހެނދުނު 08:30 އާއި ހަވީރު 06:00 އާ ދެމެދު 3 ގަޑިއިރަށް އަދި ހަވީރު 06:00 އިން ރޭގަނޑު 10:30 އާ ދެމެދު ދޮޅު ގަޑިއިރަށެވެ. ކަން މިހެން އޮތް ނަމަވެސް ޑިމާންޑަށް ބަލާ، ތާވަލާ އެއްގޮތަށް ކަރަންޓް ކަނޑާނުލުންވެސް އެކަށީގެން ވާ ކަމަށް މައުލޫމާތު ލިބެއެވެ. ކަރަންޓު ސަޕްލައިގެ ހިދުމަތަށް ބުރޫއެރުމާއި އަލުން ހިދުމަތް ގުޅައިދިނުމުގައި 30 މިނެޓުގެ ފަރަގެއް އުޅުން އެކަށީގެންވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސްރީލަންކާއަށް ހަކަތައިގެ ދަތިކަމާ ކުރިމަތިލާން ޖެހުނީ، އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް އިންތިހާއަށް ހީނަރުވެގެން ދިއުމާ ގުޅިގެންނެވެ. އިގުތިސޯދީ އަދި މާލީ ގޮތުން ބޮޑު އިނދަޖެހުމެއްގައި އޮތް ސްރީލަންކާ އެ ފައްތަރަށް ވެއްޓުމުގައި ސަރުކާރަށް ގޯސްތަކެއް ހެދިފައި ވާ ކަމަށް، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.