ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާ ފަރާތްތަކާ ދެމެދު އެމްއޯޔޫގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ދަށުން އެޕްރެންޓިސްޝިޕް ހިންގުމަށް މިނިސްޓްރީއާއެކު މިއަދު އެމްއޯޔޫ ސޮއިކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ކަމަށެވެ.

މި ގޮތުން، އެމްއޭސީއެލް އިން އިލެކްޓްރިކަލް، ވެލްޑިންގް، ރެފްރިޖެރޭޝަން އަދި އެއާ ކޮންޑިޝަނިން އަދި މި ނޫން ވެސް ދާއިރާތަކުން އެސިސްޓަންޓް ޓެކްނީޝަނުން ތަމްރީންކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ފެނަކަ އިން ތަމްރީނުތައް ހިންގުމަށް ހަމަޖެހިފައިވަނީ ވޯޓާ ޕްލާންޓް އެންޑް ސްވަރޭޖް އޮޕަރޭޓާސްގެ އިތުރުން، އިލެކްޓިރިކަލް އިންސްޓޯލޭޝަން އަދިމެއިންޓަނަންސް ދާއިރާއިން ކަމަށެވެ.

މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ނީޒާ އިމާދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖާ، ގުރައިޝާ އިސްމާއީލްއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުއެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގްސަދަކީ ވަޒީފާގެ ބާޒާރަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ބޭނުންވާނެ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތުތަކެއް އެފަރާތްތަކަށް ފަހިކޮށްދިނުން ކަމަށެވެ.

މިގޮތުން، މިމަހު 21 ވަނަ ދުވަހު ގައި އެޗްޑީސީ، ވެމްކޯ އަދި އެމްޓީސީސީ އާ ސޮއިކުރެވުނު އެމްއޯދޫ ހިމެނޭ ގޮތަށް، މި ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް އެޕްރެންޓިސްޝިޕްއާ ހިންގުމަށް ޖުމްލަ 5 ފަރާތަކާއެކު އެމްއޯޔޫގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.