އޭނާގެ ސަރުކާރަށް ގޯސްތަކެއް ހެދިފައި ވާ ކަމަށާއި އެކަންކަން އިސްލާހު ކުރައްވައިގެން ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅު ވާ ކަމަށް، އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައި ވާ ސްރީލަންކާގެ ތާއީދު ގެއްލިފައި ވާ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

މި ރޫހުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ގޮތަބާޔާ ވިދާޅުވީ، ކެމިކަލް އެކުލެވޭ ގަހުކާނާ، ދަނޑުވެރިންނަށް ދިނުން ހުއްޓާލުމަކީ ހެއްދެވުނު ގޯހެއް ކަމަށާ، ދަނޑުވެރިންނަށް ކެމިކަލް ގަހުކާނާ އަލުން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ރިއާޔަތް ކުރާ އިރު، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އެހީއަށް އެ ގައުމުން އެދެވެންވީތާ ކިތަންމެ ދުވަހެއް ވެފައި ވާ ކަމަށްވެސް ގޮތަބާޔާ ވިދާޅުވިއެވެ.

ސްރީލަންކާގައި އިއްޔެ އަލަށް ހުވާކުރެއްވި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވަމުން ގޮތަބާޔާ ވިދާޅުވީ، އެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ އިގުތިސޯދީ ކާރިސާގެ ސަބަބުން އާންމު ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހިފައި ވާ ކަމަށާ، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ޒަރޫރީ މުދާ ހޯދުމަށް ގިނަ ވަގުތުތަކެއްގައި ކިއޫގައި މަޑޫކުރަން ޖެހުމުގެ ސަބަބުން ރައްޔިތުން ރުޅިގަދަވެފައި ވަނީ ހައްގުން ކަމަށްވެސް ގޮތަބާޔާ ވަނީ ވިދާޅުވެފައެވެ.

ވަޒީރު ކަމުގެ މަގާމަކީ ލިބިވަޑައިގަންނަވާ އިމްތިޔާޒެއް ނޫން ކަމަށާ، ނަމަވެސް އެއީ ބޮޑުވެގެންވާ ޒިންމާއެއް ކަމާށް ގޮތަބާޔާ ވަނީ އާ ވަޒީރުންނަށް ވިދާޅުވެފައެވެ. އަދި ތެދުވެރި ކަމާއެކު ސާފު ސަރުކާރެއް ގާއިމު ކޮށްދެއްވާ، އިތުރު އިމްތިޔާޒެއްގެ ބޭނުން ނިހިއްޕެވުމަށްވެސް ގޮތަބާޔާ ވަނީ ވަޒީރުންނަށް ގޮވާލައްވާފައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ ދަންފަޅީގައި، ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރެއްވި ވަޒީރުންގެ އާ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ 17 މެންބަރުންނެވެ.

ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން އިސްތިއުފާ ދެއްވި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ގާމިނީ ލޮކުގޭ، ޖޯންސްޓަން ފެނާންޑޯ އަދި ކެހޭލިޔާ ރަމްބުކްވެއްލާ، މި ފަހަރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައެއް ނުގަންނަވައެވެ. އަދި ސިޔާސީ މަސްރަހަށް އިންތިހާއަށް ނުފޫޒު ފޯރުއްވަމުން ގެންދަވާ ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޝަމާލް، ބާސިލް، ނަމާލް އަދި ޝަޝީންދްރާ ރާޖަޕަކްސަވެސް ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާފައެއް ނުވެއެވެ.