ބައިނަލްއަގުވާމީ ފެންވަރުގައި މަންޒިލުން އަނެއް މަންޒިލަށް ދަތުރު ކުރުމުގައި ބޭނުން ކުރާ އެންމެ ބާރުގަދަ އެއް ތަޅުދަނޑީގެ ގޮތުގައި ސިފަ ކުރަމުން ޕާސްޕޯޓްތަކުގެ ދުނިޔޭގެ ރޭންކިންގްގައި ދިވެހި ޕާސްޕޯޓްގެ ނުފޫޒު ވަރުގަދަ ކޮށްފިއެވެ.

އެކި ގައުމުތަކުން ބޭނުން ކުރަމުން ދާ ޕާސްޕޯޓްތަކުގެ ރޭންކިންގް ހެދުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ހެންލީ އެންޑް ޕާޓްނާޒް (އެޗްއެންޑްޕީ) އިން އެކުލަވާލާފައިވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޕާސްޕޯޓްތަކުގެ ރޭންކިންގްގައި ދިވެހި ރާއްޖެ ވަނީ 2021 ވަނަ އަހަރުގެ ރޭންކިންގްއާއި އަޅާ ބަލާއިރު 6 ދަރަޖަ ކުރިއަށް ޖެހިލާފައެވެ.

2021 ވަނަ އަހަރުގެ ރޭންކިންގްގައި ދިވެހި ޕާސްޕޯޓް ގިންތި ކޮށްފައި ވަނީ 66 ވަނައަށް އެންމެ ނުފޫޒުގަދަ ޕާސްޕޯޓްގެ މަގާމުގައި ކަމަށް ވާ އިރު، މި އަހަރުގެ ރޭންކިންގްގައި ދިވެހި ރާއްޖެ ގިންތި ކޮށްފައި ވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 60 ވަނައަށް އެންމެ ނުފޫޒުގަދަ ޕާސްޕޯޓްގެ ގޮތުގައެވެ.

އެޗްއެންޑްޕީއިން ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޕާސްޕޯޓްތަކުގެ ރޭކިންގް އެކުލަވާލަމުން އަންނަ ގޮތަށް ބަލާއިރު، ފާއިތުވީ 16 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ޕާސްޕޯޓްގެ ނުފޫޒު އެންމެ ގަދަ ކަމަށް ދައްކާފައި ވަނީ 2013 އަދި 2014 ވަނަ އަހަރުއެވެ. އެ 2 އަހަރުވެސް ދިވެހި ޕާސްޕޯޓް ވަނީ 49 ވަނައިގެ ރޭކިންގް ހިފަހައްޓާފައެވެ. އެއީ މި މުއްދަތުގައި ގަދަ 50 ގައިވެސް ދިވެހި ޕާސްޕޯޓް ހިމެނުނު ހަމަ އެކަނި 2 އަހަރުވެސްމެއެވެ.

ދިވެހި އިމިގްރޭޝަނުން އާންމުން ކޮށްފައި ވާ މައުލޫމާތަށް ބަލާއިރު މައިގަނޑު 4 ގިންތިއަކަށް ދިވެހި ޕާސްޕޯޓް ދޫކުރެއެވެ. އެއީ ހަމަ އެކަނި ޑިޕްލޮމެޓުންނަށް ދޫކުރާ ޑިޕްލޮމެޓިކް (ކަޅު) ޕާސްޕޯޓް، އާންމުންގެ ދަތުރުތަކަށް ހުރިހާ ރައްޔިތުންނަށް ދޫކުރާ އޯޑިނަރީ (ރަތް) ޕާސްޕޯޓް، ހަމައެކަނި ރަސްމީ ބޭނުންތަކަށް ދޫކުރާ އޮފިޝަލް (ނޫ) ޕާސްޕޯޓް އަދި ކުއްލި ހާލަތްތަކުގައި ދޫކުރާ އެމާޖެންސީ (އަޅި) ޕާސްޕޯޓެވެ.

ދިވެހިރާއްޖޭގައި މިހާރު ބޭނުން ކުރަމުން ދަނީ ސެކަންޑް ޖެނެރޭޝަން އީ-ޕާސްޕޯޓްއެވެ. ދިވެހި ޕާސްޕޯޓަކީ ސަލާމަތީ ގޮތުން ފިޔަވަޅުތައް ވަރުގަދަ ޕާސްޕޯޓެއްކަން އިމިގްރޭޝަނުން ފާހަގަ ކުރެއެވެ. ޕާސްޕޯޓްތަކުގެ ސަލާމަތީ މިންގަނޑުތަކުގެ އެންމެ މަތީ ގިންތިއަށް ފެތޭ ދިވެހި ޕާސްޕޯޓްގެ ސެކިއުރިޓީ ފީޗާތަކަށް ބަލާއިރު ބޭރަށް ފާޅުވާ ގޮތަށާއި ނުވާ ގޮތަށް 34 ފީޗާއެއް ހިމަނާފައި ވެއެވެ. އަދި ދިވެހި ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އިއްތިހާދު (ސާކް)ގެ މެންބަރު ގައުމުތަކުގެ ތެރެއިން އެންމެ ޒަމާނީ ފެންވަރަށް ބައޮމެޓްރިކް ޕާސްޕޯޓް ތައާރަފުކުރި ފުރަތަމަ ގައުމުވެސްމެއެވެ.

އެޗްއެންޑްޕީއިން ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޕާސްޕޯޓް ގިންތި ކުރުމުގައި އަޅާ ބަލަނީ 199 ގައުމެއްގެ ޕާސްޕޯޓުން 227 މަންޒިލަކަށް، ވިސާއާ ނުލާ ދަތުރު ކުރެވޭ ނިސްބަތެވެ. އެގޮތުން ދިވެހި ޕާސްޕޯޓަކާއެކު ވިސާ ނުލާ، 88 މަންޒިލަކަށް ދަތުރު ކުރެވެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޕާސްޕޯޓްތަކަށް ބަލާއިރު ވިސާ ނުލާ 192 މަންޒިލަށް ދަތުރު ކުރެވޭ ޖަޕާން، 190 މަންޒިލަށް ދަތުރު ކުރެވޭ ޖަރުމަނުވިލާތާއި ދެކުނު ކޮރެއާ އަދި 189 މަންޒިލަށް ދަތުރު ކުރެވޭ ފިންލަންޑް، އިޓަލީ، ލަގްޒަމްބާގް އަދި ސްޕެއިން ފާހަގަ ކުރެވެއެވެ. މި ނަޒަރުން ބަލާއިރު އެންމެ ބަލިކަށި ޕާސްޕޯޓެއް އޮތީ އަފްގާނިސްތާނުގައެވެ. އަފްގާނިސްތާނުގެ ޕާސްޕޯޓްގައި ވިސާ ނުލާ ދަތުރު ކުރެވެނީ އެންމެ 26 މަންޒިލަކަށެވެ.