ދިރިއުޅުމުގެ ކަންކަމުގައި އަންހެނުންގެ ހިއްސާ ބޮޑެވެ. ދަރިން ބަލައި ބޮޑުކުރި ކަމުގައިވިޔަސް، ނުވަތަ ވަޒީފާގެ މާހައުލުގައި ކަމަށްވިޔަސް، އަދި މުޖުތަމައުގެ އެހެނިހެން ކަންކަމުގައި ވިޔަސް، އަންހެނުންނަކީ އަބަދުވެސް ފާހަގަކޮށްލެވޭ ބައެކެވެ. ނަމަވެސް ބައެއް ކަންކަމުގައި ކުރިޔަށް ދިއުމަށް އަންހެނުންނަށް އަބަދުވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އެ ގޮންޖެހުންތަކާ އެކުވެސް އަންހެނުން ދަނީ އެ މީހުންގެ ފައިތިލަ މި މުޖުތަމައުގެ ތެރޭގައި ސާބިތުކުރަމުންނެވެ.

އޭގެ ތެރެއިން ކިޔުންތެރިންނާ ހަމައަށް މިއަދު ގެނެސްދެނީ މާލެ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތައް މީޑިއާ މެދުވެރިކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި މަސައްކަތްކުރާ އެ ކައުންސިލްގެ ސްޕޯކްސްޕާސަން އަދި މީޑިއާ އެގްޒެކްޓިވް މަރިޔަމް ޝިއުނާ، ނުވަތަ އާންމު ނަމުން ނަމަ ނަންނައެވެ. ސިޓީ ކައުންސިލްގައި ވަޒީފާ އަދާކުރަމުންދާ ނަންނަ ފާހަގަ ކޮށްލެވެނީ މީޑިއާ އާއި އާންމުންނާވެސް ރަށްޓެހި މޫނެއްގެ ގޮތުގައެވެ.

މީޑިއާ އެގްޒެކްޓިވެއްގެ ވަޒީފާއެއްގައި މިހާރު ހުރި ނަންނަ އެންމެ ފުރަތަމަ މީޑިއާގެ ތެރެއަށް ނުކުމެފައިވަނީ ކުރީގެ "ދި އެފްއެމް" އިން ލިބުނު ފުރުސަތެއްގައެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވި ބައެއް ކަންތައްތަކުގެ ސަބަބުން ދުވަސްކޮޅަކަށް މީޑިއާ އާ ދުރަށް ދިޔައެވެ. އެ ވާހަކަ ނަންނަ ވަނީ ކޮންމެވެސް ވަރަކަށް ހިއްސާކޮށްފައެވެ.

"މެރީ ކުރީމަ ބައެއް ފަހަރު ފިރިހެނުން ގަބޫލުނުވާނެ އޭނާގެ އަންހެނުން ޓީވީން ފެންނަން، ނޫނިއްޔާމު އެހެން ފިރިހެން ޕްރެޒެންޓަރަކާއެކު ފެނުނީމަ އަންކޮމްފޮޓަބަލް ވެދާނެ. އެފަދަ ގޮތެއް ދިމާވީ ފުރަތަމަ."
ނަންނަ

އެއަށްފަހު، ދަރިފުޅު ލިބުނުތާ ދުވަސްތަކެއް ފަހުން ކައިވެނި ރޫޅުމާ އެކު، ތުއްތު ދަރިފުޅު ބަލައި ބޮޑުކުރުމުގެ މަސައްކަތް ކުރަން ޖެހުނީ ނަންނަ އެކަންޏެވެ. އެހެންވެ، އާމްދަނީ ހޯދުމަށްޓަކައި ނަންނަ އެނބުރި މީޑިއާއަށް އައީ "ވީޓީވީ" އިން ލިބުނު ފުރުސަތެއްގައެވެ، ވީޓީވީގައި ޕްރެޒެންޓަރެއްގެ ގޮތުގައި، އަދި "ދިވެހި ޗެނަލް" ގައި ޕްރެޒެންޓާ އަދި ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، ނަންނަ ވަނީ ފަހުން ނިއުސް ހެޑެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ނަންނަ ދަރިފުޅު ޒީވް އާ އެކު ---

އެއަށްފަހު، ސިޓީ ކައުންސިލްގައި މިހާރު މަސައްކަތް ކުރަމުން ދާ ނަންނަ ބުނިގޮތުގައި ކައުންސިލަށް ވަނީ އެތަނަށް ގޮސް އެހީތެރިވެދީގެން ކައުންސިލުން ކުރާ ކަންކަން އާންމުންނާ ހަމައަށް ގެނެސްދީ، ސިޔާސީ ތަނަކަށް ވުރެ ބޮޑަށް އާންމުންނާ ގުޅުން އޮތް ތަނަކަށް ކައުންސިލް ބަދަލުކޮށްލުމުގެ ނިޔަތުގައި ކަމަށާއި، ތަފާތު ދެއްކުމަށް ކަމަށެވެ.

"އެހެންވީމަ ދެން އޭތި ބޭނުންވީ ބަދަލުކޮށްލަން މޭޔަރާ އެއްކޮށް މަސައްކަތް ކުރަން، ޕަބްލިކާ ގުޅުން އޮތް ތަނަކަށް ކައުންސިލް ބަދަލުކުރަން، މީޑިއާގެ މަސައްކަތްތައް ފުޅާކުރަން، އެހެންވެ އެ ނިޔަތުގަ ހަމަ ކުރިމަތިލީ އެ ވަޒީފާއަށް ލައިގެން ހަމަ ސެލެކްޓްވީމަ ދެން އިރާދަކުރެއްވިއްޔާ ހިތަށް އެރީ ތަފާތު ދައްކާނަމޭ."
ނަންނަ

ނަންނަ އިތުރަށް ބުނީ މިހެންނެވެ. "މިގެ ކުރިން ބައެއް މީހުންނަށް ނޭނގި ހުރޭ އަސްލު ސިޓީ ކައުންސިލްގެ ޒިންމާތައް އެކަމަކު މިހާރު ވަރަަށް ގިނަ މީހުން އެވެއާ ވެފަ އޮވޭ، ސިޓީ ކައުންސިލުން މިކަންވެސް ކުރެވެޔޭ، ކުރާތަން ފެނުނީމަ ވަރަށް ގިނަ މީހުން ބުނޭ ހަމަ ސޯޝަލް މީޑިއާއިންވެސް ފެނޭ، އޭ މީ ހާދަ މަސައްކަތް އަސްލު ކުރާ ތަނެކޭ ކީއްވެބާއޭ ކުރިން ނުފެނުނީ، އެ ތަފާތު މިހާރު ފެނޭ ކަންނޭނގެ އެހެންވީމަ ވަރަށް ހިތްހަމަޖެހޭ."

މާލެ ސިޓީ ކައުންސިލްގެ އަވަށު ބައްދަލުވުމެއްގައި ނަންނަ ---

ނަންނަގެ މަސައްކަތުގައި އަށް އަހަރުގެ ތުއްތު ދަރިފުޅާއި، މަންމަގެ އެހީތެރިކަން ލިބެމުންދާ ކަން ނަންނަ ފާހަގަ ކުރެއެވެ. އެގޮތުން ނަންނަގެ ދަރިފުޅު ބަލައި ބޮޑުކުރަނީ އެކަނި ކަމަށް އޭނާ ބުނެފައި ވާއިރު، ވަޒީފާގެ ގޮތުން ބައެއް ފަހަރު ދަރިފުޅަށް ވަގުތު ދިނުމަށް ދަތިވާކަން ފާހަގަކޮށް ނަންނަ ބުނީ، ދަރިފުޅު ބެލެހެއްޓުމުގައި ނަންނަގެ މަންމަގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. ނަމަވެސް ދަރިފުޅަށް އެދެވޭ ގޮތެއްގައި ވަގުތު ނުދެވޭތީ ހިތާމަކުރާ ކަމަށްވެސް ބުންޏެވެ.

"ދެން މިހާރުވެސް އަސްލު ދެރަވޭ، އެކަމަކު އަޅުގަނޑު އެބަޖެހޭ އާމްދަނީ ހޯދަން މަސައްކަތް ކުރަން، ދަރިފުލުގެ އެކްސްޕެންސަސް ބަލަހައްޓަނީވެސް އަމިއްލައަށް."
ނަންނަ

ދަރިފުޅުގެ ކަންކަން އަމިއްލައަށް ބަލަހައްޓަމުން ދިޔަ ކަމުގައިވިޔަސް، ދިރިއުޅުމުގައި ކުރެވުނު ހިތި ތަޖުރިބާތަކެއްގެ ސަބަބުން އަދި އެހެން މީހަކާ އެކު ދިރިއުޅުމެއް ފަށަން ނަންނަ ހިޔާލެއް ނުކުރެއެވެ. އެހެންވެ، ދަރިފުޅު ބަލައި ބޮޑުކުރަން އަދި ބޭނުންވަނީ ސިންގަލް ޕޭރަންޓެއްގެ ގޮތުގައި ކަމަށް ނަންނަ ބުންޏެވެ. ހަމަ އެއާއެކު ނަންނަ ވަނީ ދަރިން ބެލެހެއްޓުމުގައި މަންމައެކޭ އެއްގޮތަށް ބައްޕައެއްގެ ޒިންމާއެއްވެސް އޮންނަކަން ފާހަގަ ކޮށްފައެވެ.

"ދެމަފިރިން ވަކިވެ އަދި ދަރިން ތިބޭއިރު، ކައިވެނި ރޫޅުނު ނަމަވެސް ދެމަފިރިންނަށް ދަރިން ލިބިފަ ހުރެއްޖެ ނަމަ، ހަމަ ދެމަފަރިންގެ ގޮތުގައި ނުތިބި ކަމަށްވިޔަސް ދަރިންނަށް އަޅާލާ މިހެން އުޅެވޭނެޔޭ. ހަަމައެކަނި ވަރިވީމަ ދަރިފުޅުގެ ހަރަދުގަ ކޯޓަށް ދައްކަން އެ ޖެހޭ 2،000ރ އެއް ނޫނޭ އަސްލު ދަރިފުޅުގެ މައްޗަށް ބައްޕަގެ އޮންނަ ޒިންމާއަކީ." ނަންނަ ބުންޏެވެ.

"ބައްޕައިންނަށް ބުނެލަން ބޭނުންވަނީ ދެމަފިރިންނަށް އެއްކޮށް ނޫޅެވުނު ކަމުގައިވިޔަސް ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ އެކަނި މާ އެކަނި އަންހެނަކަށް ދޫކޮށްނުލާށޭ. އަންހެނަކަށް އުނދަގޫވާނެއޭ މަންމަ އާއި ބައްޕަގެ ޒިންމާ ނަގަން."
ނަންނަ

ހުރިހާ ގޮންޖެހުންތަކާ އެކުވެސް، މިހާހިސާބަށް އައުމުގައި ނަންނައަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި "އަވަސް" ނޫހުގެ ނޫސްވެރިޔާ އަހްމަދު ހަމީދު އާދަމާއި، "ދިވެހި ޗެނަލް" ގެ ސީއީއޯ ޔާމީން ރަޝީދުގެ އިތުރުން، "ދިޔަރެސް" ނޫހުގެ އެޑިޓަރު އަހްމަދު އަޒާންގެ ނަންވެސް ނަންނަ ފާހަގަކޮށްފައި ވެއެވެ.

ކުރިއަށް އޮތް ތަނުގައި މީޑިއާއިން ފެނިދާނެ ކަމަށާއި، މީޑިއާއިން ދުރަކަށް ނުދާނެ ކަމަށް ނަންނަ ބުންޏެވެ.