ޒަމާނާއެކު ދިވެހިންގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް އައި އެއް ދާއިރާ އަކީ ފަންނުވެރިންގެ ދާއިރާ ކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ. ފާރުތަކުން ފެށިގެން ދަބަސް، ހެދުން ފަދަ ތަކެތިން ދިވެހިންގެ ކުރެހުން ފެނުމަކީ މީގެ ހެއްކަކަށް ފުދެއެވެ. ކޮވިޑް 19 އާ ގުޅިގެން ގޭގައި ތިބެން ޖެހުމާއި މާލީ ގޮތުން ދަތިވުމާއެކުވެސް ގިނަ ބަޔަކު މި މަސައްކަތް ވަނީ ފަށާފައެވެ. އޭގެތެރެއިން ބައެއް ދިވެހިންނަކީ މުނިފޫހިފިލުވުމުގެ ގޮތުން އެ މަސައްކަތް ކުރަން ފަށާ، އެ ހުނަރު ތަރައްގީކޮށް އާމްދަނީ ހޯދަން މިހާރު އެ މަސައްކަތް ކުރާ މީހުންނެވެ.

ފަރުދައިގެ ފުރަގަހުގައި ބުރަކޮށް މަސައްކަތް ކުރާ ހުނަރުވެރި ކުރެހުންތެރިތަކެއް ތިބި އިރު، އުމުރުން 26 އަހަރުގެ ލ، ކަޅައިދުއަށް އުފަން މަރިޔަމް ނުހާ އަކީ ރާއްޖޭގެ ހުނަރުވެރި ކުރެހުންތެރިންގެ ލިސްޓުގައި ހިމެނެނޭ ޒުވާނެކެވެ. ނުހާ އޭ ބުނުމުން ނޭނގޭ އެތައް ބަޔަކު ތިއްބަސް "ނުހާއާޓްސް" އޭ ބުނުމުން މިދައްކަނީ ކޮން ކުރެހުންތެރިއެއްގެ ވާހަކަކަން އެނގޭނެއެވެ.

ނުހާގެ ބައެއް ކުރެހުންތައް

ސްކޫލް ދައުރުގައި އެކި ގޮތް ގޮތަަށް ކުރަހަމުން އައި ނުހާ މިއަދު އެ ދާއިރާގައި ފިޔަޖަހުން އަންނައިރު ނުހާ ފުރަތަމަ ކުރެހީ އޭނާގެ ކުރެހުމުގެ ހުނަރު ތަރައްގީކުރުމުގެ އެއްވެސް ނިޔަތެއް އޮވެގެންނެއް ނޫނެވެ. ފޫހިވެގެން ފޫހިފިލުވުމުގެ ގޮތުންނެވެ. ކުރަހަން ފެށުނު ގޮތް ކިޔައިދެމުން ނުހާ ބުނީ އޭނާ ފުރަތަމަ ކުރަހަން ފެށީ ކަލާފާނު ސްކޫލުގެ، ގްރޭޑް 6 ގައި އުޅުނުއިރު ފޫހިވެގެން ފޮތުގެ ފަހަތުގައި އޮންނަ ގަނޑުތަކުގައި ކަމަށެވެ. އަދި ގްރޭޑް 6، 7 ގައި އުޅުނު އިރު ވަރަށް ކުރެހި ކަމަށާއި އަމީނިއްޔާ ސްކޫލްގެ ސެކަންޑްރީ ގްރޭޑްތަކަށް ދިޔައިރު ރީއްޗަށް ކުރަހަން އެނގޭ ކަމަށް ނުހާ ކިޔައިދިނެވެ.

"6، 7 ގައިވެސް ވަރަށް ކުރަހަން. 8، 9، 10 ގައި ރަނގަޅަށް ކުރަހަން އެނގޭ އެހެންވެ، ޕޯސްޓަރެއް ހަދަން ޖެހުނަސް އަންނަނީ ނުހާ ކައިރިއަށް"
ނުހާ
ނުހާގެ ބައެއް ކުރެހުންތައް

ނުހާގެ ކުރެހުމުގެ ހުނަރު އިތުރަށް ކުރިއަރައިގެން އައި ގޮތް ކިޔައިދެމުން ބުނީ 2014 ވަނަ އަހަރު އޭނާ ކައިވެނިކޮށް، ގިނަ ވަގުތު ގޭގައި އިންނަން ޖެހުމުން ކުރަހަން ފެށީ ކަމަށެވެ. އަދި އޭރު ކުރެހީ ފޮތް ފުރެންދެން ކަމަށާއި ފޮތް ފުރުމުން ވަކިން ގަނޑު ނައްޓާ، އެ އެއްޗެހި ފައިލްކޮށްފައި ހުންނާނެ ކަމަށް ނުހާ ވަނީ ބުނެފައެވެ. މީގެ ކުރިން ނުހާ ވަނީ "މިސްޓިކް ނިގާބީ"ގެ ނަމުގައި އިންސްޓަގްރާމުގައި އޭނާގެ އޭރުގެ ކުރެހުންތައް ހިއްސާކޮށްފައެވެ.

2017 ވަނަ އަހަރު "ނުހާއާޓްސް" ގެ ނަމުގައި ނުހާގެ ކުރެހުންތައް އާއްމުނަށް ފެންނަމުން އަންނައިރު އާމުދަނީ ހޯދަން އޭނާ އެ މަސައްކަތް ފެށީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މާލީ ގޮތުން ދަތިވުމުގެ ސަބަބުންނެވެ. 4 ދަރިން ގޮވައިގެން ނުހާ ދުވާލާއި ރޭގަނޑުގެ ބައެއް ވަގުތުތައް ކުރެހުމުގައި ހޭދަކުރާއިރު ކަރުދާސްތަކާއި ކެންވާސްތަކުގެ އިތުރުން ތަފާތު އެކި ވައްތަރުގެ ދަބަސްތަކުންވެސް އޭނާގެ ކުރެހުންތައް ފެނެއެވެ. މީގެ އިތުރުން ނުހާގެ ކެލިގްރަފީ އާޓް އަކީވެސް ފާހަގަކޮށްލެވޭ އެއްޗެކެވެ.

ނުހާގެ ބައެއް ކުރެހުންތައް

ދަބަހުގައި ނުހާ ފުރަތަމަ ކުރަހަން ފެށީ އޭނާ އަމިއްލައަށް ދަބަސް ފަހައިގެންނެވެ. އެހެންނަމަވެސް މިހާރު ނުހާ ކުރަހަނީ އޭނާ ބޭރުން އޯޑަރު ކޮށްގެން ގެންނަ ދަބަހުގައެވެ. ނުހާ ބުނީ އޭނާ ފެހުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި ކުރިއަށްދާން ބޭނުމީ ކުރެހުމުގެ ދާއިރާއިން ކަމަށެވެ. އަދި ނުހާ އެންމެ ގަޔާވެގެން ކުރަހަނީ ހުސް ހުދު ކުލައިން ކުރަހާ ކުރެހުންތަކެވެ.

ރާއްޖެއިން ކުރެހުމަށް ބޭނުންވާ އެންމެ އާދައިގެ އެއްޗެހި ނުލިބުމަކީ މި ދާއިރާގައި ނުހާއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއެވެ. "ނުހާއާޓްސް" އަކީ އެންމެންނަށް އެނގޭ ކަހަލަ ބްރޭންޑަކަށް ވުމަކީ ނުހާ ކުރިމަގަށް ދެކޭ ހުވަފެނެކެވެ.

ނުހާގެ ބައެއް ކުރެހުންތައް

ނުހާގެ މަސައްކަތުގައި އޭނާގެ ފިރިމީހާއާއި އެންމެ ގާތް ރަހުމަތްތެރިޔާގެ އެހީތެރިކަން ލިބޭއިރު ނުހާ ވަނީ އޭނާގެ ކަސްޓަމަރުންގެ ތެރެއިން އެ ވިޔަފާރިއަށް އެހީތެރިވެދޭ ކަސްޓަމަރުން އުޅޭ ކަމަށާއި އޮންލައިންކޮށް ދިމާވާ ރައްޓެހިންގެ ފަރާތުންވެސް ވަރަށް އެހީތެރިކަން ލިބޭ ކަން ފާހަގަކޮށް އެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

"ކަސްޓަމާސްގެ ތެރޭގައި ވެސް ވަރަށް ކްލޯސް ވަރަށް ސަޕޯޓިވް ކަސްޓަމާސް އުޅޭ އެ މީހުންނަށް ވަރަށް ބޮޑަށް ތެންކިއު. އޮންލައިން ފްރެންޑްސް އުޅޭނެ ވަރަށް ޓިފްސްދީ ވަރަށް ހެލްޕް ވެދޭނެ އެ މީހުންނަށްވެސް ވަރަށް ބޮޑަށް ތެންކްސް ބުނަން ބޭނުން"
ނުހާ
ނުހާގެ ބައެއް ކުރެހުންތައް

ނުހާ ބުނީ އޭނާގެ ދޮށީ ދަރިފުޅު ކުރެހުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށާއި ކުރިއަށްދާން ހުރެއްޖެ ނަމަ ހުރަހެއް ނެތް ކަމަށެވެ. އަދި ކުރެހުމަކީ ފަށާއިރު އުނދަގޫ ވި ކަމުުގައި ވިޔަސް މަސައްކަތް ކުރާ ވަރަކަށް އެކަން ރަނގަޅުވެގެން އަންނަ މަސައްކަތެއް ކަމަށް ނުހާ ބުނެއެވެ.