ދިވެހިންގެ ތެރޭގައި ގޭގައި ތިބެގެން އަމިއްލަ ވިޔަފާރިކޮށް، މަންފާ ހޯދާ މީހުން މަދެއް ނޫނެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެކަކީ ކޭކު އެޅުމުގެ ވިޔަފާރި ކުރަމުންދާ އުމުރުން 42 އަހަރުގެ މަރިޔަމް ޝަފާނާ، އާންމު ނަމުން ނަމަ ޝަފާއެވެ. އޭނާއަކީ އެކަމުގައި ނަމޫނާ، ކާމިޔާބު ވިޔަފާރިއެއް ހިންގަމުން އަންނަ އަންހެނެކެވެ.
މީގެ އަހަރުތަކެއް ކުރިން ތިން ވަނަ ދަރިފުޅު ލިބި، ޝަފާގެ ވަޒީފާ ދޫކޮށްލައި ގޭގައި އިންނަން ނިންމިއެވެ. އޭރު އޭނާ ބޭނުންވީ ގޭގައި ހުރެގެން އާމްދަނީ ހޯދޭގެ މަސައްކަތެއް ކުރާށެވެ. މިގޮތުން ޝަފާ ފުރަތަމަ ވިސްނީ ފަހާ ކޯހެއް ހަދާށެވެ. ކޯސް ހޯދައި ފަހަން ފެށި ނަމަވެސް އެކަމުގައި ޝައުގުވެރިކަން ނެތުމުން އޭނާ ވިސްނީ ކޭކު ކޯހެއް ހަދާށެވެ.
މިކަމަކީ ޝަފާ ވަރަށް ޝައުގުވެރިކަމަށް ވިއެވެ. ޝަފާ ބުނިގޮތުގައި އޭނާ ފުރަތަމަ ކޭކު އަޅަން ފެށީ އާއިލާ މީހުންނަށެވެ. އެއަށްފަހު ކޭކު އަޅަން އިތުރު އޯޑަރުތައް ލިބި މިހާރު ޝަފާ އަކީ ކޭކު އެޅުމުގައި ރާއްޖޭގައި ނަން މަޝްހޫރު އެކަކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ޝަފާ ބުނިގޮތުގައި އޭނާ އެޅި ފުރަތަމަ ކޭކުތަކަކަށް ވެސް ގިނަ މީހުން ދިނީ ޕޮޒިޓިވް ކޮމެންޓެވެ.
ޝަފާ އަބަދުވެސް އަޅަން ބޭނުންވަނީ ވަރަށް ތަފާތު ވައްތަރު ވައްތަރުގެ ކޭކެވެ.
ޝަފާއަށް އެޅުނު ކޭކުތަކުގެ ތެރެއިން މިހާތަނަށް އޭނާއަށް އެޅުނު އެންމެ ހިތްހަމަޖެހޭ އަދި އެންމެ ގިނަ ބައެއްގެ ކޮމެންޓް ލިބުނު ކޭކަކީ ރަތް މަހެއްގެ ސިފައިގައި އޮތް ކޭކެވެ.
މި ކޭކަކީ ޝަފާ ދެ ގަޑިއިރު ތެރޭ ހެދި ކޭކެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ފަންނު އެކްސްޕޯއަށް އޭނާ ތައްޔާރުކުރި ހާލެއްގެ ސިފައިގައި ހުރި ބޮޑު ކޭކަކީ ވެސް ވަރަށް ހިތްހަމަޖެހޭ އަދި އެތައް ބައެއްގެ ފަރާތުން ޕޮޒިޓިވް ކޮމެންޓް ލިބުނު ކޭކެއް ކަމަށް ޝަފާ ބުންޏެވެ. މި ކޭކު އޭނާ ނިންމާލީ އެންމެ ދެ ހަފުތާއިންނެވެ.
މި ކޭކަށް ފަންނު އެކްސްޕޯއިން ދެ ވަނަ ލިބުނެއެވެ. މިއީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ވެސް ޝަފާ ގަބޫލުކުރެއެވެ.
ޝަފާ ގަބޫލު ކުރާ ގޮތުގައި ކޭކު އެޅުމަކީ އާމްދަނީ ހޯދުމަށް ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ.
ކޭކު އެޅުމުގެ މި ދާއިރާއިން ޝަފާއަށް އެންމެ އެހީތެރިކަން ލިބެނީ އޭނާގެ ފިރިމީހާގެ ފަރާތުން ކަމަށް ޝަފާ ބުނެއެވެ. މީގެ އިތުރުން އާއިލާ މެންބަރުން އަދި މި ދާއިރާގައި އުޅޭ އެހެން މީހުންގެ ފަރާތުން ވެސް ވަރަށް ބޮޑަށް އެހީތެރިކަން ލިބޭ ކަމަށް ޝަފާ ފާހަގަކުރިއެވެ.
އެހެން މީހުނަށް ކޭކު އަޅަން ދަސްކޮށްދިނުމަށް ޝަފާ ކޯސްތައް ވެސް ހިންގައެވެ. ކޮވިޑާ ގުޅިގެން މި ކޯސްތައް މަޑުޖެހުނު ނަމަވެސް ހަމައަކަށް އެޅުމުން މި ކޯސްތައް އަލުން ފަށާނެ ކަމަށް ޝަފާ ބުންނެވެ.
މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުއްޖަކަށް ޝަފާ ދޭން ބޭނުންވާ މެސެޖަކީ "ކުރިއަށްދާން ބޭނުން ކުއްޖަކަށް މިއީ ވަރަށް ރަނގަޅު ފީލްޑެއް އަދި ކުރަން ކެރިއްޖެ ނަމަ އާންދަނީ ހޯދަން ވެސް ވަރަށް ރަނގަޅު މަސައްކަތެއް" މިއެވެ.