ސިޔާސީ ހަލަބޮލި އޮއެވަރުގެ ތެރެއިން ބޮޑުވަޒީރު ކަމުގެ ރަސްމީ ހައިސިއްޔަތު ގެއްލިވަޑައިގެންނެވި އިމްރާން ހާންގެ ރައުޔުގައި، އެ ގައުމުގެ ވަގުތީ ބޮޑުވަޒީރު ކަމުގެ މަގާމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ގުލްޒާރު އަހުމަދު ނޮމިނެޓް ކުރައްވައިފިއެވެ.
ޕާކިސްތާނުގައި ވަގުތީ ބޮޑުވަޒީރަކު އައްޔަން ކުރެއްވެންދެން އެ މަގާމުގެ މައްސޫލިއްޔަތުތައް އަދާ ކުރައްވަމުން ގެންދެވި އިމްރާން، ވަގުތީ ބޮޑުވަޒީރު ކަމުގެ މަގާމަށް ގުލްޒާރު އަހުމަދު ނޮމިނޭޓް ކުރެއްވިކަން ހާމަ ކުރެއްވީ ޕާކިސްތާނުގެ ކުރީގެ އިންފޮމޭޝަން އެންޑް ލޯ މިނިސްޓަރު، ފަވާދު ޗޯދްރީއެވެ.
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު ކަމުގެ މަގާމަށް ގުލްޒާރު އަހުމަދުގެ ނަންފުޅު، އިމްރާން ނޮމިނޭޓް ކުރެއްވީ އިމްރާންއަށް ރަސްމީ ގޮތުން ބޮޑުވަޒީރު ކަމުގެ ގޮނޑިކޮޅު ގެއްލިވަޑައިގަތުމުން، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ޕާކިސްތާނުގެ ރައީސް އާރީފް އާލްވީ، އިމްރާންއަށާއި އިދިކޮޅު ލީޑަރު، ޝަހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުތަކަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމު ރަސްމީ ގޮތުން އިމްރާންއަށް ގެއްލިވަޑައިގަތީ، އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް އެހުމަށް ގާނޫނު ހަދާ މަޖިލީހުން ތައްޔާރު ވަމުން ދަނިކޮށް، އެ މަޖިލީސް އުވާލެއްވި ހިސާބުންނެވެ. އަދި އެކަމުގައި ރައީސް އާރިފް އާލްވީގެ ދައުރެއް ނުވާތަ އިޝާރާތެއް އޮތް ކަމަށްވެސް ހަބަރު ލިބެއެވެ.
ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ގާސިމް ސޫރީ ވަނީ، އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދެވުމަށް ހުރަސް އަޅުއްވާފައެވެ. ރައީސް އާރިފް އާލްވީގެ އަމުރުފުޅަކަށް، އިމްރާން މަޖިލީސް އުވާލެއްވީ އެހާ ހިސާބުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި 90 ދުވަހުގެ ތެރޭގައި އެ ގައުމުގައި އިންތިހާބެއް ކުރިއަށް ގެންދިއުމަށްވެސް ތައްޔާރު ވަމުން ދާކަމަށް ހަބަރު ލިބެއެވެ.
ކަންމިހެން އޮތް އިރު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ، އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލާގައި ގާސީމު ސޫރީ އެ ކޯޓަށް ހުށަހަޅުއްވާފައިވާ ސުއޮ-މޮޓޯ މައްސަލައެއްގެ އަޑުއެހުންތައް ފަށާފައެވެ. މިކަމާ ގުޅިގެން ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު އުމަރު އަތޯ ބަންދިއާލް ވިދާޅުވީ، މިމައްސަލާގައި އެންމެ އެކަށީގެންވާ އަމުރު ނެރެވޭނެ ކަމަށެވެ.
ޕާކިސްތާނުގެ ރައީސް ވަނީ، ވަގުތީ ބޮޑުވަޒީރަކު ކަނޑައެޅެންދެން އެ މަގާމުގައި ހުންނަވާނީ އިމްރާންކަމަށް ވިދާޅުވެފައެވެ. ޕާކިސްތާނުގެ އެއްވެސް ބޮޑުވަޒީރަކަށް އަދި މިހާތަނަށް ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ.