ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ގޯސްވާތީ، އެ ހޮސްޕިޓަލްގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލައްވައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ހަނި ގޮތަކަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފިއެވެ.
ސައީދު ހުށަހެޅުއްވި މައްސަލައަށް ބަހުސްކޮށް ނިމުމުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން، އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފެންނަކަމަށް ވޯޓު ދެއްވާފައިވަނީ 18 މެންބަރުންނެވެ. އަދި ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް 16 މެންބަރަކު ވޯޓު ދެއްވިއެވެ
އެ މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވިގޮތުގައި، ލ. އަތޮޅުގެ ހުރިހާ ރަށަކުންވެސް ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދަމުން ގެންދާއިރު، އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުން ދާތީ، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން އެކަމުގެ ޝަކުވާ ކުރެއެވެ.
ހަމަ އެއާއެކު، އެ ހޮސްޕިޓަލުގައި ޓާޝަރީ ފެންވަރުގެ ރަނގަޅު ވަސީލަތްތައް ނެތުމާއި، ހޮސްޕިޓަލުގައި މަސައްކަތްކުރާ ބައެއް ސިއްހީ މުވައްޒަފުންގެ އިހުމާލުން ބައެއް ބަލިމީހުންގެ ފުރާނައަށް ނުރައްކާވުމާއި، ޑޮކްޓަރުންނާއި ނަރުހުން ނުލިބުމާއި، އެ ހޮސްޕިޓަލުގެ ބޯޑުން މުވައްޒަފުންގެ ކަންކަން ނުބެލެހެއްޓޭކަންވެސް އެ މައްސަލަ ހުށަހަޅުއްވަމުން ސައީދު ފާހަގަ ކުރެއްވިއެވެ
އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ގަން ރީޖަނަލް ހޮސްޕިޓަލްގެ މައްސަލަ ދެ އަހަރު ވަންދެން ބަޖެޓް ކުރެވިފައިވާއިރު، މައްސަލަތަކަށް ހައްލެއް ގެނެވިފައި ނުވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ހާލަތުވެސް ކިޔައިދެއްވާފައިވެއެވެ.
"ގާތްގަނޑަކަށް ޑެންޓަލް ހިދުމަތް، އެތާ ހުންނަ މެޝިން ހަލާކުވެފަ ހުންނަތާ ތިން މަސް އިއްޒަތްތެރި ރައީސް، އެކްސްރޭ ނުނެގޭތާ ތިން މަސް. ރޭޑިއޮލޮޖިސްޓެއް ނުވަތަ ސްކޭންކުރާ މީހަކު ނެތްތާ ހަ މަސްވާއިރު އަޅުގަނޑުމެންގެ ހިތަށް ގެނެވެންވާނެ މާބަނޑު އެތައް އަންހެނުންނެއް ނުވަތަ އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުން ގެންދާ އެތައް ބަޔަކު ސްކޭން ނުކުރެވި މާލެ އަންނަން ޖެހޭ ޖެހުން." ސައީދު ވިދާޅުވިއެވެ.
ހޮސްޕިޓަލްގެ ހާލަތު ދަށަށް ދިޔައީ ނާގާބިލު ބޯޑެއް އެކުލަވާލުމުން: ސިރާޖު
މި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުވެސް ވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައި ހުރި ބައެއް މައްސަލަތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން އެކްސްރޭގެ ހިދުމަތާއި، ދަތުގެ ފަރުވާ ފަދަ ހިދުމަތްތައް ހޯދުމުގައި ހުރި މައްސަލަތައް ހިއްސާކުރައްވާފައިވެއެވެ.
"މިހެން ކިޔަން ބައިވަރު ކަންކަން [އެބަހުރި]،" ސިރާޖު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގަން ހޮސްޕިޓަލުގެ ފެންވަރު ދަށްވެފައިވަނީ އެ ހޮސްޕިޓަލްގެ ބޯޑަށް ނާގާބިލު ބަޔަކު އައްޔަންކުރުމުގެ ސަބަބުންނެވެ.
މައްސަލައަށް ބަހުސްކުރުމާ ދެކޮޅަށް ވޯޓު ދިނުމުން އެމްޑީޕީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވޭ
އެ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ސައީދު ހުށަހެޅުއްވި މައްސަލައަކީ ރައްޔިތުންނަށް ހިދުމަތެއް ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައެއް ކަމަށާއި، އެފަދަ މައްސަލައެއްގައި ބަހުސްކުރިޔަ ނުދޭންވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީގެ މެންބަރުންނަކީ މިއަށްވުރެ ތަސައްރަފު ފުދޭ މެންބަރުންނަށް ވާން ޖެހޭނެ ކަމަށް ވިދާޅުވެ، އެމްދީޕީގެ ޕީޖީގެ މެންބަރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުނީ ކޮން އިރަކުތޯ އީވާ ސުވާލު ކުރެއްވިއެވެ.
އެ މައްސަލައަށް ބަހުސްކުރެއްވި ފުނަދޫ ދާއިރާގެ މެންބަރު ސިރާޖުވެސް ވަނީ އެ މައްސަލާގައި އެމްޑީޕީން ރަތަށް ފިތުން އެއީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ވިދާޅުވެ، އެ އަމަލަކީ ލަދުވެތި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"މިފަދަ މައްސަލައެއް ހުށަހެޅީމަ އަޅުގަނޑު ނިސްބަތްވާ ޕާޓީގައި ތިބި ފަރާތްތަކުން ރަތަށް ފިތުމަކީ ހަގީގަތުގައިވެސް ލަދުވެރި ކަމެެއް،" ސިރާޖު ވިދާޅުވިއެވެ.