ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ގޯސްވާތީ، އެ ހޮސްޕިޓަލްގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލައްވައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ، ލ. އަތޮޅުގެ ހުރިހާ ރަށަކުންވެސް ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދަމުން ގެންދާއިރު، އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުން ދާތީ، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން އެކަމުގެ ޝަކުވާ ކުރާ ކަމަށެވެ.

ހަމަ އެއާއެކު، އެ ހޮސްޕިޓަލުގައި ޓާޝަރީ ފެންވަރުގެ ރަނގަޅު ވަސީލަތްތައް ނެތުމާއި، ހޮސްޕިޓަލުގައި މަސައްކަތްކުރާ ބައެއް ސިއްހީ މުވައްޒަފުންގެ އިހުމާލުން ބައެއް ބަލިމީހުންގެ ފުރާނައަށް ނުރައްކާވުމާއި، ޑޮކްޓަރުންނާއި ނަރުހުން ނުލިބުމާއި، އެ ހޮސްޕިޓަލުގެ ބޯޑުން މުވައްޒަފުންގެ ކަންކަން ނުބެލެހެއްޓޭކަންވެސް އެ މައްސަލަ ހުށަހަޅުއްވަމުން ސައީދު ފާހަގަ ކުރެއްވިއެވެ.

އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ފެނޭތޯ ވޯޓަށް މަޖިލީހުގެ ރިޔާސަތުން އެއްސެވުމުން އެ މައްސަލައަށް ބަހުސްކުރުމަށްޓަކައި ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 23 މެންބަރުންނެވެ. ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ގަން ރީޖަނަލް ހޮސްޕިޓަލްގެ މައްސަލަ ދެ އަހަރު ވަންދެން ބަޖެޓް ކުރެވިފައިވާއިރު، މައްސަލަތަކަށް ހައްލެއް ގެނެވިފައި ނުވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ހާލަތުވެސް ކިޔައިދެއްވާފައިވެއެވެ.

"ގާތްގަނޑަކަށް ޑެންޓަލް ހިދުމަތް، އެތާ ހުންނަ މެޝިން ހަލާކުވެފަ ހުންނަތާ ތިން މަސް އިއްޒަތްތެރި ރައީސް، އެކްސްރޭ ނުނެގޭތާ ތިން މަސް. ރޭޑިއޮލޮޖިސްޓެއް ނުވަތަ ސްކޭންކުރާ މީހަކު ނެތްތާ ހަ މަސްވާއިރު އަޅުގަނޑުމެންގެ ހިތަށް ގެނެވެންވާނެ މާބަނޑު އެތައް އަންހެނުންނެއް ނުވަތަ އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުން ގެންދާ އެތައް ބަޔަކު ސްކޭން ނުކުރެވި މާލެ އަންނަން ޖެހޭ ޖެހުން." ސައީދު ވިދާޅުވިއެވެ.

އެހެންވެ، ކޮވިޑް-19 ގެ ދަތި ދުވަސްވަރުވެސް މޫސުމަށް ބެލުމެއް ނެތި ގިނަ މީހުން ފަރުވާ ހޯދުމަށް މާލެ ދާން ޖެހުނުކަން ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވަނީ އެ މައްސަލަ ބަލައިގަނެ، ކޮމިޓީއަށް ފޮނުވައި، އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.