މުނިފޫހިފިލުވުމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ގުނާލެވޭ އޮސްކާ އެވޯޑް ހަފުލާގެ މިއަހަރުގެ އިވެންޓާ ގުޅިގެން އެންމެ ގިނަ ބަޔަކު ދައްކަމުން އަންނަ އެއް ވާހަކައަކީ މަޝްހޫރު ބަތޮލް ވިލް ސްމިތު، އޮސްކާ ސްޓޭޖު މަތީގައި، ކޮމީޑިއަން ކްރިސް ރޮކްގެ ކަންފަތްމަތީގަައި ޖެހި ވާހަކައެވެ.

ވިލް ސްމިތުގެ އަންހެނުންގެ ބޮލުގެ އިސްތަށިގަނޑު ބާލާފައި ހުންނަނީ ބައްޔެއްގެ ސަބަބުން ކަން އެންމެ ފުރިހަމައަށް ނޭނގި ހުރެ، އޮސްކާ އެވޯޑް ހަފުލާގެ ސްޓޭޖުގައި ކްރިސް ޖެހި ޖޯކެއް ހަޖަމް ކުރަން ދަތިވެ، ވިލްވަނީ އަތް އިސްކޮށްފައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޮސްކާއެއް ލިބުނު ހަފުލާގައި ވިލް އަތް އިސްކުރި ވާހަކަ ފަތުއަޑުކިޔާ، ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެތުރިގެން ދިއުމާއެކު އޭނާ ވަނީ މައާފަށްވެސް އެދިފައެވެ.

އޮސްކާ އެވޯޑް ސްޓޭޖު މަތިން އެކަން އޮބުނު ނަމަވެސް، އެކަން ބޮޑުކޮށްލީ ސެލެބްރިޓީ ބޮކްސިންގް ފަންނުވެރިޔާ ޖޭކް ޕޯލްއެވެ. އިމްޕްރެކްޓިކަލް ޖޯކާޒްގެ ތަރި ސަލް ވުލްކޭނޯ ވަނީ ޖޭކް ޕޯލް އެފަދަ ކަމެއް ކުރާނެ ކަމަށް އިޝާރާތްކޮށް، ޓްވީޓެއްވެސް ކޮށްފައެވެ. ޖޭކް ޕޯލްއަކީ މަޝްހޫރު ތަރިންނަށް ބޮކްސިންގް ރިންގް ހުށަހަޅައިގެން ގިނަ އަދަދަކަށް ފައިސާ ހޯދުމުގެ ރެކޯޑް އޮންނަ މީހެކެވެ.

ޖޭކް ޕޯލް ވަނީ ވިލްއާއި ކްރިސްގެ "ކޯޅުން" ބޮކްސިންގް ރިންގަށް ގެންދިއުމަށް، ކޮންމެ ތަރިއަކަށްވެސް 15 މިލިއަން ޑޮލަރު ހުށަހަޅާފައެވެ.

ޕޭ-ޕާ-ވިއު އުސޫލުން މިހާތަނަށް ކުރިއަށް ގެންދިޔަ މިފަދަ އެންމެ ކާމިޔާބު އިވެންޓަކީ މަޝްހޫރު ބޮކްސިންގް ލެޖެންޑް ފްލޮއިޑް މޭވެދާއާއި މެނީ ޕަކުއާއޯއާ ދެމެދު ކުރިއަށް ގެންދިޔަ ގޭމެވެ.

ކްރިސްއާއި ވިލްގެ ކުރިމަތިލުމަކީ ފިސާރި ކާމިޔާބު ވާނެ ޝޯއަކަށް ވާނެ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް، އެއީ ހަގީގަތަކަށް ވުން ދުރު، ކުރިމަތިލުމެއްކަން ހަނދާން ކުރަން ޖެހެއެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތަކަށް ބަލާއިރު، މިއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.