އިހު ޒަމާނަށް ބަލާނަމަ ބައްޔެއް ވެއްޖެ ނަމަ ދައްކާނެ ޑޮކްޓަރުންނެއް ނުތިބެއެވެ. އޭގެ މާނައަކީ އެ ޒަމާނުގައި މީހުން ބަލިވާލެއް މަދީއެއް ނޫނެވެ. ތަފާތު ސިއްހީ ކަންކަން ތަހައްމަލު ކުރަމުންދާ މީހުން އެ ޒަމާނުގައި ވެސް ތިއްބެވެ. އަދި އަހަރެމެން ދިވެހިންގެ ތެރޭގައި ބަލިބައްޔަށް ފަރުވާ ހޯދުމަށްޓަކައި އޭރު ކޮށް އުޅުނީ ދިވެހި ބޭސްވެރިކަމެވެ. މާބަނޑުވާ އަންހެނުންގެ ކަންކަން ބެލެހައްޓުމަށް އޭރު ރަށްރަށަށް ކަނޑައަޅާފައި ހުންނަނީ ފޫޅުމައި މީހެކެވެ.

ބ. ކަމަދޫ އަށް އުފަން އުމުރުން 77 އަހަރުގެ ޖަމީލާ ހަސަން މަނިކު (ޖަމީލާ) އަކީ، އެ އަތޮޅުގެ ގިނަ ބަޔަކު ދަންނަ، ހިތް ހެޔޮ، ހީވާގި މަސައްކަތްތެރިއެކެވެ. އޭނާ އަކީ ފޫޅުމައެކެވެ. ޖަމާއަތްތެރިކަން ކޮށް އަންހެނުންގެ މިސްކިތުގައި އިމާމުވެ ނަމާދުކޮށް ތަރާވީސް ކުރި މީހެކެވެ. ހަމައެއާއެކު ޖަމީލާއަކީ އެތައް ކުދިންނަކަށް ޤުރުއާން ދަސްކޮށް ދިން މުދައްރިސެއްް ވެސް މެއެވެ. މީގެ އިތުރުން ވެސް ކަމަދޫގައި ސަގާފީ ކަންކަމާއި، އިޖްތިމާއީ މަސައްކަތުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ހިވާގި ކަނބަލެކެވެ. މި މަސައްކަތްތަކުން އޭނާ ދުރަށް ޖެހުނުތާ 9 ވަރަކަށް އަހަރުވި ކަމުގައި ވިޔަސް އޭރުއް ސުރެ މިއަދާ ޖެހެންދެން ވެސް ޖަމީލާ އަންނަނީ އަދިވެސް ދިވެހި ބޭސްވެރިކަން ކުރަމުންނެވެ.

ޖަމީލާ ހަސަން މަނިކު މާމަ ދަރިއެއް އުރާލައިގެން

މި މަސައްކަތްތަކަށް ޖަމީލާގެ ޝައުގުވެރިކަން އުފެދުނު ގޮތް ހިއްސާ ކުރަމުން އޭނާ ބުނީ، އޭނާގެ މަންމަ އާއި ބޮޑުދައިތައަކީ ފޫޅުމައި ކަން ކުރި ބައެއް ކަމަށާއި މަންމަ އާއި ބައްޕަ އަކީ ޖަމާއަތްތެރިއެއްގެ މަސައްކަތް ކުރި ބައެއް ކަމަށެވެ. ޒަމާނުއް ސުރެ އެ އާއިލާ އަކީ ދިވެހި ބޭސްވެރިކަން ކުރަމުން އައި އާއިލާއެއް ކަމަށާއި ކުޑައިރުއް ސުރެ އޭނާ އުޅުނީ ބޭސް ތައްޔާރު ކުރުމުގައި އަތް ގާތްކޮށްދީ އެ މަސައްކަތްތަކުގައި އޭނާގެ މަންމައަށް އެހީތެރިވެ ދިނުމުގައި ކަމަށް އޭނާ ބުނެއެވެ.

ފޫޅުމާ ކަން ކުރާ އިރު ބައެއް ހާލަތްތަކުގައި ފިރިމީހާ އާއި ދަރިން ގާތަށް ނުދެވި 2 ދުވަސް 3 ދުވަސް ވެސް ހޭދަވޭ. ބަނޑުގައި ރިއްސާ މީހަކު އެހެން އެކަނި ބާއްވަފަ ނުދެވޭނެތީ. އެ ފަދަ ދުވަސްދުވަހު ކުދިންގެ ކަންކަން ބަލަހައްޓަނީ ފިރިމީހާ، އަދި ބައެއް ފަހަރު ބައެއް އާއިލާތަކުން ވެސް އައިސް އެހީތެރިކަން ފޯރުކޮށް ދޭ"
ޖަމީލާ

40 ވަރަކަށް އަހަރު ފޫޅުމައިކަން ކުރި ޖަމީލާ އެ މަސައްކަތް ފެށި ގޮތް ކިޔައިދެމުން ބުނީ، އޭނާގެ މަންމަ އެ މަސައްކަތް ކުރި އިރު، ވިހާ މީހުންނަށް ހަދާ ބޭސްތައް ހެދުމުގައި ޖަމީލާ މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ. ދެން އޭނާގެ މަންމަ މަރުވުމުން އެ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ބޮޑުދައިތަ ކަމަށާއި، ދެން މާ ގިނަ ދުވަހެއް ނުވެ ބޮޑު ދައިތަ ވެސް މަރުވީ ކަމަށެވެ. އޭރު އެ ރަށުގައި ފޫޅުމައެއް ނެތުމުން މީހަކު ބަނޑުގައި ރިއްސަން ފެށުމުން ދަރަވަންދޫން ފޫޅުމަޔަކު ގެނައި ކަމަށް ޖަމީލާ ބުނެއެވެ.

ދަރަވަންދޫން އައި ފޫޅުމައި މީހާ އެ މާބަނޑުމީހާ ބެލުމަށް ފަހު އަދި ވިހަން ގާތްނުވާ ކަމަށް ބުނެ އެމީހާ ފުރައިގެން ދިޔަތާ ބައި ގަޑިއިރު ނުވަނީސް އަނެއްކާ ވެސް އެ މީހާ ބަނޑުގައި ރިއްސަން ފެށީ ކަމަށް ޖަމީލާ ބުންޏެވެ. ދެން އެ ރަށު ކަތީބުގެ އެދުމަށް ކުރިން ފޫޅުމައިކަން ކުރި މީހުންގެ ދަރިންތައް އެތަނަށް ގެންދިޔަ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެތަނުން އެއްވެސް މީހަކަށް އަރަން ނުކެރުނު ކަމަށާއި އެ ދުވަހު އެ މާބަނޑު މީހާ ގާތު އޭނާ މަޑުކުރީއެވެ އެ ދުވަހު އެމީހާ ވިއްސުމުގެ ކަންކަމުގައި އުޅުން ފަހުން އެ މަސައްކަތުގައި އެޅެން ފެށީ ކަމަށް ޖަމީލާ ބުނެއެވެ.

ޖަމީލާ އެންމެ ފުރަތަމަ މީހަކު ވިއްސީ އޭނާގެ އުމުރުން 20 އަހަރުގައެވެ. އެދުވަހު ވިހެއި ކުއްޖާ މިހާރު ވެސް ދުނިޔޭގައި އެބަހުރި ކަމަށާއި އޭނާގެ އުމުރު މިހާރު އުޅޭނީ 50 އިން މަތީގައި ކަމަށް ޖަމީލާ ބުނެއެވެ. އުމުރުން 20 އަހަރުގައި ޖަމީލާ ކެންދޫގައި މީހުން ވިއްސަން ފެށި ފަހުން، އެ މަސައްކަތް ހުއްޓާލުމާ ހަމައަށް އަތޮޅުތެރޭގެ ރަށްރަށަށް ވެސް ވަނީ މާބަނޑު މީހުން ވިއްސަން ގޮސްފައެވެ. އަދި އެއްމާބަނޑު 4 ކުދިން ވިއްސި ކަމަށާއި ބޯ ބޮޑު ކުއްޖެއް ވެސް ވިއްސި ކަމަށް ޖަމީލާ ބުނެއެވެ. މި މަސައްކަތުގައި ދުވަހަކު ވެސް ދެރަވާ ވަރުގެ ނުވަތަ ބިރުގަންނަވަރުގެ ކަމެއް ދިމާވެފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

ޖަމީލާ ހަސަން މަނިކު އޭނާގެ ފިރިމީހާ އާ އެކު

ޖަމާއަތްތެރިކަން ކުރަން ފެށުނު ގޮތް ހިއްސާ ކުރަމުން ޖަމީލާ ބުނީ، އޭރު އެ ރަށުގައި ޖަމާއަތްތެރިކަން ކުރަމުން އައީ އޭނާގެ މަންމަ ކަމަށެވެ. އެހެންކަމުން އޭނާގެ މަންމަ މަރުވި ދުވަހު އެ މަސައްކަތް އޭނާ ކުރަން ފެށީ ކަމަށް ޖަމީލާ ބުނެއެވެ. އެ ގޮތުން އޭނާ އެންމެ ފުރަތަމަ ހިނެވި މީހަކީ އޭނާގެ މަންމައެވެ.

"ކުރީގައި ރަށުގައި މީހުން ހިނަވާއިރު އަންހެނުން ހިނަވާނީ މަންމަ، ފިރިހެނުން ހިނަވާނީ ބައްޕަ، ދެން އޭރުގައި، މަންމަ ނިޔާވީ އުމުރުން 18 އަހަރުގައި. މަންމަ ނިޔާވީމަ މަންމަ ހިނަވަން ޖެހުނީ އަހަންނަށް. އެއީ ހިނަވާނެ މީހަކު ނެތީމަ، އެ ދުވަސްވަރު ވަރަށް މީހުން މަދުވާނެ. އެއީ އެ މަސައްކަތް ފެށުނު ގޮތަކީ"
ޖަމީލާ

ދިވެހި ބޭސް ވެރިކަމުގައި 60 ވަރަކަށް އަހަރު މަސައްކަތް ކޮށްފައިވާ ޖަމީލާ އަކީ ދިވެހި ބޭސްވެރިކަމުގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރަން އެނގޭ މީހެކެވެ. ޖަމީލާގެ ކާފައަކީ ދިވެހި ބޭސްވެރިއެއް ކަމަށާއި އޭރު އޭނާގެ މަންމަ މެން ގެންގުޅޭ ފޮތްތަކާއި އެއްޗެހި ކިޔައިގެންނާއި، މަންމަމެން ކުރާ މަސައްކަތް ބަލައިގެން އެ މަސައްކަތް ވަރަށް ފުރިހަމަ އަށް ދަސްވި ކަމަށް އޭނާ ބުނެއެވެ.

ދިވެހި ބޭސްވެރިކަން ކުރުމަކީ ވެސް ވަރަށް ޝައުގުވެރި ކަމާއެކު ކުރާ ކަމެއް ކަމަށާއި އަދި ޖަމީލާ ތައްޔާރު ކުރާ ވަރަށް މޮޅު ދެބޭހެއްގެ ވާހަކަ ހިއްސާ ކުރިއެވެ. "ފުޅިމަދު އުނގުރި" ގެ ނަމުން ނަން ދީފައިވާ މި ބޭހަކީ ހުދު ކާފޫރު ބޭނުންކޮށްގެން ޖަމީލާ ތައްޔާރު ކުރާ ބާމެކެވެ. އެ ބާމަކީ ވަރަށް ގިނަ ކަންކަމުގެ ފަރުވާއަށް ބޭނުން ކުރެވޭ ބާމެއް ކަމަށް އޭނާ ބުނެއެވެ. އެގޮތުން ހަލާކުވާ ތަންތަނާއި ފިހިފައި ހުންނަ ތަންތަނުގައި ހާކަން އެއީ ރަނގަޅު ބާމެއް ކަމަށް ޖަމީލާ ބުނެއެވެ. މީގެ އިތުރުން "ރަތް ތެޔޮ" އަކީ ވެސް ތަދުވާ ތަންތަނުގައި އުނގުޅަން ޖަމީލާ ތައްޔާރު ކުރާ އަދި ކެންދޫގައި މީހުންގެ މަގުބޫލުކަން ލިބިފައިވާ ތެލެއް ކަމަށް ވެސް އޭނާ ބުނެއެވެ.

ބ، ކަމަދޫގައި އޭރު ދިރިއުޅެމުން އައި ޖަމީލާ މާލެއަށް ބަދަލުވީ 2003 ވަނަ އަހަރު ގޭގޭގައި މީހުން ވިއްސުން ހުއްޓާލައި، ހެލްތް ޕޯސްޓް ނުވަތަ ހޮސްޕިޓަލްތަކުން މީހުން ވިއްސަން ސަރުކާރުން ނިންމާފައި ވަނިކޮށެވެ. ދަރިންނަށް ކިޔަވައި ދިނުމަށް މާލޭގައި ކުދިން ގާތުގައި ހުރުމަށް ބޭނުން ވުމުން އެ ދުވަސްވަރު ފޫޅުމާކަން ހުއްޓާލަން ބޭނުންވެ އެކަމަށް ޖަމީލާ އެދުމުން، ރައީސް އޮފީހުން ޖަމީލާ ރިޓަޔާ ކުރުމަށް ފަހު 500 ރުފިޔާގެ މަހު އެލަވަންސެއް ހަމަޖައްސައި ދިނެވެ. އެހާ ދުވަސްވަންދެން ރަށުގައި އެކި މަސައްކަތް ކުރުމުގައި ޖަމީލާ އުޅުނު އިރު އޭނާ އަކީ މީހެއްގެ އަތުން އުޖޫރައެއް ނަގައިގެން މަސައްކަތް ކުރި މީހެއް ވެސް ނޫނެވެ. ޒާމާންވީ ދިވެހިންގެ ތެރޭގައި އޮތް ހިތްހެޔޮ ކަމާއި އިންސާނިއްޔަތު ކަމާއި މީހުންނަށް އަޅާލައި އެކަކު އަނެކަކަށް އެހީތެރިވުމުގައި ޖަމީލާއަކީ ލާމަސީލް ނަމޫނާއެކެވެ.

ޖަމީލާ ހަސަން މަނިކު

މި ކަންކަމުގެ އިތުރުން އެ ރަށުގައި އަންހެނުންގެ މިސްކިތް ހުރި އިރު އޭނާއަކީ އެ މިސްކިތުގެ އިމާމް ވެސް މެއެވެ. އަދި ރަށުގައި ކުޑަކުދިންނަށް ވޮށުފިލާ ލިޔެދީ ކުދިންނަށް ޤުރުއާން ކިޔަވައި ދިނުމަކީ ވެސް ޖަމީލާ ވަރަށް ކުރާ ހިތުން ކުރި މަސައްކަތްތަކެވެ.

6 ދަރިންގެ މަންމައެއްގެ ގޮތުގައި އުޅެމުން އެންމެ ޅަ ދުވަހުން ފެށިގެން ޖަމީލާ މި ހުރިހާ މަސައްކަތެއް ކުރަމުން އައި މަންޒަރު އެންމެ ގާތުން ފެނުނު އޭނާގެ ދަރިން ބުނާ ގޮތުގައި މަންމައަކީ މަސައްކަތްތެރި މީހެކެވެ. މަސައްކަތަށް ކަމޭ ހިތާ އެކަން އޭނާގެ މަންމަ ކޮށް އުޅުނީ މުސާރައެއް ނުވަތަ އުޖޫރައެއް ނަގައިގެން ނޫން ކަމަށް އޭނާ ބުނެއެވެ. އަދި މަންމައަކީ އަޒުމް ވަރުގަދަ މަސައްކަތަށް ލޯބި ކުރާ އަދި ކުރާ ކަމެއް އެންމެ ފުރިހަމަ އަށް ކޮށް ދިނުމުގައި ލާމަސީލް ނަމޫނާއެއްގެ ގޮތުގައި ޖަމީލާގެ ދަރިން ސިފަ ކުރެއެވެ.

މިހާރު އެ ކުދިންގެ ހުވަފެނަކީ މަންމަ ދިވެހި ބޭސްވެރިކަމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން އޭނާގެ މަންމަ އުފައްދާ ދިވެހި ބޭހެއް ބްރޭންޑެއްގެ ގޮތުގައި ރަޖިސްޓާކޮށްގެން މާކެޓަށް ނެރުމެވެ. އެ ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ އަޒުމްގައި އޭނާގެ ދަރިން މިހާރު ކުރަމުން ދާ މަސައްކަތުގެ ފަހަތުގައި ވަނީ ޖަމީލާގެ ބޭސްވެރިކަން ތާ އަބަދަށް ދިރުވާ އާލާ ކުރުމުގެ ފޮނި އުންމީދެވެ.