132 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް މިދިޔަ ހަފުތާގެ ކުރީކޮޅު، ޗައިނާގެ ފަރުބަދަ މަތީ ސަރަހައްދަކަށް ވެއްޓުނު ޗައިނާ އީސްޓާންގެ ބޮއިންގް 737-800 މަރުކާގެ މަތިންދާ ބޯޓުގެ 2 ވަނަ ކަޅުފޮށިވެސް ހޯދައިފިއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި އޮރެންޖު ކުލައިގެ ހޮޅިބުރިއެއް ޒާތު އެއްޗެއްގެ ތެރޭގައި އޮންނަ މި ކަޅުފޮށި ފެނިފައި ވަނީ، ފަރުބަދަ ކަންކުތިވާ ހިސާބުން، ބިމުގެ ގާތްގަނޑަކަށް 1.5 މީޓަރު ނުވަތަ 5 ފޫޓު އަޑިންނެވެ. ތަޖުރިބާކާރުން ވަނީ މިއީ 2 ވަނަ ކަޅުފޮށިކަން ކަށަވަރު ކޮށްދީފައެވެ. ބޯޓު ވެއްޓިގެން އައިސް ޖެހުނުލެއް ބާރުކަމުން، ފަރުބަދައިގެ އަރިމަތީގައި 20 މީޓަރު ނުވަތަ 65 ފޫޓުގެ ވަޅުގަނޑެއް ވަނީ ހެދިފައެވެ.
މަތިންދާ ބޯޓުތަކުގައި ހިމެނޭ 2 ކަޅުފޮށީގެ ތެރެއިން ކޮކްޕިޓް ވޮއިސް ރެކޯޑަރު ފެނިފައި ވަނީ 2 ވަނަ ކަޅުފޮށި ފެނުމުގެ 4 ވަރަކަށް ދުވަސް ކުރިންނެވެ. މި 2 ކަޅުފޮއްޓަކީ ބޯޓު ވެއްޓެން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް، ތަހުގީގު ޓީމަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދޭނެ 2 އާލާތެކެވެ.
ބޯޓު ވެއްޓުނީ އިންތިހާއަށް އެކަހެރިކޮށް އޮންނަ، ފަރުބަދަމަތީ ސަރަހައްދަކަށް ކަމުން، ބޯޓުގެ ބައިތަކާއި ކަޅުފޮށި ހޯދުމުގެ މަސައްކަތް މާ ފަސޭހަ ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
ޗައިނާ އީސްޓާން ފްލައިޓް އެމްޔޫ-5735 މިދިޔަ ހޯމަ ދުވަހު ވެއްޓުނީ، ކުންމިންގްއިން ފުރައިގެން ގުއާންގްޝޫއަށް ދަތުރު ކުރަމުން ދަނިކޮށް، މަންޒިލާ ވަރަށް ކައިރިވެފައި ވަނިކޮށެވެ. ބޯޓު އުދުހެމުން ގޮސް ކުއްލި ގޮތަކަށް ތިރިއަށް ދާން ފެށުމުން، އެއާ ޓްރެފިކް ކޮންޓްރޯލަރުން ވަނީ ބޯޓާ ގުޅަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.
ބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރު ފެނުނީ ހާދިސާ ހިނގާތާ 2 ދުވަސް ފަހުން، މިދިޔަ ބުދަ ދުވަހުއެވެ. ކޮކްޕިޓް ވޮއިސް ރެކޯޑަރު މިހާރުވަނީ އެނާލިސިސް ހެދުމަށްޓަކާ، ޗައިނާގެ ވެރިރަށް ބެއިޖީންގްއަށް ގެންގޮސްފައި ކަމަށް ހަބަރު ލިބެއެވެ.
123 ފަސެންޖަރުންނާއި 9 ކުރޫއިން ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު ފްލައިޓް އެމްޔޫ-5735 އިން ދަތުރު ކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ވެފައިނުވާ ކަމަށް، ޗައިނާގެ އޮފިޝަލުން ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އިއުލާން ކުރައްވާފައެވެ. މިހާތަނަށް ހަދާފައިވާ ޑީއެންއޭ އެނަލިސިސްތަކުން 120 މީހެއްގެ ހަށިގަނޑު ކަށަވަރު ކުރެވިފައި ވާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ބޯޓު ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވާ ސާޗް ޓީމުތަކުން ވަނީ ބޯޓުން ދަތުރު ކުރި ބައެއް މީހުންގެ އައިޑީ ކާޑާއި ބޭންކު ކާޑު ފަދަ ބައެއް ޒާތީ ސާމާނުވެސް ހޮވާފައެވެ.
ޗައިނާގައި އޮޕަރޭޓް ކުރާ މައިގަނޑު 4 އެއާލައިން ތެރޭގައި ހިމެނޭ ޗައިނާ އީސްޓާންއާއި އެ ކުންފުނީގެ ދަށުން ހިންގާ ކުދި ކުންފުނިތަކުން ވަނީ، ބޮއިންގް 737-800 މަރުކާގެ ހުރިހާ ފްލައިޓެއް ގްރައުންޑް ކޮށްފައެވެ. އެއީ ޖުމުލަ 223 މަތިންދާ ބޯޓެވެ. މި ފިޔަވަޅަކީ ރައްކާތެރި ކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށާ، އެއްވެސް ހާލެއްގައި ބޯޓުތަކުން މައްސަލައެއް ފެނިގެން އެޅި ފިޔަވަޅެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
ބޮއިންގް ކުންފުނިން ވަނީ އިސްވެ، ހަދިސާ ތަހުގީގު ކުރަމުން ދާ ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންއާއި އެމެރިކާ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ މަސައްކަތަށް، ބޮއިންގް ކުންފުނީގެ ފަންނީ ޓީމަކުން އެއްބާރުލުން ދެމުން އަންނަ ކަން ހާމަ ކޮށްފައެވެ.
ޗައިނާ އީސްޓާންގެ ފްލައިޓް ވެއްޓުނުއިރު އޭގައި އެއްވެސް ބިދޭސީއަކު ނެތް ކަމަށް މައުލޫމާތު ލިބެއެވެ.