ހިޔާ ފްލެޓް ސަރަހައްދުގައި "މަންސަ" ނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މާދަމާ ހަވިރު ބާއްވަން ހަމަޖައްސައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހިޔާ ފްލެޓް ހުންނަ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ ކޯޕަރޭޝަންގެ އެދުމެއް ކަމަށެވެ. އެ ގޮތުން މާދަމާ ހަވީރު ބާއްވާ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ، ހަވީރު 4:15 އިން ފެށިގެން އިރުއޮއްސި 6:00 އަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ޕްރޮގްރާމްގައި ފަސްޓް އެއިޑްގެ މައުލޫމާތު މޯލްޑިވްސް ރެޑް ކްރެސެންޓް އިން ދޭން ނިންމާފައިވާ އިރު، ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންކަމުގެ މައުލޫމާތު ދިވެހި ފުލުހުން ދޭނެއެވެ. ކުނި މެނޭޖްކުރުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދޭ އިރު ދުޅަ ހެޔޮ ސިއްހަތާ ގުޅޭ ގޮތުން ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދޭނެއެވެ، އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ގޮތުން އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދާދި ފަހުން ވެސް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގާ އިޖުތިމާއީ މައްސަލަތައް އިތުރުވަމުން އަންނާތީ، އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ފުލުހުން ހިންގާފައެވެ. ހަމައެއާއެކު ސްތޭލްކޯގެ ފަރާތުން ކަރަންޓު އިސްރާފް ނުކޮށް ބޭޏުންކުރާނެ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމާ އެކު ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވާފައެވެ.