ޔޫކްރައިންއަށް އަރާ ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވުމަށް އެހީތެރިކަން ފޯރުކޮށްދީފިނަމަ، އެކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު، އެމެރިކާއިން ޗައިނާއަށް ދީފިއެވެ.

ބައިނަލްއަގުވާމީ މީޑިއާގައި ނަން ހާމަ ކުރައްވާފައި ނުވާ އެމެރިކާގެ އޮފިޝަލުންތަކެއް ވަނީ، ރަޝިއާއިން ޗައިނާގެ އަސްކަރީ އެހީއަށް އެދިފައި ވާ ކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ އެހީއަށް ރަޝިއާއިން އެދިފައި ވާ ކަމަށް މީޑިއާގައި ފެތުރިފައި ވާ ވާހަކަތަކަށް ޗައިނާއިން ސީދާ އިބާރާތުން އިންކާރު ނުކުރި ނަމަވެސް، ޗައިނާއާ ބެހޭ ގޮތުން އެމެރިކާއިން ދޮގު މައުލޫމާތު ފަތުރަމުން ދާ ކަމަށް ޗައިނާ ސަރުކާރުން ވަނީ ބުނެފައެވެ.

ޗައިނާ ހާރިޖިއްޔާގެ ތަރުޖަމާނު ޝާއޯ ލީޖިއާން ވިދާޅުވީ ޔޫކްރައިން ހަނގުރާމައާ ގުޅިގެން އެމެރިކާއިން ފަތުރަމުން ދަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށާ، އެކަމުގެ ފަހަތުގައި އޮތީ ނުބައި ނިޔަތެއް ކަމަށެވެ.

ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވަނީ، އެއްވެސް ގައުމަކުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުން ސަލާމަތް ވުމަށް ރަޝިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު، އެއްވެސް ބަޔަކަށް ނުދޭޏެ ކަމަށް ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، އަސްކަރީ ބާރާއެކު ޔޫކްރައިންއަށް އަރާ ރަޝިއާއިން ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށް، ޗައިނާއިން ބަހެއް ބުނެފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ރަޝިއާ ސަރުކާރުގައި ހުރި ސަލާމާތީ ކަންބޮޑުވުންތަކަކީ ސީރިއަސް ގޮތެއްގައި ރިއާޔަތް ކުރުމަށް ޗައިނާއިން ވަނީ ގޮވާލާފައެވެ.

ރަޝިއާއިން ޔޫކްރައިންއަށް އަރައިގަތުން ކުށްވެރިކޮށް، އދގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ވަކިކޮޅަކަށް ވޯޓުދިނުމުން ބަރީއްޔަ ވީ 35 ގައުމުގެ ތެރޭގައިވެސް ޗައިނާ ހިމެނެއެވެ.